Banner Image Description

ވެއްޔާނުލާ ގަސްހެއްދުން 4

ފަތުޙުﷲ އަޙުމަދު ރަޝީދު

ފެނުގައި ގަސް އިންދާ ހައްދަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް މިކަން ތަޖުރިބާ ކުރުމަށްޓަކައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފުޅީގައި ގަސް އިންދިދާނެއެވެ. މިއީ، ގޯތިތެރޭގައި ވާ ހުސްތަންކޮޅުގައި ޚަރަދު ކުޑަ ގޮތަކަށް ކުރެވިދާނެ މަސައްކަތެކެވެ. މިކަމަށްޓަކައި ބޭނުންވާނެ ސާމާނާއި ކަން ކުރެވިދާނެ ބައެއް ގޮތްތައް ހުށަހަޅާލާނަމެވެ.

ފުޅީގައި ގަސްހެއްދުމަށްޓަކައި ބޭނުންވާނެ މައިގަނޑު އެކައްޗަކީ ޕުލާސްޓިކް ހުސްފުޅިއެވެ. ހައްދާ ގަހެއްގެ ބާވަތުން ފުޅީގެ ސައިޒު ބޮޑުކުރެވިދާނެއެވެ. މިގޮތުން، މިރުސް ހައްދަން ބޭނުންނަމަ ކުޑަވެގެން 2 ލީޓަރުގެ ކޯކު ހުސްކުރި ޒާތުގެ ފުޅިއެއް ރަނގަޅުވާނެއެވެ. ފުޅިއެއް ހޯދުމަށްފަހު، ރަނގަޅަށް ފުޅި ދޮވެލާ ސާފުކޮށްލަންވާނެއެވެ. ކުޑަ ބްލީޗް ފޮދެއް ބޭނުންކުރުން އެދެވިގެންވެއެވެ. އެއަށްފަހު، ފުޅީގެ ތިރިން ތިންބައިކުޅަ އެއްބައި ހުންނާނެވަރު ބަލާ ފުޅި ދެބުރިއަށް ބުރިކޮށްލާށެވެ. ފުޅީގެ ކުރީކޮޅު އެއީ ގަސް އިންދުމަށް ބޭނުންކުރާ ބައެވެ. ފަހަތުބައި އެއީ ފެން އަޅާފައި ބަހައްޓާބައެވެ. ބޭނުންނަމަ ދެ ފުޅި ބޭނުންކޮށްގެން ގަސް އިންދާ ބަޔާއި ފެންއަޅާ ބަޔާ އެއް ސައިޒަކަށް ހެދިދާނެއެވެ. އޭރުން، އަވަސް އަވަހަށް ފެންއަޅަން ޖެހޭ ޖެހުމަށް ކުޑަ ލުޔެއް ލިބޭނެއެވެ.

އެއަށްފަހު، ފުޅީގެ މަތީގައި ހިމަ ލީވަޅެއް އަޅާށެވެ. އަދި އެޅޯވަޅަށް ވަންނާނެ ޒާތުގެ އުއި ފޮތި ފަށެއް، (ކޯކު ފުޅިއެއްގެ ދިގުމިނުގެ) އެ ލޯވަޅުން ތިރިއަށް ބާލާށެވެ. އަދި ފުޅި ބައްތީގައި ހުންނަ ފަދައިން ފެން އެޅުމުން އެފެންތައް ގަހުގެ މޫތަކުން ނެގުމަށް ފަސޭހަވާނެ މިންވަރަށް ފޮތިފަށް ފެނުގެ ތެރެއަށް ލެވޭ ވަރަށް ދިގުކޮށް ބާވާށެވެ.  މިއީ ގަހަށް ބޭނުންވާ ކާނާ އާއި ފެން ނަގައިދޭނޭ ފީތާއެވެ. ފީތާގެ އަނެއް ކޮޅު ގަސް އިންދުމަށް ބޭނުންކުރާ ބަޔަށް ލާށެވެ. އަދި ގަސްއިންދުމަށް ބޭނުންވާ ބަޔަށް ކަފަ ނުވަތަ ބޮނބިކުނޑި ފަދަ ގަސް އިންދާ ހެއްދިދާނެ  ފަދަ ކޮންމެ އެއްޗެއް އެޅިދާނެއެވެ. ދެން ގަސް އިންދާށެވެ. ނުވަތަ އޮއް އިންދާށެވެ. އޮއް އިންދާނަމަ ފީތާގެ ކޮޅާއި ވީވެސް ކައިރީގައި އޮއް އިންދުމަށް ސަމާލުވާށެވެ. އެއީ ގަސް ފެޅުމަށް ބޭނުންވާ ފެން ފަސޭހައިން ލިބޭނީ އޭރުންނެވެ. ފެން އަޅާފައި ހުންނަ ފުޅިބުރިން ފެން މަދުވާ ވަރަކަށް ފެން އަޅަންވާނެއެވެ. އަދި ފެން އަޅާ ކޮންމެ ފަހަރަކު ފެންއަޅާ ނިސްބަތަކުން ކާނާ ގިރުވަން ވާނެއެވެ. ގަސް ބޮޑުވަމުންދާ މިންވަރަކުން ފުޅި ވަޔަށް ވެއްޓިދާނެކަމަށްބަލާ އެކަމަށް ސަމާލުވަންވާނެއެވެ.

މި ނިޒާމަށް ބަލައިގެން އަމިއްލަ އުފެއްދުމެއް އުފެއްދިދާނެއެވެ. މިގޮތުން، ތެޔޮ ހުސްކުރި ހަމާއި ޕުލާސްޓިކް 200 ލީޓަރުގެ ހަން ފަދަ ތަކެތީގެ އެހީގައި އަމިއްލަ އީޖާދެއް ކުރެވިދާނެ ކަމަށް ޤަބޫލުކުރެވެއެވެ. މިފަދަ ނިޒާމެއްގައި މިރުސް، ކިއުކަންބާ، ކެޕްސިކަމް، މިލަން، ޓޮމާޓޯ ބަރަބޯ، ކެބެޖް، ކެރެޓް ފަދަ ބާވަތްތަކުގެ ގަސްތައް ހެއްދިދާނެއެވެ.