އެ މީހުންގެ ހުނަރު: "އަޅުގަނޑުގެ މަދަރުސާއަކީ ވެސް އަދި މުދައްރިސަކީ ވެސް މާމަ" - ނިޒާމްބެ

ފާތުމަތު ޝާއިރާ

އެމީހުންގެ ހުނަރު 2 ވަނަ ބައިގައި ގެނެސް ދޭން މިފަހަރު ގަސްތުކުރާ ހުނަރުވެރިއަކީ ހއ. އިހަވަންދޫ ރާހި މުހައްމަދު ނިޒާމް،  އެންމެންގެ ނަމުން ނަމަ (ނިޒާމްބެ)ގެ ވާހަކައެވެ. ތުއްތުއިރު މަންމަ ނިޔާވެ މާމައެއްގެ އުނގުތެރޭން ލޯބި ލިބި ބޮޑުވެ 2 ދަރިންނާ އަނތްބަކާއެކު ވަކި ދިރިއުޅުމެއް އުޅެމުންދާ ނިޒާމްބެއަކީ ހުނަރުވެރި ޒުވާނެކެވެ. އެންމެނާ ގުޅޭ ހީވާގި ކެރޭ ޒުވާނެކެވެ. ޑްރާމާ ލިޔުން، ޅެންހެދުން، ފުޓްބޯޅަކުޅުން، ލަވަކިޔުން ކަހަލަ މުނިފޫހިފިލުވުގެ ދާއިރާގައި ނިޒާމްބެ ވަނީ ކުރިހޯދާފައެވެ. މާ ވަހަކަ ދިގުނުކޮށް ނިޒާމްބެގެ ވާހަކަތަށް ކިޔާލަމާހިގާށެވެ.

ވީޑިއޯ ގްރަފީއަށް ޝައުގު އުފެދުނީ ކިހިނެއް؟

ކޮންމެ އަހަރަކުވެސް ބޮޑުއީދު ކުޅިވަރުތައް ރަށުގަ ކުޅޭތީ އެއް އަހަރަކު ހިތަށް އެރީ ގުރޫޕެއް ހަދައިގެން އައިޓަމްތަކެއް ޑައިރެކްޓް ކުރަންވީއޭ.  އެއީ 2007. އެ ފަހަރު ތައްޔާރު ކުރި އައިޓަމްތައް މީހުނަށް ކަމުދިޔައީމަ ދެން ކޮންމެ އަހަރަކުވެސް ޑްރާމާއެއް ނޫނީ ލަވައެއް ސްޓޭޖަށް ގެނެސްދެނީ. މީހުން އަސްލު އަޅުގަނޑުގެ އައިޓަމްތަކަށްޝައުގު އުފެދުނީމަ އަޅުގަޑުވެސް ޝަައުގު އުފެދުނީ. މީ ހަމަ ބެލުންތެރިން އުފެއްދި ޝައުގެއް. 2007ކުން ފެށިގެން ކޮންމެ އަހަރަކުވެސް އައިޓަމެއް އުފައްދަން.

ޑްރާމާތަކުން ކުރީޒަމާނުގެ ވަރަށް ކުރީގެ ވާހަކަތައް ފެންނަނީ، މީގެ ސިއްރަކީ ކޮބާ؟

ތިހެން ބުނީމަ ހަދާނަށް އަންނަނީ ކުޑައިރު ޝަހާދާއި ދަލީލުތައް ކިޔާ ދިނުމަށް ފަހު މާމަ ކިޔާދޭ ވާހަކަތައް. ހަމަ ގައިމު ވާހަކައެއް ނާހަ އެއްމެ ރެއަކުވެސް ނުނިދަން. އަދި ދުވާލު މާމަ ސާންތި ވިޔާއިރު ކޮންމެވެސް ވާހަކަ ފޮތެއް ކިޔާން އަޅުގަޑަށް ޖެހޭނެ. އެ ވާހަކަތަކުގެ ކުލަ މި ޖެހެނީ މިހާރު އަޅުގަޑުގެ ޑްރާމާތަކުގަ.

އެއްވެސް  ވަރަކަށް ދާއިރާއިން ކިޔެވިންތޯ؟

ނޫން. ނުކިޔަވަން. ހަމަ އެއްވެސް އެއްޗެއް އަދިޔެއް ނުކިޔަވަން. އަޅުގަނޑުގެ މަދަރުސާއަކީ ވެސް އަދި މުދައްރިސަކީވެސް މާމަ ކަމުގާ މިއަދު ބުނެވިދާނެ. ޑުރާމާތަކާ ވާހަކަތައް ވެސް ގިނައިން މި ލިޔަނީ ހަމަ އަމިއްލަ ސިކުނޑިން ވިސްނައިގެން. އަލްހަމްދުލިﷲ ޝުކުރު.

ޑްރާމާއެއް ނުވަތަ ކުރު ފިލްމެއް ހަދާއިރު އެންމެ ވިސްނާ ކަންކަމަކީ ކޮބައިތޯ؟

އީދު ޑްރާމާތައް ހަދާއިރު ވަރަށް ވިސްނަން ބެލުންތެރިން ހެއްވާލެވޭ ކަހަލަ ގޮތަކަށް ތައްޔާރު ކުރެވޭތޯ. ދެން ސްކޫލު ކުދިންގެ މުބާރާތަށް ޑުރާމާ ތައްޔާރު ކޮށްދޭއިރު ވިސްނަނީ މަޖާ ކަންތައްތަކެއްގެ ތެރޭން އިބުރަތެއް ހާސިލް ކޮށްދިނުމަށް. ދެން ކުރު ފިލްމު އެ ދެން އިޖުތިމާއީ މެސެޖެއް ފޯރުކޮށްދެވޭތޯ ބަލަނީ ހަމަ މަޖާގޮތަކަށް.

ޑްރާމާއެއް ތައްޔާރުކުރާއިރު އެންމެ އުނދަގޫވާ ކަންކަމަކީ ކޮބާ؟

މީ ހިލޭ ސާބަހަށް ކުރާކަމަކަށްވާތީ ވަރަށް އުނދަގޫ ޑުރާމާގެ ބައިވެރިން ހޯދަން. މިހާރު ފުރަތަމަ ބައިވެރިން ލިބުމަށްފަހު ޑްރާމާއެއް މި ލިޔެވެނީވެސް. ލިޔެ ނިމޭފަހުންވެސް ބައިވެރިންތަކެއް ނުކުޅޭނަމޭ ބުނެފާނެ. އަސްލު މިހާރު ވަރަށް ހާލުން  އީދު ޑްރާމާއެއް ސްޓޭޖާ ހަމައަށް މި ގެނެވެނީ. ވަރަށް ދެރަ.

މި ދާއިރާގަކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބާ؟

މުޖުތަމައުގެ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގަ ނުލިބުން. އެ ދެން ވަރަށް ބޮޑު ގޮންޖެހުމެއް. އެންމެންގެ އެހީތެރިކަމާ އެއްބާރުލުން ނުލިބި މިކަން ކުރުމަކީ ވަރަށް އުދަގޫ ކަމެއް. މީ އަޅުގަޑު މަންފާއެއް ހޯދަން ކުރާ ކަމެއް ނޫން. މީ ހަމަ ސަދަގާތެއް.

ޑްރާމާތަކާ މެދު މީހުން ދެކެނީ ކިހިނެއް؟

އެކި މީހުން ދެކޭނި އެކި ގޮތަށްދޯ! އަޅުގަނޑު ޑްރާމާ ތައްޔާރު ކުރަނީ ވަކި ބަޔަކަށް ނިސްބަތް ކޮށްފައެއް ނޫން. އެންމެންވެސް ހިތްހަމަ ޖެހިގެން ބަލާ ހިތްވާ ގޮތަށް ތައްޔާރު ކުރެވޭތޯ ބަލަން. ދެން ހުރިހާ އެންމެންވެސް ގަބޫލު ކުރަންވާނެ އެންމެ އެންމެއެއް އިންސާނަކަށް ނުވެވޭނެކަން. ވަރަށް ސަޕޯޓް ކުރާމީހުންވެސް ގިނަ. އަދި ސަޕޯޓް ނުކުރާމީހުންވެސް އުޅޭނެ ދޯ. މީހުންނާ ތި ފަރާތުން ވާހަކަ ދައްކާލީމަ އޭރުން އެނގިދާނެ ދޯ އަޅުގަނޑަށް އޮތް ސަޕޯޓް.

މުސްތަގުބަލްގައި ދާއިރާއިން ކުރިއަށް ދާންް ވިސްނަނީ ކިހިނެއް؟

އަދި ހަމަ ކުރިޔަށްދާނަން. ކޮންމެ ސިފައެއްގަ ނަމަވެސް ބެލުންތެރިންނަށް ހިތްހަމަ ޖެހުމެއް ދެވޭތޯ މަސައްކަތް ކުރާނަން. “ނިޒާމް ޑައިރެކްޝަން” ގެނަމުގަ ފޭސްބުކް ޕޭޖަކާ ޔޫޓިއުބު ޗެނަލެއް މިހެދީ އެހެންވެ. އަސްލު ހީކުރާ އެންމެނެއް ސަޕޯޓެއް ނުކުރެ. ދޯ! އިރާދަ ކުރެއްވިއްޔާ ސަޕޯޓު ދީ ހިތްވަރުދޭ މީހުން ގިނަވާނެ ކަމަށް ވަރަށް އުންމީދުކުރަން. މުސްތަގުބަލްގާ މި ޕޭޖަކީ ދިރިއުޅުމަށް ބޭނުންވާ އެތައް ފިލާވަޅުތަކެއް ލިބިގެން ދާނެ ޕޭޖަކަށް ހެދުން މީ އަޅުގަނޑުގެ ވިސްނުން. އަދި ސިލްސިލާ ޑްރާމާތަކަށްވެސް ވިސްނުން އެބަހުރި.

“ނިޒާމްޑައިރެކްޝަން” ޕޭޖުގެެ ހިޔާލަކީ ކާކުގެ ހިޔާލެއް؟

އެ ހަމަ އަޅުގަނޑުގެ ހިޔާލެއް. އަސްލު އަޅުގަނޑު ކޮށްފަ ހުންނަ މަސައްކަތްތައް އަޅުގަނޑާ ވަކިވެގެން ދާތީ ޕޭޖު މިހެދީ. ޑްރާމާތައްވެސް އީދަށްފަހު މި ގެއްލެނީ. ވަރަށް ގިނަ ޑްރާމާތައް ވެއްޖެ ގެއްލިފަ. އަސްލު އެ ވަރަށް މަސައްކަތް. ދެން މިހާރު ޕޭޖަށް ލީމަ ފެންނަން ހުންނާނެ. ނެތިދިޔަޔަސް މަސައްކަތްތައް ހުންނާނެ ހުރިހާ ޖީލަކަށް. އަޅުގަނޑާ އެކު ވަޅުލާކަށް ނުޖެހޭނެ.

ސޯޝަލްމީޑިޔާގަ ވީޑިއޯތަކަށް ލިބޭ ތަރުހީބު ސިފަކުރާނީ ކިހިނެއް؟

ވީޑިއޯތަކަށް ތަރުހީބު ލިބެޔޭވެސް ދެންނެވިދާނެ. މިބުނީ  ޕޭޖްފޮލޯކޮށް ލައިކު ލިބިފަހުރި ނިސްބަތުން. އަދި 1000 އަށް ނާރަ. ދެން ތަރުހީބު ނެތޭވެސް ބުނެވިދާނެ. އެ ވީޑިއޯތައް ޝެއާ ކުރާލެއް ވަރަށް މަދު. އެއީ ފޭނުން މަދުވީމަ ދޯ؟

މިދާއިރާއިން ލިބުނު އެންްމެ ބޮޑު ކާމިޔާބީކޮބާ؟

އެހެން އަޅުގަޑަކަށް ކާމިޔާބެއް ނުލިބެ. އެކަމަކު އުފާވޭ އަޅުގަނޑުގެ އުފެއްދުންތެރިކަމަށް މީހުން ތައުރީފު ކުރާތީ. އެގޮތުން ވަރަށް އުފާވި މިރަށުގަ ބޭއްވި ޅެންވެރިންގެ ގުންޒަރު ޝޯވް ގަ އަޅުގަނޑު ތައްޔާރުކުރި ޔަމަނުގެ މައުސޫމާ އަށް އެންމެން ކޮޅަށް ތެދުވެ އެދިން ތަރުހީބު. ދެން މި ދާއިރާއިން ކުރިޔަށް ދިޔުމަށް އަޅުގަޑަށް ލިބުނު ރަނުގެ ފުރުސަތު.

އެ ފުރުސަތަކީ ކޮބާ؟

އެ ސިއްރެއްގޮތުގަ އިހަށްބާއްވަމާ..

އެންމެ ހިތްހަމަ ޖެހޭ ޑްރާމާތަކަކީ ކޮބާ؟

ޔަމަނުގެ މައުސޫމާ، ރިހާކުރު، މަދިރި(ސްކޫލު ޑްރާމާއެއް)، ބެޓްމޭން(ސްކޫލު ޑުރާމާ އެއް)، ރޯމިއޯ ޖޫލިއެޓް. އަމަރު އަކުބަރު، އީދު ޗިކަން.  ދެން މިހެން ވަރަށް ގިނަ އަޅުގަނޑު ހިތްހަމަ ޖެހޭ ޑްރާމާތައް. ހުރިހާ ޑްރާމާ ތަކަކާވެސް އަޅުގަނޑު ހިތްހަމަ ޖެހޭ.

މިދާއިރާއިން މީހުން ބިނާކުރަން ކުރެވޭނެ ކަންތަކަކީ ކޮބާ؟

އަސްލު ވަރަށް ދެރަވޭ. އީދުގަ ބޮޑެތި މީހުންގެ ޑްރާމާތައް ނުފެންނާތީ. މީހުން ބިނާ ކުރަން އަޅުގަނޑަކަށް މާ ބޮޑުކަމެއް ނުކުރެވޭނެ ދޯ. މީ ރާއްޖެ ތެރޭގެ އާދައިގެ ރަށެއް.

މި ދާއިރާއިން އާންމުދަނީއެއް ނުލިބެ. އެހެން ނޫންނަމަ އުފެއްދޭނެ. ކުރު ފިލްމުތަކުން އެކިއެކި ކުދިން ލައްވާ މަންޒަރުތައްވެސް ކުޅެވޭނެ. ކެމެރާމަނުންނާ އެޑިޓަރުން އަދި ޑައިރެކްޓަރުންވެސް އުފެއްދޭނެ. ބޭނުމީ ހަރަދުކުރާނެ ފަރާތެއް. އޭރުން ބޮޑެތި ފިލްމުވެސް އުފެއްދޭނެ . އޮލިމްޕަހުގަ ނުދެއްކުނަސް މުޅި ރާއްޖޭގެ ސަމާލުކަން އެކުދިންނަށް ހޯދާ ދެވިދާނެ ޔަގީންކަން އަޅުގަނޑުގެ އެބޮތް.

ރަށު ފެންވަރުގަ މިކަމަށް މީހުންދޭ ސަޕޯޓާ ދޭތެރޭ ކީކޭ ބުނެލާނީ؟

ހިތްހަމަ ޖެހޭ. ބައެއް ފަރާތްތަކުން އަހާނެ ކޮންދުވަހަކުންހޭ އާ ވީޑިއޯއެއް ލަނީ. ކޮންމެވެސް ވަރަކަށް އިންތިޒާރު ކުރާ މީހުން އުޅޭތީ ވަރަށް އުފާވޭ. އަދި މޮޅެތި ހިޔާލުތައް ހިއްސާ ކޮށް ބިނާ ކުރަނިވި ފާޑު ކިޔާތީ ވަރަށް ހިތްހަމަ ޖެހޭ.

ވީޑިއޯތަކުން ބޮޑަށް އާއިލާ ފެނިގެންދަނީ، ކޮބާ މީގެ ސިއްރަކީ؟

އަސްލު އަޅުގަނޑު ކެމެރާ ކުރިމައްޗަށް އަރާކަށް އެހާ ބޭނުމެއް ނޫން. ޑައިރެކްޓް ކުރަމުން އެކްޓުކުރަން ވަރަށް އުނދަގޫ. އެކަމަކު އެކްޓްކުރާނެ މީހުން ނުވަނީ. ބައެއް މީހުން އޯކޭ ޖަހާފަވެސް ގުޅަނިކޮށް ހަބަރެއް ނުވާނެ. ނޫނީ އާދެވޭ ވަގުތަކަށް ނުވާނެ. ބޭނުމީ ކުރިޔަށް ދާން. އެހެންވެ އާއިލާ ގެ ބޭނުން ހިފީ. މާ ފަސޭހަ. ހުއްޓިފަ ހުންނާކަށް ނުޖެހެ.

ވީޑިއޯއެއް ތައްޔާރު ކޮށްލަން ކިހާ ވަގުތެއް ނަގާތޯ؟

މިހާރު މި މަސައްކަތް މި ކުރަނީ ވަރަށް އާދައިގެ ގޮތަކަށް. އެހެންވެ މާ ގިނަ ވަގުތެއް ހޭދައެއް ނުކުރަން. ބޭނުންވާ ވަގުތަކަށް އެކަމެއް ކޮށް ނިންމަން. އަދި ވަރަށް ފަސޭހަކޮށް މި މަސައްކަތް މިކުރަނީ.

ސައުންޑު ރިކޯޑިންގ އަދި ޅެންހެދުން ކިހިނެއް ފެށުނީ؟

އެދެން އެކިއެކި މަސައްކަތަށް ދޯ. އީދު ޑްރާމާ، އިޝްތިހާރު، ރިޕޯޓް، މަދަހަ އަދި ލަވަ މިހެންގޮސް ރިކޯޑިންގ ކުރަންޖެހޭހާ ކަމަކަށް. އެކަމަކު މީ ވަރަށް އާދައިގެ ސްޓޫޑިޔޯއެއް އަދި. އެހާ ކޮލިޓީއެއް ނުވާނެ.

ޅެންހެދުން ފެށުނީ މީގެ އަހަރުުތަކެއް ކުރިން، އިމަގު މަދަހަ މުބާރާތުގަ އަންހެނުން ކިޔަން ބޭނުންވި ރާގެއް. އަރަބި މަދަހަ އެއްއޮތީ. އެ މުބާރާތަކު ނުކިޔެ. އެހެންވެ އެ މަސައްކަތް ކުރެވޭތޯ ބަލާލީ.

އަސްލު އަޅުގަނޑު ވަރަށް ބޭނުން އަމިއްލަ ވަންތަކަން. މީހުން ކޮއްފަ ހުންނަ މަސައްކަތް ބޭނުންކުރީމަ އެމީހުން ހިތްހަމަ ނުޖެހޭނެ ދޯ. ދެރަވޭ ޑްރާމާތަކުގަ މީސްމީހުންގެ ލަވަތައް ބޭނުން ކުރަން. އެ އީދު ދޯ. އަދި މިއުޒިކު ޓުރެކުވެސް ޔޫޓިއުބުން ނަގާގެން މި ޖެހެނީ ބޭނުންކުރަން.

ޝުކުރު އަދާ ކޮށްލަން ބޭނުންވާ ފަރާތްތަކަކީ ކޮބާ؟

ކޮންމެ ކަމެއްގަވެސް ޝުކުރު ހައްގުވާ ފަރާތަށް. ދެން ޑްރާމާތަކުގެ ބައިވެރިންނަށް، ފޭނުން. އެ މީހުންގެ ސަޕޯޓް ދޯ މި ހުނަރު އުފެދުމުގެ އަސްލަކީ. ދެން ވައިފަށް، އަދި މިދާއިރާގަ ކުރިޔަށް ދިޔުމަށް އަޅުގަނޑަށް ހިތްވަރުދޭ އެންމެންނަށް.

ނިޒާމްބެއާމެދު އޭ.އެސް.ޕީ މާހިރުގެ ބަސް!

“ނިޒާމްބެއަކީ ވަރަށް ހިޔާލުތަނަވަސް، ވަރަށް ކުރިއޭޓިވް، ޑައިރެކްޝަންގަ އާދަޔާ ހިލާފު އުކުޅުތަށް ދަންނަ، އެކުގައި މަސައްކަތް ކުރަން ފަސޭހަ، މި ދާއިރާގެ މީހުންނަށް ރެސްޕެކްޓް ކުރާ، ކަންކަން ދަސްކުރުމަށް އެހާމެ ޝައުގުހުންނަ، ލިބިފައިވާ ކިތަންމެ މަދު ވަސީލަތެއް ބޭނުންކޮއްގެންވެސް ހަމަ ވަރަށް ރަނގަޅު ޕްރޮޑަކްޓްތަކެއް ވުޖޫދަށް ނެރުމުގެ ގާބިލްކަން ހުރި އާދަޔާހިލާފު ހުނަރުވެރިއެއް”

ނިޒާމްބެއާމެދު ރެޑްސްޓަރ ނަޝީދުގެ ބަސް!

“ނިޒާމްބެ އަބަދުވެސް ވިސްނާނެ ބެލުންތެރިންނަށް މަޖާވާނެ ގޮތަކަށް ކޮންމެ އެއްޗެއް ވެސް ހެދޭތޯ. “ނިޒާމް ޑައިރެކްޝަން”ގެ އެފް.ބީ ޕޭޖް މެދުވެރިކޮށް ހަގީގަތުގަ މުޖުތަމަޢުއަށް އެ ފޯރުކޮށްދެނީ ވަރަށް ޢިބުރަތްތެރި މެސެޖްތަކެއް، މީހުން ޝައުގުވެރިވާނެ ކަހަލަ މަޖާ ގޮތަކަށް އެކަން ވެސް އެކުރަނީ، އަހަރެން ވާނީ ނިޒަމްބެއާ އެކު ބައެއް މަސައްކަތުގަ އުޅެފަ. ހުދު އަހަރެންނަށް ވެސް ނިޒާމްބެގެ ފުށުން ކަންކަން އޮޅުންފިލާ ދަސްވި، އަނެއްކާ ނިޒާމްބެއަކީ ވެސް އެ ދާއިރާއިން ކަންކަން ދަސްކުރާހިތްވާ މީހެއް، މި ދާއިރާއިން ކޯހެއް ހަދައިފިނަމަ ވަރަށް ބޮޑަށް ކުރިއެރުން ލިބޭނެކަން ޔަގީން، އަހަރެން އުންމީދުކުރަނީ ނިޒާމްބެގެ ބޮޑު ޕްރޮޖެކްޓެއް ފެންނާނެ ދުވަހަކަށް”

ނިޒާމްބެގެ އުފެއްދުންތައް ބެއްލެވުމަށް https://www.facebook.com/Nizamsdirection/ މި ޕޭޖަށް ޒިޔާރަތް ކުރައްވާށެވެ.

ހުނަރުވެރި ނިޒާމްބެގެ މަސައްކަތުގައި ކާމިޔާބީ އަށް އެދެމެވެ.