ހަޤީޤީ ހާދިސާ: މެރުމަށް ތައްޔާރުކުރެވިފައިވާ މީހާ އެކަމުން ސަލާމަތްވިގޮތް

ޢަބުދުﷲ ޙަމީދު

ބަލާލް އޭ ނަމަކަށް ކިޔުނު އީރާންގެ އެ ޒުވާނާ ދަންޖެއްސުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ގެނެވުނެވެ. އެއިރު އެތަނުގައި މަންޒަރު ބެލުމަށް އެތަށްބަޔަކު އެއްވެފައި ތިއްބެވެ.

ބަލާލް މެރުމަށް ހުކުމް ކޮށްފައި ވަނީ މީހަކު މެރި ކަމުގެ ކުށް ސާބިތުވެގެންނެވެ. ބަލާލް އަތުން މަރުވެފައިވަނީ ޢަބުދުﷲ ހުސެއިން ޒައިދީ އޭ ކިޔުނު މީހަކު އެވެ. އެއީ މީގެ ހަތްއަހަރު ކުރިއެވެ.

ދަންޖައްސާ ސަރަހައްދަށް ގެނައުމާއި އެކު، ބަލާލުގެ ލޯމަތިން ކަޅުފޮތިގަނޑެއް އަޅައި ކަނުބަނދެވުނެވެ. ލަކުޑިން ހަދާފައިވާ ގޮނޑިއަކަށް އަރުވައި ކަރަށް ދަންމަޅި މަހާލެވުނެވެ. ދަންމަޅި އަށް ބާރުކޮށް، ވައިގަނޑުގެ ކޮޅު ނުމޮހޭނެހެން ކައިރީގައި ބިމަށް ހަރުކޮށްފައި ހުރި ދަނގަޑު ހޮޅިއެއްގައި ވަރުގަދައަށް ބަނދެލެވުނެވެ.

ބަލާލް ދަންޖެއްސުމަށް ހަމަޖެހިފައިވަނީ ބަލާލު އަރައިގެން ހުރި ގޮނޑި ދަމާގަނެގެން ނެވެ. ގޮނޑި ދަމާގަތުމަށް ހަމަޖައްސާފައި ވަނީ ބަލާލުގެ އަތުން މަރުވި، ޢަބުދުﷲ ހުސެއިން ޒައިދީގެ މަންމައާއި ބައްޕަގެ އަތުން ނެވެ.

ވަށައިގެން ދަނގަޑު ޖަހައި ބަންދުކޮށްފައިވާ ސަރަހައްދުގެ ބޭރުގައި ތިބި މީހުން ނޭވާ ހިފަހައްޓާލައިގެން ތިއްބާ ދެން ފެނުނީ އަޖައިބު ކުރުވަނިވި ކަމެކެވެ. ޢަބުދުﷲ ހުސެއިން ޒައިދީގެ މަންމަ އައިސް ބަލާލްގެ ކޯތާފަތްމަތީ ޖެހި އެވެ. އެއަށްފަހު އޭނާގެ ކަރަށް މަހާފައިވާ ދަންމަޅި ކަރުން ނަގައި އޭނާއަށް މަޢާފު ދީފި ކަމަށް ބުންޏެވެ.

ބަލާލު ދަންޖައްސާ މަރާލުމަށް ކުރެވުނު އަމުރު ތަންފީޛުކުރުމަށް މަދު ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް، ޤާތިލަށް މަޢާފު ދިނުމަށް ނިންމި ނިންމުމާއި މެދު ވާހަކަ ދައްކަމުން ޢަބުދުﷲ ހުސެއިން ޒައިދީގެ ބައްޕަ ބުނެފައިވަނީ، އޭނާގެ އަންހެނުންގެ ހިތް ބަދަލުވެގެން ދިޔައީ ފެނުނު ހުވަފެނެއްގެ ސަބަބުން ކަމަށެވެ.  މީގެ ތިންދުވަސް ކުރިން އަންހެނުންނަށް ހުވަފެނުގައި ދަރިފުޅު ފެނުނު ކަމަށާއި އޭނާގެ މަރުގެ ބަދަލު ނުހިފުމަށް ދަރިފުޅު ބުނިކަމަށް ޢަބުދުﷲ ހުސެއިން ޒައިދީގެ ބައްޕަ ވަނީ މީޑިއާގައި ބުނެފައެވެ.

މިއާދަޔާ ހިލާފު ހާދިސާގެ ސަބަބުން ބަލާލު ދަންޖައްސާ މެރުމަށް ކުރި ހުކުމް ބަދަލުވެގެން ދިޔަނަމަވެސް އިރާނުގެ ޤާނޫނުގައި ވާގޮތުން ބަލާލު ޖަލަންލުން ފަދަ ގޮތަކަށް ދޭ ޢަދަބެއް ޤާތިލުގެ ވާރިސުންނަކަށް ނުހުއްޓުވޭނެއެވެ.