ވައު ފުރޭތާގޭ ހަގީގަތް!

އާމިނަތު ސަމާ

ވާހަންޑި، ވާފުރޭތަ، ވާޖިންނި، ކާފަރު ހަންޑި،ލޮނދި ކުއްޖާ،  ކޮން މެ ނަމަކުން ގޮވިޔަސް ހަމަ އެކައްޗެކެވެ. ކުރަނީ އެއްއުނދަގުލެކެވެ. އެސޮރު ނޫޅެތަނެއް ނޫޅެ ގައަމެއް މިދުނިއެމަތީ ހުންނަކަމަކަށް ނުވެއެވެ.

އޭގެ ޝިކާރަޔަކަށް ވާމީހާ ނިދާފަ އޮށްވާ ކުއްލިޔަކަށް ހޭލެވެއެވެ. އެނދުން ތެދުވަން މަސައްކަތްކުރިޔަސް ނުތެދުވެވެއެވެ. އަތްފައި ގުޑުވާވެސް ނުލެވެއެވެ. ގާމަތީގައި ޖިންސީ އެދުމުން ފޯވެފައިވާ މަޙްލޫގެއް އޮތްކަމުގެ އިހްސާސް ކުރެވެއެވެ.  ބައެއްފަހަރު މޭމަތީގައި އަތްއަޅާ ބާރަށް ފިއްތާ ނޭވާހާސްކުރަން އުޅޭހެން ހީވެއެވެ. ނުލަފާޒާތުގެ ހިޔަނިތައް ކުރިމަތިން ފާޅުވެއެވެ. އެހިޔަނިތައް ކާރިޔަށް އަންނަކަމުގެ އިހްސާސް ކުރެވެއެވެ. ފިޔަވަޅުގެ އަޑު އިވެއެވެ. ބިރުން ހަޅޭލަވާގަންނަން މަސައްކަތް ކުރިޔަސް އެއްކަމެއްވެސް ނުވެއެވެ. ދުލެއް ނުވީއްލެއެވެ. އަތެއްފައެއް ގުޑުވާވެސް ނުލެވެއެވެ. ނަމަވެސް ވަށައިގެން ހިނގާ ހުރިހާކަމެއްވެސް އިނގެއެވެ. ގިނަފަހަރު އެސޮރުގެ ކިބައިން ސަލާމަތްވަނީ ކޮންމެވެސް އެހެންމީހެއްގެ ހިލަމެއް ވުމުން ނުވަތަ އެހެން މީހަކު އައިސް އަތްލުމުންނެވެ.

ވާހަންޑީގެ އުނދަގުލަކީ ވަރަށްވެސް ބިރުވެރި ތަޖްރިބާއެކެވެ. އިހަވަންދޫގެ ގިނަމީހުން ޤަބޫލުކުރާގޮތުގައި މިކަމަކީ ޖިންނިއެއްގެ ސަބަބުން ދިމާވާ އުނދަގުލެކެވެ. އިހަވަންދޫ ނޫނަސް ރާއްޖޭގެ ގިނަ މީހުންނާއި ގިނަ ޤައުމުތަކުގެ މީހުންވެސް ޤަބޫލު ކުރާގޮތުގައި މިއީ ޖިންނި އެއްގެ ސަބަބުން ވާ ކަމެކެވެ.

މީހަމަ ޖިންނިއެއް ނުވަތަ ހަންޑިއެއްގެ ސަބަބުން ދިމާވާ ކަމެއްބާވައެވެ؟ ނޫނީ ފަންޑިތަވެރިކަމެއް ބާވައެވެ؟ އެސްފީނާއެއްގެ ނަތީޖާ ބާވައެވެ؟ ނޫނީ ނަފްސާނީ ބައްޔެއް ނުވަތަ ހުވަފެނެއް ބާއެވެ؟ މިސުވާލުތަކުގެ ޖަވާބު ހޯދުމަށް ކުޑަކޮށް ދިރާސާ ކޮށްލީމެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭމީހުންނަށް މިކަންތައް ދާދި އެއްގޮތަކަށް ދިމާވާކަން ފާހަގަ ކުރެވުނުވެ. ނަމަވެސް އެކިގައުމުތަކާއި އެކި ނަސްލުތަކުގެ މީހުންނަށް މިކަމުގެ ތަޖްރިބާ ކުރެވެނީ ވަރަށް ތަފާތުކޮށެވެ.

އެތަފާތު ބިނާވެގެން އަންނަނީ އެބައެއްގެ އާދަކާދައާއި ދިރުއުޅުމުގެ ވައްޓަފާޅިއާއި ތަފާތު ގަބޫލުކުރުން ތަކުގެ މައްޗަށްކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެކި ސަގާފަތްތަކުގައި ޤަބޫލުކުރާ އެކިއެކި ހަންޑިންނާ މިކަން އެސަގާފަތެއްގެ ބަޔަކު ގުޅުވާލައެވެ.

އެމެރިކާ މީހުންގެ އާންމުވިސްނުން ހުންނަގޮތުގައި މިކަމަކީ ނިދީގައި އެމީހުންގެ ގާތަށް އޭލިއަނުން  އައިސް އެމީހުން ނިދާފައިތިއްބާ “ޕެރަލައިސް” ކޮށް ކުރާޖެއްސުމެއްގޮތުގައެވެ. މިތަނުގައި ފާހަގަވާކަމަކީ އެމެރިކާގެ މީހުންގެ އާންމުވިސްނުމުގައި އޭލިޔަނުންނަކީ ވުޖޫދުގައި ވާބައެއްކަމަށް ގަބޫލުކުރާކަމެވެ.

ސިހުރާއި ހާހޫރައިން ފުރިފައިވާ ހުޅަނގު އެފްރިކާގެ ބައެއް ޤައުމުތަކުގެ މީހުން ޤަބޫލުކުރާގޮތުގައި މިކަމަކީ ސިހުރުވެރިއެއް ނިދާފައި އޮންނަމީހެއްގެ ގަޔަށް ސަވާރުވުމުން ދިމާވާ ކަމެކެވެ. ނަމަވެސް އިރުމަތީ އެފްރިކާގެ ޤައުމުތަކުގެ ގިނަމިހުންގެ އާއްމުވިސްނުން މިކަމުގައި ހުންނަގޮތަކީ އެމީހުންގެ ނިދީގައި ޝައިޠާނާ އައިސް ގައިމައްޗަށް އަރާއިނދެ އެމީހުންގެ ފުށުން ޖިންސީ އުފާ ހާސިލުކޮށް ގަންނަނީ ކަމުގައެވެ.

ޖަޕާނު މީހުން މިކަމަށް ކިޔާއުޅެނީ  ދަ އޯލްޑު ހެގް އެވެ. އެމީހުން ގަބޫލުކުރަނީ ބިރުވެރި ސޫރައެއްގައި ހުންނަ މުސްކުޅި އަންހެން  ޝައިޠާނެއް ރޭގަނޑުގެ ގަޑީގައި އައިސްގެން ކުރާ އުނދަގުލެއް ކަމަށެވެ.

ކަޝްމީރުގެ މީހުން ޤަބޫލުކުރާގޮތުގައި މީ ޕަސިކްދަރ ކިޔާ ލޮލަށް ނުފެންނަ މަހްލޫގެއްގެ ސަބަބުން ދިމާވާ ކަމެކެވެ. އެމީހުން ޤަބޫލުކުރާގޮތުގައި އެމަޙްލޫގަކީ ކޮންމެ ގެއެއްގަވެސް އުޅޭ އެއްޗެކެވެ. އޭތީގެ ގޯނާއާއި ކުރިމަތިލާންޖެހެނީ ގޭތެރެ މުޑުދާރުވުމުންނާއި ގޭތެރޭގައި އަޅުކަން ކުރެވޭ ވަރުމަދުވުމުން ކަމަށް އެމީހުން ގަބޫލުކުރެއެވެ.

ނަމަވެސް ޑަކްޓަރީ އިލްމުވެރިންނާއީ ބައެއް އިސްލާމީ ޝައިހުން މިކަމުގައި ދެކިލައްވާގޮތް ވަރަށް ތަފާތެވެ. ޑަކްޓަރީ އިލްމުގައި މިހެންވުމަށް ކިޔައިއުޅެނީ “ސްލީޕް ޕެރަލައިސިސް” އެވެ. މިކަމަކީ ހަށިގަނޑުގެ އާއްމު މަސައްކަތުގެ ތެރެއިން ހިނގާ ކަމެއްކަމަށް ވެއެވެ. ނިދުމުން ސިކުނޑިން މަސްތަކަށް ދެމުންދާ ސިނގުނަލްތައް ދިނުން ހުއްޓާލައެވެ. މިހެން މިކަންވަނީ ހުވަފެނުގައި ކުރެވިދާނެ ހަރަކާތަކުން ހަށިގަނޑަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށެވެ. “ސްލީޕް ޕެރަލައިސިސް” ދިމާވާ މީހުންނަށް އެމީހުންގެ ސިކުނޑިން މަސްތަކަށް ދެމުންދާ ސިނގުނަލް ދޭންނުފަށަނީސް ހޭލެވެނީއެވެ. އެހެންވުމުން އަތެއް ފައެއް ގުޑުވައި ނުލެވި ވަގުތީ ވާވުމަކަށް މީހާދަނީއެވެ.

ވާހަންޑީގެ ކުޅިގަނޑު ފެށޭކަމަށްވަނީ މިހިސާބުންނެވެ. ވަގުތީ ވާވުން ވަނީ ބިރުވެރިކަމުން ފުރިގެންވާ ކަމަކަށެވެ. އެބިރުވެރިކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް ކުރިމަތިވެއެވެ. ހެލޫސިނޭޝަން ފެނުމާއި ބިރުވެރި އަޑުއަޑު އިވުންފަދަ ކަންކަމެވެ. މިގޮތުން ހަށިގަނޑު ޕެރަލައިސްވެފައި އަތްފައި ތަޅުވައި ނުލެވި، ދުލުންބަހެއް ނުބުނެ އޮންނަ  އޮތުމަކީ ހަމަހަގީގަތެކެވެ. އަދި ހަމަ ކޮޓަރި ތެރޭގައި މީހަކު ހިނގާ އަޑު އިވުން ކަހަލަ އަޑުތަކަކީ ބޭރުތެރެއިން  އިވޭ ކޮންމެވެސް  އަޑެއް  އެވަގުތު އޭނާއަށް އިޙުސާސްކުރެވޭގޮތެވެ. އަދި ބައެއް ފަހަރު ތިމާ އަމިއްލަ ހިތުގެ ތެޅުންވެސް މި ގޮތަށް ސިފަކުރެވިދެއެވެ. ގައިމަތީގައި ބިރުވެރި އެއްޗެއް އިންނަކަމަށް ފެންނަފެނުމާއި ކުރެވޭ އިޙްސާސްތަކަކީ ސްލީޕިން ޕެރަލައިސިސްގައި ތިމާގެ މެއަށް ފިތިފައި ހުންނަ ހުރުމެއްގެ ސަބަބުން ވާ ކަމެކެވެ.

ސިކުނޑީގެ ސިނގުނަލްތައް މަސްތަކަށް ފޯރަމުން ދާވަރަކަށް ހަށިގަނޑު ޕެރަލައިސް ވުން ފިލަމުންދާނެ އެވެ. އަދި އެއިވެމުންދާ އަދި ސިފަވަމުންދާ ބިރުވެރި އަޑުތަކާއި މަންޒަރުތައް ނެތެމުންދާނެއެވެ. މިފަދަ ހާލަތެއްގައި ކުއްލިޔަކަށް ތެޅިފޮޅި ގަންނާން ނޫޅެ އަދި ބާރަށް ހަޅޭއްލަވަން މަސައްކަތް ނުކޮށް މަޑު މަޑުން  އަތާއި ފައިގެ އިނގިލތައް ތަޅުވަމުން އަދި ދުލުންނާއި ލޮލުންވެސް މަޑުމަޑުން ހަރަކާތް ކުރަން ފެށުމުން ތިބާގެ ހަށިގަނޑުގެ ހެލިފެލި ވުމަށް ފަސޭހަވާނެއެވެ.    ނަފުސާނީ ޢިލްމުވެރިންނާއި މި ކަމުގެ ބައެއް ދަންނަ ބޭކަލުން އިރުޝާދު ދެއްވަނީ ނަފުސާނީ ގޮތުން މީހާ ބަލިކަށިވެދާނެ ކަމަށްޓަކައި މިއީ ކިހިނެއް ވާކަމެއްކަން އޮޅުން ފިލުވުން މުހިއްމުކަމަށެވެ.

ބައެއްކަހަލަ ބަލިތަކާއި ގުޅިގެންވެސް މިކަން މެދުވެރިވެއެވެ. އެގޮތުން މައިގުރެއެއިން ، އެންޒައިޓީ ޑިސްއޯޑާރ ކަހަލަ ބަލިތައް ފާހަގަ ކުރެވެއެވެ. އަދިހަމަ އެހެންމެ އުއްޑުން އޮވެނިދުމުންނާއި ނިދަން ބޭނުންނުވެ ނިދުމުންވެސް މިކަން ދިމާވާކަމަށްވެއެވެ.