ޑރ. މުނާ ޕީ.އެޗް.ޑީ އަށް ކުރި ދަތުރު.... (ދެވަނަ ބައި)

މުޙައްމަދު ޢަބްދުއްލަޠީފް

“ޑރ. މުނާ ޕީ.އެޗް.ޑީ އަށް ކުރި ދަތުރު… ފުރަތަމަ ބައި” ނިންމަލާފައި ވާނީ، ކެރުމާއި އަޒުމާއި ހިތްވަރާއި މިންނަތުން ފުރިގެންވާ ޑރ މުނާގެ ހަޔާތަށް ބިންދާލި ބިޔަ ރާޅަކާއި އެކު އެރާޅުގެ ހޮޅިދަށުވެ، ދޮޅި ނުހިކި ކަރުތާފެނުގައި އުޅެނިކޮންނެވެ. އެހެންކަމުން “ޑރ. މުނާ ޕީ.އެޗް.ޑީ އަށް ކުރި ދަތުރު 02” މިފަށަނީ އެހިސާބުންނެވެ.

އެންމެ ފަހުން ތިކަންތައްތައް ނިމުނީ ކިހިނެއްތޯ؟

އެގޮތަށް މުސާރަ ނުލިބި ގޭބަންދުގައި އޮފީހަށް ނުނުކުމެ އެތައް ދުވަހަކު ހުންނާންވީމަ އެގޮތަން ހުންނަން ބޭނުންނުވާތީ، އަޅުގަނޑު އަމިއްލަޔަށް އެމަޤާމުން އިސްތިއުފާ ދިނީ. ދެން ސީ.އެސް.ސީ އިން ޕާމަނަންޓް ސެކެޓްރީގެ ވަޒީފާއަކާއި އެއްފެންވަރުގެ ވަޒީފާއެއް ހަމަޖައްސައިދިނީ އެ ތިން ތިންމަސްދުވަހުގެ މުސާރަދޭގޮތައް. އެގޮތުން އެމް.އެމް.ސީ ގައި އަޅުގަނޑު ކުރިން ހުރި ޑިރެކްޓަރގެ މަގާމުގެ ބަދަލުގައި ޑިރެކްޓަރ ޖެނެރަލް އެއްގެ މަގާމް ސީ.އެސް.ސީ އިން އަޅުގަނޑަށް ހަމަޖައްސައިދިނީ.

އެއްވެސްކަހަލަ ތަހުގީގެއް ހިންގާ މުނާގެ އެއްވެސް ކުށެއް ނޫނީ މައްސަލައެއް ފޭނޭތޯ ނުބަލާތޯ؟ މިބުނީ ތިންމަސްދުވަހު ގޭގައި ބަހައްޓާއިރު، އެކަމަށް އެމީހުން ދައްކާ ކޮންމެވެސް ހުއްޖަތެއް އޮންނާނެތާ؟

ތަހުގީގު ހިންގި. އެކަމަކު އަޅުގަނޑަށް ނާންގާ ވަގަށް. އެކަމަކު ބައެއް ރައްޓެހިން އަޅުގަނޑު ގާތު ބުނި ތިމަންނަމެން އަތުން ބަޔާން ނަގައިފިޔޭ މުނާއާއި ގުޅޭގޮތުން. މުނާގެ މަސައްކަތުގެ ފަރުވާތެރިކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާއި ގުޅޭގޮތުންނާއި އެކި ކަންކަމާގުޅިގެން ސުވާލު ކުރިއޭ. އަދި ބުނި އެވާހަކަ ނުދައްކަން އެމީހުންނަށް އަންގާ އެކަން ސިއްރުކުރަން އެންގިކަމަށްވެސް. އެކަމަކު އެކަމާ ގުޅޭގޮތުން އަޅުގަނޑުގެ ބަޔާނެއް ނުނަގާ މިއަދާއި ހަމައަށްވެސް. ހުރިހާ ކަމެއް އެނގިހުރެ ވެސް އަޅުގަނޑު ހުރީ ހަނު، މީހުން ކީ އެއްޗެހިވެސް އިވޭކަމަކަށް ނުހަދަން. އެކި މީޑީއާތަކުން އަޅުގަނޑަށް ގުޅުމުން ވެސް އެއްވެސް މީޑިއާކަށް އެކަމުގެ މައުލޫމާތެއް ނުދެން. އެއީ 2017 ވަނަ އަހަރު ހިނގިކަމެއް. އަދި ތިން މަސް ދުވަހު މުސާރަ ނުދީ ގޭގައި ބަހައްޓައި ތަހުގީގު ހިންގީމާވެސް އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަޅުގަނޑުގެ އަމިއްލަ ނަފުސަށް އޮތް އިތުބާރާއި ޔަގީންކަން. ތެދުވެރި ކަމާއި އިޚްލާސްތެރިކަމާ އެކު އުސޫލުތަކާއެއްގޮތަށް އަޅުގަނޑު މަސައްކަތްކޮށްފައިވާ ކަމުގެ ޔަޤީންކަން. އެހެންނޫންނަމަ އަޅުގަނޑަށް އެވަރުގެ ބޮޑު ގޮންޖެހުމަކާއި ކުރިމަތި ވެފައި އޮއްވާ ޕީ.އެސްގެ މަގާމުގެ ބަދަލުގަ ޑިރެކްޓަރ ޖެނެރަލްގެ މަގާމް ދޭކަށް ސިވިލް ސަރވިސް ކޮމިޝަން އަކުން ނުނިންމާނެ ނޫންތޯ! އަޅުގަނޑަކީ އޭރު އެއްމެ ހަގު ޕީއެސްއަށް ވިޔަސް އެމަޤާމަށް ގާބިލްމީހަކަށް ނުވެފަ މަސައްކަތަށް އެއްވެސް ފަރުވާތރިކަމެއް ތެދުވެރިކަމެއް ނެތް މީހެއްނަމަ. އެހެން ނޫންތޯ؟

ރަނގަޅު ނުކުތާއެއް. އެދުވަސްވަރު ދެން ކިޔެވުމާއި ގުޅޭ އިތުރު އެހެން އެއްވެސް ކަމެއް ނުކުރަންތޯ؟

ނޫން! އެމުއްދަތުގައި އާހިތްވަރަކާއިއެކު އަޅުގަނޑު ކުރިމަތިލީ މަންމަގެ އެދުމުގެ މަތިން ޕީ އެޗް ޑީ ހަދައި ނިންމަން.

ކިހިނެއްތޯ ޔުނިވާސިޓީ ކަނޑައެޅީ؟

ޔުނިވަރސިޓީ ހޯދަން ލަންކާ އަދި މެލޭޝިއާގެ ގިނަ ޔުނިވަރސިޓީތައް ބަލައި މައުލޫމާތު ހޯދިން. އަދި އެންމެފަހުން މިކޯހާއި ޔުނިވާސިޓީގެ މައުލޫމާތު ލިބުނީ އެމް އެން ޔޫގެ ލެކްޗަރ އިދުހާމް ފަހުމީގެ ފަރާތުން. ޑރ.ފާތިމަތު މުނާ، ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ހާސިލް ކުރީ މެލޭޝިއާގައި ހުންނަ މެނޭޖްމަންޓް އޮފް ސައިންސް ޔުނިވަރސިޓީ އިން.

ޕީ.އެޗް.ޑީ މަރުހަލާގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިތޯ؟

އަނެއްކާވެސް ފައިސާގެ ދަތިކަން އައީ. އެހެން ހުއްޓާ ސަސްޕެންޑުކުރި 3 މަސް ނިމި އެ 3 މަހުގެ މުސާރަ އެއްފަހަރާ ލިބުމުން ޔުނިވަރސިޓީ ފީ ދެއްކޭވަރުވީ. ފީދެއްކޭ ގޮތް ވުމުން ދެން އަވަހަށް ކިޔަވަން ފެށީ. ދެން ދިމާވި އެންމެ ބޮޑުކަމަކީ ފުރަތަމަ ފަށައިގަންނާނެ ގޮތެއް ނޭނގުނު. ޕްލޭސްމެންޓް ލިބުމުން ރާއްޖޭގައި ފުރަމަ، ޕީއެޗްޑީ ހާސިލް ކޮށްފައި ތިއްބެވި ބައެއްފަރާތްތަކާއި އެކު ވަކިވަކި ބައްދަލުވުންތައް ބާއްވައި ޚިޔާލު ބަދަލުކޮށްލައި މިކަންކުރާނެ ގޮތެއް ހޯދަން އުޅުނު އިރު ވަރަށް އުދަގޫވި، ވާންވީގޮތްވެސް ނޭނގުނު. ނަމަވެސް ޕީ.އެޗް.ޑީ ހަދަމުން ދިޔަ ޖަލީލު ކިޔާ ކުއްޖެއްގެ ފުރިހަމަ އެއްބާރުލުން ލިބުމުން އިތުރު ހިއްވަރެއް ލިބި މާގިނަ ދުވަހެއްނުވެ މަސައްކަތް ފަށައިގަނެވުނު. އަދި އޭގެ އިތުރުން ދެން ދިމާވި އަނެއްދައްޗަކީ ދަތުރުތަކާއި ކޯސްފީ އަމިއްލަޔަށް ދައްކަންޖެހުމުން އެހެނިހެން ޚަރަދުތައް މެނޭޖުކުރުމަށް ދިމާވި އުނދަގޫތައް. ހަމައެކަނި ޒަރޫރީ ބޭނުންތައް ނޫން އެހެން އެއްވެސް ޚަރަދެއްނުކުރަން. ލިބޭ ހުރިހާއެއްޗެއް ހޭދަ ކުރީ ކޯސްފީއަށާއި ކުއްޔަން.  އެހެނިހެން އަމިއްލަ ކަންކަމަށް އޮންނަ ވަގުތު ހުސްކުރަން ޖެހުނީ ހަމަ މުޅިން ރިސަރޗްގެ ދުނިޔެއަށް.

ޕީ.އެޗް.ޑީ ހެދިއިރު އެއްވެސް ވަރަކަށް ބައެއް މާއްދާތަށް ކިޔަވަން ޖެހުނުތޯ؟

އާދެ ބައެއް ރިސަރޗް މޮޑިއުލް އަދި އެނަލިސް މޮޑިއުލްތައް ކިޔެވުމަށްފަހު ތީސިސް ލިޔެ ރިސާޗް ހެދީ.

 

އެއްވެސްވަރަކަށް ފަހުން ހިޔާލު ބަދަލުވެ، ތީސިސްގެ މައުޟޫ ބަދަލުކޮށް އެކަހަލަ ކަމެއް ކުރިންތޯ؟

ނޫން! އަޅުގަނޑު ޑިގްރީގަ ހެދި ރިސަރޗް އަމާޒުކޮށްފަ އޮންނާނީ ހެލްތް މިނިސްޓްރީގެ ރެކްރުއިޓްމަންޓް އެންޑް ޓަންއޯވަރ އަށް(ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާ) އަށް ވެފައި އޭރުވެސް އިންޓްރެސްޓް އުފެދި  ޕައިލެޓް ސްޓަޑީއެއް ހެދިފަ ހުރުމާއެކު އަޅުގަނޑަށް ދިމާވި ގޮންޖެހުންތަކާހުރެ އެކަމާ ގުޅޭ ރިސަރޗެއް ހަދަން ބޭނުންވީ، އަދި އެއީ ހިއުމަން ރިސޯސް ދާއިރާ އަށްވެފަ މިހާތަނަށް މަސައްކަތް ކުރަމުން އައި ދާއިރާއަށްވެސް ވާތީއާއި އޭގެ ކުރިން އެ ސެކްޓަރ އާ ގުޅޭގޮތުން މި ކޮންޓެކްސްޓްއަށް އެހެން ރިސަރޗްއެއް ހަދާފަނެތުމާއެކު ރިސަރޗް ޓޮޕިކް ފައިނަލް ކުރީ އެހިސާބުން.

 

މުނާ އެކަނިތޯ މި ޕީ.އެޗް.ޑީ ޕްރޮގްރާމްގައި ބައިވެރިވީ؟

ނޫން! އަޅުގަނޑުގެ މައުލޫމާތު ކުށް ނޫންކަމަށް ވާނަމަ އަޅުގަނޑާ އެކު 23 ދިވެހިން މި ޕީ އެޗް ޑީ ކޯހުގަ ބައިވެރިވި. އޭގެތެރޭގަ އަޅުގަނޑަށް ކުރިން ކިޔަވަދެއްވާފައި ތިއްބެވި އެމް.އެން.ޔޫގެ ބައެއް ލެކްޗަރައިންވެސް ހިމެނޭ. ނަމަވެސް ކަންދިމާކުރި ގޮތުން ޓައިމް ލައިނާ އެއްގޮތަށް، ކަނޑައެޅިފައި އޮތް ތާރީޚްގަ ކިޔަވާ ނިންމާލެވުނީ މިހާތަނަށް އަޅުގަނޑާ އެކު 2 މީހުންނަށް.

ޑރ. މުނާގެ ޕީ.އެޗް.ޑީ ގުރެޖުއޭޝަން

ވަރަށްބޮޑު ކާމިޔާބެއް. ތިހާބޮޑު ކާމިޔަބަކާއި ހަމައަށް ވާސިލުވި އިރު ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކޮބައިތޯ؟

އަޅުގަނޑު ފަޚުރުވެރިވެ، ޝުކުރުވެރިވަނީ ވަޒީފާ އަދާކުރަމުން ޑިޕްލޮމާއިން ފެށިގެން ޕީ އެޗް ޑީ ނިންމާލެވުނު އިރު އެއްވެސް  ކޯހުކުން ފެއިލް ނުވެ، ކަނޑައެޅިފައި އޮންނަ ތާރީޚްތެރޭގައި ކޮންމެ ކޯހެއްވެސް ނިންމާލެވުނީތީ. ކިޔަވަމުން ވަޒީފާ އަދާކުރި ކަމުގަވިޔަސް ދުވަހަކުވެސް އޮފީހަށް ގަޑި ޖެހިފައެއް ނޯންނާނެ، ވެރިއަކު އަންގާ ނުވަތަ އޮފީހުގަ ކުރަންޖެހުނު މަސައްކަތެއް ގަޑިންގަޑިއަށް ނުނިންމައެއް ނޯންނާނެ. އަދި ޑިޕްލޮމާއިން ފެށިގެން ޕީއެޗް ޑީ ނިންމާލި އިރު މިހާތަނަށް އެއްވެސް ކުލާހަކަށް އަދި އޮފީހަށް ވެސް ހާޒިރުނުވާ ދުވަހެއް ނޯންނާނެ. މަސައްކަތައް ފަރުވާ ކުޑަވެގެން ނަސޭހަތެއް އިންޒާރެއް މިހާތަނަށް ދީފައެއް ނެތް. މީހަކުލައްވާ އެސައިމަންޓެއް ހަދާފަ ނުވަތަ ގަނޑިޖެހިގެން އެސައިމެންޓެއް ސަބްމިޓްކޮށްފަ ނުވާއިރު ގްރޫޕް ވޯރކްސް ތަކުގަ އަޅުގަނޑުގެ ބައިވެރިވުން ނެތިދިޔަ ދުވަހެއް، ދުވަހަކުވެސް ނުދޭ.

 

ކޮންދާއިރައަކުންތޯ ތީސީސް ހެއްދެވީ؟

18 އަހަރު ދިވެހި ސަރުކާރަށް ސިވިލް ސާވަންޓެއްގެ ގޮތުގައި ހިދުމަތްކޮށްފައިވާއިރު އަޅުގަނޑު ރިސާރޗް ތީސިސް  ހަދާފައިވާނީ ދިވެހި ސިވިލް ސަރވިސްގެ މަސައްކަތްތަކާއި ގުޅެގޮތުން، ދިވެހި ސިވިލް ސަރވިސްގައި މަސަތްކަތް ކުރަމުންދާ މުވައްޒަފުންނަށް އަމާޒުކޮށްގެން. މި ދިރާސާގައި ރާއްޖޭގެ އެކިތަންތަނުގަ ސިވިލް ސަރވިސްގައި މަސައްކަތް ކުރަމުންދާ 418 މުވައްޒަފުން ބައިވެރިވެފައިވާއިރު މިއީ ރާއްޖޭގެ ތާރީޚްގައިވެސް ދިވެހި ސިވިލް ސަރވިސްގެ ދާއިރާގެ މުވައްޒަފުން ނާއި ގުޅޭގޮތުން، އިދާރާތަކުގެ ވަޒީފާތަކަށް މީހުން އައްޔަންކުރުމާ އަދި ވަޒީފާއިން ވަކިކުރުމާ ސިވިލް ސަރވިސްގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ މަސައްކަތު ފެންފަރު ދެނެގަނެ މިފަދަ ދިރާސާއެއްކޮށް އެކުލަވާލެވުނު ފުރަތަމަ ރިސާރޗް ތީސިސް ކަން ފާހަކޮށްލަން.

 

ތީސީސް ލިޔުނުއިރު ލިބުނު އެންމެބޮޑު ފަސޭހަޔަކީ ނޫނީ އެހީތެރިކަމަކީ ކޮބައިތޯ؟

މިހެން ބުނާކަށްވެސް ނުވާނެ! އެކަމަކު ކޮވިޑް ލޮކްޑައުންއަކީ އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ނަސީބުގެ ވަގުތު. އަބަދު ގޭގަ ހުންނަން ޖެހުމުން ހުރިހާ ވަގުތެއް އެކަމަށް ހުސްކޮށްލެވުނު. އަދި އެދުވަސް ކޮޅާ ދިމާވީ ޑޭޑާ އަނަލައިޒް ކުރި ދުވަސްކޮޅު ކަމަށް ވުމުންވެސް އެއީ ވަރަށްބޮޑު ފަސޭހަޔަކަށްވި. ހުރިހާ ވަގުތެއް އެކަމުގައި ހޭދަކުރާތީ އަޅުގަނޑަކަށް ހިއެއް ނުވޭ އެހެން ކަމެއް ވެގެން އުޅޭހެންވެސް. ފޫހިވެ ކަންބޮޑުވެގެން އުޅޭކަށް ވަގުތެއް ނުވޭ.

 

މައިގަނޑު ގޮތެއްގައި ކޮންކޮން ކަންކަމެއްގެ މައްޗަށްތޯ ތީސީސްގައި އަލިއަޅުވާލެވިފައި ވާނީ؟

މިދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާލާފައިވާނީ ދިވެހި ސިވިލް ސަރވިސްއަށް މުވައްޒަފުން ހޮވާގޮތާއި، ހުރި ގޮންޖެހުންތަކާއި، ވަޒީފާތަކަށް މީހުން ހޮވުމުގައި ބަލަންޖެހޭ މުހިންމު ކަންތައްތަކުގެ މައްޗަށް. އަދި ކުރިއަށް އޮތްތާނގައި މީހުން ނެގުމުގައި ގެންގުޅެވިދާނެ ހަރުދަނާ ގޮތްތަކާއި ހިންގުންތެރި ޤާބިލް މީހުން ހޯދުމަށް ކުރެވިދާނެ ކަންކަމާއި މީހުން ބިނާ ކޮށް ރަނގަޅުފެންވަރެއްގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރާނެ ކަންކަމަށް. ހަމައެއާއެއްކޮށް ދުނިޔޭގެ އެހެން ޤައުމުތަކުގައި ސިވިލް ސަރވިސް ސިސްޓަމްގެ ތެރެއިން މީހުން ހޮވާގޮތާއި އަދި އަމަލު ކުރަމުންދާގޮތް ވަރަށްބޮޑަށް ދިރާސާކޮށް ޚުލާސާކޮށް ކޮންސެޕްޓް މޮޑެލްސް ބޭނުންކޮށްގެން ކުރެވިދާނެ ކަންކަމަށްވެސް މިދިރާސާގައި އަލިއަޅުވާލެވިފައި ވާނެ. މީގެ ކުރިން 2013 ވަނަ އަހަރު ފަޒިލް ކިޔާ ބޭފުޅަކު ހެއްދެވި ރިސާޗެއް އެބައޮތް، ސިވިސް ސަރވިސް ރިފޯމް އަދި ޑީސެންޓްރަލއިޒް ކުރުމާ ގުޅޭގޮތުން. ނަމަވެސް އަޅުގަނޑުގެ މި ދިރާސާ މުހިއްމުވަނީ ދިވެހި ސިވިލް ސަރވިސް އުފެދުނު ފަހުން ސިވިލް ސަރވިސް ދާއިރާގެ މިކޮންޓެކްސްޓަށް އަމާޒުކޮށްގެން ކުއޭންޓިޓޭޓިވް މެތޮޑަށް ހެދުނު ފުރަތަމަ ދިރާސާ އަށްވެފައި މި ތީސިސްއަށް ބިނާކޮށް ޕޭޕަރުތައް ސްކޯޕަސް ޖާނަލްތަކުގައި ޝާއިރުކުރި ސްޓަޑީއަށްވެސް ވީމަ.

 

އަޅުގަނޑުގެ ތަޖުރިބާއެއް ހުރީކީ ނޫން. އެކަމަކު ތަޖުރިބާ ކުރި ފަރާތްތަކުން ބުނާ ގޮތުގައި ވައިވާ އަށްފަހު ނަތީޖާއާއި ދޭތެރޭ އެހޭދަވާ ވަގުތަކީ ވަރަށް އެހެންކަހަލަ ވަގުތުކޮޅެއް. މުނާގެ އެވަގުތުކޮޅުގެ އިހުސާސް އަކީ ކޮބައިތޯ؟

ވައިވާ ޕްރެޒެންޓޭޝަންއަށްފަހު ޕެނަލްގަ ތިއްބެވި 6 މީހުންގެ ޑިސްކަޝަންއަކަށް އެވަގުތު އަޅުގަނޑު ހޯލުންބޭރުގަ މަޑުކުރަންޖެހުނު އިރު ވަރަށް ވަރަށް ހިތް ނުތަނަވަސްވެފަ ހުރެވުނީ. ހުރެވުނީ ނަތީޖާ އެނގޭލެއް ލަސްވެފަ. ޑިސްކަޝަން ނިންމާފަ ޕެނަލް ދެންބައްދަލު ކުރުމާއެކު ކޮންގްރަޗުލޭޝަން އޭ ބުނުމުން ދެން ހަމަ އުފަލުން ހުރެވުނު ތަންވެސް ނޭގުނު ކަހަލަ. އެކަމަކު އިތުރު ފީޑްބެކްތަކާއެކު ބައެއް ކުދިކުދި ކަންކަން ރަނގަޅުކޮށް 3 މަސް ތެރޭގަ ނިންމަން އެންގި.

ކިހިނެއްތޯ ތީސިސްއިން ފާސްވީ؟

އެއީ ހަމަ ޕީ އެޗް ޑީ ރިސަރޗް ތީސިސް ނިންމަން ހިތްމަތާއެކު އެހެން ހުރިހާ ކަމަކުން މަހުރޫމުވެ ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާ. ލޮކްޑައުންގެ ތެރޭގަ ވެސް އަޅުގަނޑު ގޭގައި އެހެން ކަމެއް ނުކުރަން. ތީސިސް ލިއުމާ ރިސަރޗް އެނަލިސިސް ހެދުން ފިޔަވާ. ނަސީބަކުން އޭރު ޑޭޓަރ ހުރީ ކަލެޓް ކޮށްފަ. އެހެންވީމަ އެނަލިސިސް ހެދުމަށް އެހާ ގިނަ ވަގުތު ލިބުނީމާ އެއީ ލިބުނު ނަސީބަކީ. ރޭގަނޑު އެއްކޮށް ހޭލާއުޅެފަ ދުވާލު 5 ގަޑި އިރު ނިދަނީ. ދެންވެސް ހޭލައިގެން ލިއުމުގަ ނުވަތަ ޑޭޓާ އެނަލައިޒް ކުރުމުގަ. ހަމަ ބުރަކޮށް މަސައްކަތް ކޮށްގެން.

ޕީ.އެޗް.ޑީ ނިންމާލެވުނު އިރު އުމުރުން ކިހާވަރެއްތޯ؟

ޕީއެޗް ޑީ ނިންމައި ގްރެޖުއޭޓްވީ 3 ޑިސެމްބަރ 2022 ވަނަ އަހަރު. އަޅުގަނޑުގެ އުމުރުން 36 އަހަރުގަ. އަޅުގަނޑު ޓާގެޓްކުރީ 35 އަހަރު ވުމުގެ ކުރިން ނިންމަން. އެކަމަކު 36 ވަނަ އަހަރުގަ މި ނިމުނީ. އެކަމަކުވެސް މާބޮޑު ފަރަގެއް ނެއްތާ ދެއްތޯ.

އާދެ! އާދެ! ތީސީސް އެއްކޮށް ނިންމާފައިތޯ ސުޕަވައިޒަރަށް ހިއްސާކުރީ ނޫނީ ލިޔެވެމުން ދިޔަވަރަކަށް ދައްކަމުންތޯ ގެންދިޔައީ؟

ޗެޕްޓަރތަކާ ކޮންޕޯނެންޓްތައް ވަކިވަކިން ނިންމަމުން ހުރިހާ މަސައްކަތެއްވެސް ސްޕަވައިޒަރުންނާ ހިއްސާކުރަމުންދިއައީ ވަގުތުން ވަގުތައް

ތީސިސް އެހެންބަހަކަށް މިސާލަކަށް ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ ވިސްނުން އެބަހުރިތޯ؟

މިބަދަލުވަމުންދާ ދުނިޔޭގަ އިންގްލިޝް ވާރޝަން ގިނަ ބޭފުޅުންނަށް އެނގޭނެތީ މިވަގުތު ވިސްނުމާ ޚިޔާލުގަ އެކަހަލަ ކަމެއްނެތް. އެކަމަކު ހާލަތު ބަދަލުވެ އެކަން ކުރަންވެއްޖެ ކަމައްވާނަމަ އެކަންވެސް ކުރެވިދާނެ. އެހެންނުންތޯ؟

އާދެ! މުނާގެ ދިރާސާއަށް ލިބުނު އެހެން ކާމިޔާބީތަކަކީ ކޮބައިތޯ؟

މިދިރާސާގެ އަލީގައި ހޯދުނު މުހިންމު ކަންކަމަށް އަލިއަޅުވާލާ ލިޔެފަހުރި އާޓިކަލްސްތައް ދުނިޔޭގެ ފެންވަރުގެ ސްކޯޕަސް ޖާނަލް ތަކުގައި ޝާއިއު ކުރެވިފައިވޭ. އެގޮތުން މި ދިރާސާގެ އަލީގައި ހޯދުނުކަންކަމާއި ގުޅިގެން (ރިސަރޗް ތީސިސް) ފޮތެއް ލިޔެފައިވާއިރު، މިހާތަނަށް ހަތް އާޓިކަލް ލިޔެ ދުނިޔޭގެފެންވަރުގެ ހައި އިމްޕެކްޓް ސްކޯޕަސް ޖާނަލްތަކުގައި ވަނީ ޝާއިއުކޮށްފަ. އެގޮތުން އެބްސްކޯ، ގޫގަލްސްކޯލަރ، ރިސާރޗް ގޭޓް ފަދަ ވޯރލްޑް ވައިޑް ޑޭޓާ ބޭސްތަކުން އަޅުގަނޑުގެ އާޓިކަލްތައް މިހާރު ކިޔާލެވެން ހުންނާނެ. އަދި މި އާރޓިކަލްތަކަކީ ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން މަތީތައުލީމް ހަސިލްކުރާ ފަރާތްތަކަށާއި މައުލޫމާތު ހޯދާ ލިބިގަންނަ ފަރާތް ތަކަށް ފަސޭހަ ކަމާއި އެކު ކިޔާލައި ދިރާސީ ތެދު މައުލޫމާތު ހޯދައި ލިބިގަނެވޭނެ މުހިންމު އާޓިކަލްތަކެއް.

އަދި ރިސާރޗް ޕަބްލިކޭޝަންގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގަމުންއަންނަ ރިސަރޗް ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކޮށް، އަޅުގަނޑު ވާނީ ހަތް ޕޭޕަރު ހުށަހަޅާފަ. އޭގެ ތެރޭގައި މެލޭޝިއާ، އިންޑިއާ، ފިލިޕީންސް، ތުރުކީ، ސައުތު ފްލޮރިޑަރ، އަދި ގްރީސް އަދި ދިވެހިރާއްޖެ ހިމެނޭ. އަދި އަޅުގަނޑުގެ މި ރިސާރޗްއަށް ވަނީ 2022 ވަނަ އަހަރު އިންޑީއާގެ، ވްމެން އައިކޮން، ޓައިމްސް ވްމެން އިން އެވޯޑް ހަފްލާގައި “އެކްސެލެންޓް ރިސަރޗާ އޮފްދަ އިއާ 2022” ގެ އެވޯޑް ލިބިފަ. އަދި މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ އެކި ޖާނަލް ތަކުގައި އިންޓަނޭޝަނަލް ރިވިއުވަރގެ ގޮތުގައި ދިވެހިރާއްޖެ ތަމްސީލު ކޮށްދެވިފައިވޭ. އެގޮތުން އިންޑިއާ، ޕިލިޕިންސް، ތުރުކީ، ޔޫ. އެސް އަދި ޕޮލޭންޑް ގެ ޖާނަލްސް ތައް ހިމެނޭ.

މިހާތަނަށް މުނާއަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީ ތަކަކީ ކޮބައިތޯ؟

ދުނިޔޭގެ ފެންވަރުގެ ސްކޯޕަސް ޖާނަލްތަކުގައި އަޅުގަނޑުގެ ރިސަރޗް ތީސިސްގެ ޕޭޕަރުތައް ޝާއިރުކުރެވުނު އިރު މިއީ މިހާތަނަށް ސިވިސް ސަރވިސްގެ ދާއިރާއަށް މިފަދަ ގޮތަކަށް ދިރާސާކޮށް އެކުލަވާލެވުނު ފުރަތަމަ ދިރާސާ ވީމާ އެއީ ވަރަށްބޮޑު ކާމިއާބީއެއް.

އިންޓަނޭޝަނަލް ތިން އެވޯޑް، ނޭޝަނަލް 1 އެވޯޑް އަދި 2021 ވަނަ އަހަރު ޕީޕަލްސް ހަމް އިން ދިވެހިރާއްޖޭގެ ހިއުމަން ރިސޯސްދާއިރާގެ ވަރުގަދަ 10 މީހުންތެރޭ އަޅުގަނޑުގެ ނަން ފާހަގަކޮށްފައިވުން އެގޮތުން:

2022 ވަނަ އަހަރު ވިމެންސް އިން މެނޭޖްމަންޓް އިން ކުރުބާ މޯލްޑިވްސްގަ ބޭއްވި ހަފްލާގައި ޕްރޮފެޝަނަލް ކެރިއަރ އެޗީވްމަންޓް އެވޯޑް ލިބިފައިވޭ

2022 ވަނަ އެކްސެލަންޓް ރިސަރޗް އޮފް ދަ އިއަރ، ވުމެން އައިކޮން އިން އިންޑިއާގަ ބޭއްވި ހަފަލާގައި ލިބުން، އެއީވެސް ކާމިޔާބީއެއް އަދި ހަމަ އެހަފްލާގަ 2021 ވަނަ އަހަރު ވުމެން ޕާސަނާލިޓި އޮފްދަ އިއާ އެވޯރްޑް ލިބުން.

2020 ވަނަ އަހަރު10  އިންސްޕައިރިންގ ވްމަން ލީޑާސް އޮފް އެޗް.އާރް އިން ދަ މޯލްޑިވްސް،  ގެ ތެރޭގައި ޕީޕަލްސް ހަމް އިން ޝާއިރުކުރި އެނަލިސިސް ރިޕޯޓްގައި އަޅުގަނޑުގެ ނަން ހިމެނިފައިވޭ.

2019 ވަނަ އަހަރު އޭޝިއާގެ “ވުމެން އެޓް ވޯރކް، އެޗް އާރ ލީޑާރޝިޕް އެވޯރޑް” ދުބާއީމޯލްގަ ބޭއްވި ހަޕްލާގައި އަޅުގަނޑަށް ލިބިފައިވޭ.

މެލޭޝިޔާގެ މެނޭޖްމަންޓް ސައިންސް ޔުނިވާސިޓީގެ ކުލާހެއްގައި ދރ. މުނާ

އަދި ހަމަ މިއާއި އެކު ފާހަގަކޮށްލަން ބޭނުން. މިއަދާއި ހަމައަށް، ސަރުކާރުގައި އަޅުގަނޑު އަދާކުރި އެއްވެސް ވަޒީފާއަކީ ނުވަތަ މަގާމަކީ މީހަކާއި އޮތް ގާތްކަމަކުން، ރަހުމަތްތެރިކަމަކުން ނުވަތަ އެހެންވެސް ގުޅުމަކުން އެއްވެސް ނުފޫޒެއް ބާރެއް ފޯރުވައިގެން ހޯދި ވަޒީފާއަކަށް ނުވެ، އަޅުގަނޑަށް ލިބިފައި ހުރި އިލްމަކާއި ހުނަރަކާއި ތަޖުރިބާއަކުން ލިބުނު ވަޒީފާތަކަކަށް ވާކަމީ އަޅުގަނޑު އެކަމަށްޓަކައި ފަހުރުވެރިވެ ޝުކުރުވެރިވާ ކަމެއް. އަދި ވަޒީފާ އަދާކުރަމުން ދާއިރު ވަޒީފާގެ މާހައުލުގައިވެސް އަދި އެހެނިހެން ފޯރަމް ތަކުގައިވެސް ލީޑަރަކަށްވެ ހުރެ އަންހެނުން ތަމްރީނުކޮށް އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރެވޭ  އަންހެނަކަށް އަޅުގަނޑު ވާކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް. އަދި ކިތަންމެ ހާލުގައި އުޅެން ޖެހުނުކަމުގައިވިޔަސް ހިލޭ ފިރިހެނެއްގެ ފަރާތުން އެއްވެސް މަދަދެއް އެހީތެރިކަމެއް ނުހޯދާ، އަދި މީހަކަށް ނުދަރާ، މައިންބަފައިން ލަދުގަންނަން ޖެހޭފަދަ އެއްވެސް ކަމެއްނުކޮށް، މިހިސާބަށް އާދެވުނުކަން އެއީވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް. އަދި އެކަމަށްޓަކައި ހެއްދެވިފަރާތަށް ނުހަނު ޝުކުރު ވެރިވަން. އަދި އަމިއްލަ ބުރަ މަސައްކަތުން ކިޔަވާނިމި ހަރުދަނާ އަދި ޒިންމާދާރު މީހެއްގެ ގޮތުގައި ތެދުވެރިކަމާއި އިޚްލާސްތެރިކާމާއި އެކު، ޤައުމަށް، ދިވެހި ދައުލަތަށް، ސަރުކާރަށް ޚިދުމަތްކުރުމުގައި މިއަދާއި ހަމައަށްވެސް ދެމިހުރެވޭކަން އެއީ ވެސް، ވަރަށްބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް. އަދި  މި ހުރިހާކަމަކީވެސް އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ.

އަދި ހަމައެއާއިއެކު ގއ. ވިލިނގިލީގަ ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލް ކުރި އެއްމެ ފުރަތަމަ ފަރާތަކީ އަޅުގަނޑުކަން ރަށުގެ ވަރަށް ގިނަ މީހުން ފަހަގަ ކުރޭ. އެއީވެސް އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.  އޭގެން އެނގެނީ ރަށާއި އަތޮޅުގެ މީހުން އަޅުގަނޑުގެ މަސައްކަތައް ފަޚުރުވެރިވެ އުފާވާކަން.

 

ކޮންއިރަކުތޯ ގުރެޖުއޭޝަން އޮތީ؟

3 ޑިސެމްބަރ 2022

މުނާގެ ގާތްމީހުންގެ ތެރެއިން ކޮންބައެއްތޯ މިހަފުލާގަ ބައިވެރިވީ؟

މުޅި އާއިލާ، މަންމަ، ބައްޕަ އަދި އެއްބަޑު އެއްބަފާ ހުރިހާ ކުދިން. الحمد لله

މުނާގެ މިބޮޑު ކަމިޔާބީގައި އެންމެބޮޑު ޝުކުރެއް އަދާކުރަން ބޭނުންވަނީ ކޮންކޮން ފަރާތްތަކަކަށްތޯ؟

“އަޅުގަނޑު ޕީއެޗްޑީ ހާސިލްކުރަން ފެށި މި ދިގު ދަތުރުގަ އަޅުގަނޑު ބުނެލާނީ އަޅުގަނޑުގެ މަންމަ އާއި ބައްޕަ އަކީއޭ ހަގީގީ ހީރޯއިންނަކީ. ބައްޕަ އެދުވަހު އަކިރި ބަސްތާނަގާ ކޮނޑައްލައިގެން ވިއްކައި ލާރި ނުހޯދިނަމަ އަޅުގަނޑަށް އޯލެވެލް އެއް ނުހެދުނީސް. އަދި ފުރަތަމަ ފަހަރަށް ބައިވެރިވެގެން ފާސްނުވުމުން ލިބުނު މާޔޫސްކަމާއެކު ވެސް 2 ވަނަ ފަހަރަށް ބައިވެރިކުރުވައި، ކޯހަށް އަޅުގަނޑު މާލެއައިސް ހުރިގެއަށް 1 އަހަރު ވަންދެން ދޭންޖެހުނު ކުލީގެ ލާރި ހޯދަން ބައްޕަ އުފުލަންޖެހުނު ބުރައާއި ކުރި މަސައްކަތްތަކަކީ އަގުކުރެވޭނެ ކަންކަމެއް ނޫން. އަދި މަންމަ އަޅުގަނޑުމެން (ދަރިން)، ބެލުމުގައި ގެންގުޅުއްވި ހަރުދަނާ އުސޫލުތަކާއި ދިން ރަނގަޅު ތަރުބިއްޔަތަކީ އެއްވެސް ކުއްޖަކު ގޯސް މަގަކުން ދާނެ ފުރުސަތެއް ނުލިބުމުގެ އަސްލު” އެހެންވީމަ އަޅުގަނޑު އަޅުގަނޑުގެ މައިންބަފައިންނާއި މެދު ވަރަށް ފަޚުރުވެރިވަން އަބަދުވެސް.  އަދި ބުނެލާނީ ހަމަ ވަރަށް ލޯބިވެއޭ”

ޑރ. މުނާ އަދި ކޮށްކޮ ރާތިޔާ، އެކުގައި ފޮޓޯއަކަށް ހުއްޓިގެން

އަޅުގަނޑުގެ ކިޔެވުމުގެ ހިތްވަރަކީ މަންމައާއި ބައްޕަ އަދި އެއްބަޑު އެއްބަފާ ކޮށްކޮމެން. ޕީ އެޗްޑީ ހަދަމުން ދިޔައިރު އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމަކީ ވަރަށް ފާހަގަކޮށްލެވޭ ކަންކަން. ޕްރެޒެންޓޭޝަންތަކަށާ އެކި ޑެޑް ލައިންތަކަށް ނިންމަންޖެހުނު މަސައްކަތްތައް ނިނާމާލެވުނީ މުޅި އެމަސައްކަތައް ހުރިހާވަގުތެއް ދީ، އަޅުގަނޑުގެ ސިޓްއޭޝަން އާއިލާގެ ބޭފުޅުންނަށް އަންޑަސްޓޭންޑްވީމަ.

އަޅުގަނޑު ޕަބްލިޝްކޮށްފައި ހުރި ހުރިހާ ޕޭޕަރުތަކެއްގެ ޕްރޫފް ރީޑިން ހަދައިދީފަވަނީ ލޯބިވާ ކޮއްކޮ (ރާތިޔާ) މެލޭޝިއާގެ އައި.އައި.ޔޫ.އެމް އިން ކިޔަވަމުންއައި ޝަރިއްޔާ އިން ލޯގެ ފަހު އަހަރު. އެހާ ބުރަކޮށް އުޅެމުންވެސް އަޅުގަނޑުގެ ޕޭޕަރުތައް ޕަބްލިޝްކުރަން ސްޕަވައިޒަރަށް ފޮނުވުމުގެ ކުރިން ޕްރޫޕް ރީޑީން ހެދުމަށް އަޅުގަނޑުކައިރީ އިނދެގެން އެތައްވަގުތެއް ހޭދަކުރި. އެއީ ޝުކުރު ހައްގު މަސައްކަތެއް.

ޕީއެޗް ޑީ ހެދިއިރު ހަމަގައިމުވެސް ދިމާވި ގޮންޖެހުންތަކާއެކު ކޮންމެވަގުތެއްގަ ކޮންމެ އެއްޗެއް އޮޅުންފިލުވާލަން ޖެހުނަސް ސްޕަވަރިޒަރ، ޕްރޮފެސަރ ޑރ. އަލްބަޓަޓް އަދި ޕްރޮފެސަރ ފިރުދައުސް ވަރަށް ފާހަގަކޮށްލަން. އަޅުގަނޑުގެ މެންޓޯ އެއްގޮތަށް ޕްރޮފެސަރ އަލްބަޓަޓް މިހާރުވެސް ގައިޑް ކޮށްލަދެއްވާ.

މިފުރުސަތު ފަހިވެގެންދިޔައީ އެވިޑްކޮލެޖްގެ ޗާންސެލަރ މުސްތާގުސަރ އަދި އަލީ ޝަރީފާއި އޭނަގެ އަންހެނުން މައިމޫނާ އަބޫބަކުރު(މަންމައާއި ބައްޕަފަދަ)ގެ ސަބަބުން. ކޮންމެ ގޮތެއްވިޔަސް މައިމޫނާދައްތައާއިޝަރީފުބޭގެ ދީލަތިކަމާއި ހެޔޮފުޅުކަން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އެދުވަހު އެދެކަނބަލުންގެ މަދަދާއި އެހީތެރިކަން ނުލިބުނުނަމަ މިއަދު މިހިސާބަކަށް ނާދެވުނީސް! އަޅުގަނޑުގެ ހިތުގެ ހަމަ އެންމެ ފުންމިނުން މިހުރިހާ ފަރާތްތަކަށް އެއްވެސް ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރަން!

އަދި ވަކިން ޚާއްސަކޮށް އެމް އެން ޔޫގެ މެނޭޖްމަންޓް ގެ އިތުރުން އިދުހާމު ފަހުމީ އަދި އަހުމަދު ޖަލީލު އަކީ މިދަތުރުގަ ފެށުނީއްސުރެ ނިމެންދެން އަޅުގަނޑަށް އެހީތެރިވެދެއްވި ފަރާތްތަށް ކަމަށްވާތީ އެ ދެ ފަރާތަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން!

މިއީ އަޅުގަނޑު ދުވަހަކުވެސް އެބަޔަކުގެ މަތިން ހަދާން ނުނެތޭނެ، ފަޚުރުވެރި، އަދި ޝުކުރު ހައްގުފަރާތްތައް.

 

މިވަގުތު ދެން ދެކޭ އިތުރު އެހެން ބޮޑު ހުވަފެނެއް އެބައޮތްތޯ؟

އާދެ! މުޅި މުޖުތަމައަށް ބޭނުން ހިފޭގޮތަށް ކިޔެވި އެއްޗެއްގެ ބޭނުން ރަނގަޅުގޮތުގައި ހިފައި، އާޖީލެއް ބިނާކޮށް މުޖުތަމުގައި ހަރުދަނާ ބަޔަކު އުފައްދަން މަސައްކަތް ކުރުން.

ޑރ. މުނާ، މޯލްޑިވްސް މީޑިޔާ ކައުންސިލްގައި މަސައްކަތް ކުރައްވަނީ

އަނެއްކާވެސް ތަންކޮޅެއް ޅައިރުގެ ސުވާލެއް. ސުކޫލުދައުރުގައި ލިބުނު އެންމެބޮޑު ހިތްހަމަޖެހުމަކީ ކޮބައިތޯ؟

އަޅުގަނޑު ސުކޫލުގަ އުޅުނު އިރު ވަރަށްގިނަ ޓީޗަރުން ވަރަށް ލޯބިވާ ދަރިވަރަކަށް ވީމަ، އެއްމެ ބޮޑު ހިތްހަމަޖެހުމަކީ. ބަސްއަހާތީތާ ޓީޗަރުން ލޯބިވާނީ ދެއްތޯ!

ހަމަ ޔަގީނުންވެސް މިހާ ހިސާބަށް އާދެވުނު އިރު ވަރަށް ގިނަ ތަޖުރިބާތަކެއް ހުންނާނީ ކުރެވިފަ. ކާމިޔާބަށް ވާސިލުވުމުގައި މުނާގެ ތަޖުރިބާގެ އަލީގައި، މުނާ ގަބޫލު ކުރާ ގޮތަކީ، ނުވަތަ އެފަދަ މީހަކަށް ބުނެލަން އޮތީ ކީކޭތޯ؟

” ކޮންމެމީހަކުވެސް، އިތުރު މީހަކު ތިމާއަށް ކަމެއް ކޮއްދޭނެ ކަމަށްބަލައިގެން ނުހުރެ، އަމިއްލަ ފައިމައްޗަށް ތެދުވެ މީހުންނަށް ބަރޯސާނުވެ، ތިމާގެ އުފާތަކާ ހިތްހަމަޖެހުން ރަނގަޅުގޮތުގަ ހާސިލްކުރަންދަންނަ މީހަކަށްވެ، ހަލާލު މަސައްކަތް ކޮށްގެން ތަނަވަސްކަމާއި ކުރިއެރުން ހޯދަން މަސައްކަތް ކުރާމީހަކަށް ވާން ޖެހޭ. އެގޮތުން ހަމަ ކޮންމެ މީހަކަށްވެސް އަމިއްލަ ސެލްފް ރެސްޕެކްޓް ނަގާނުލާ އަންހެނަކަށްވިޔަސް ވަކި މީހަކަށް ބަރޯސާނުވެ ހާސިލްކުރަންބޭނުންވާ ކަންކަން ރަނަގަޅުގޮތުގަ އަމިއްލަޔަށް ހާސިލްކުރެވޭނެ”

 

މިހާދިގުކޮށް މިހާގިނަ ވާހަކަ ދެކެވޭއިރު ކޮންމެވެސް ވަރަކަށް މައުޟޫއިން ބޭރުވެލުން އެއީ މާބޮޑު ގޯހެއް ނޫންކަން ނޭނގެ! އުންމީދު ކުރަން ޑރ. މުނާ ވެސް އިޢްތިރާޒެއް ނުކުރައްވާނެކަމަށް.

އެއްވެސް ވަރަކަށް ސިޔާސީ މަސައްކަތަކުން ފެނިދާނެތޯ؟ މިބުނީ ކެމްޕެއިނެއްކަހަލަ ނުވަތަ ސިޔާސީ މަގާމަކުންވިޔަސް؟

ތިސުވާލުގެ ޖަވާބުގަ ބުނެލަން އޮތީ އަޅުގަނޑަކީ އެއްއިރެއްގަވެސް ސިޔާސީ މީހެއް ނޫނޭ. އަދި ސިޔާސީ ހަރަކާތެއްގަ އެއްވެސް ކުލައެއްގަ ނުޖެހޭނަމޭ.

އަޅުގަނޑަށް މުނާ ފާހަގަވަނީ ހަމަ ހުރިހާ އެންމެނާއިވެސް ގުޅޭ މީހެއްގެ ގޮތުގައި. ރަނގަޅަށްތޯ މި ނިންމުނީ؟ ރަނގަޅުނަމަ ކޮބައިތޯ އެކަމުގެ ސިއްރަކީ؟

ތިޔަކަމަކާއި އަޅުގަނޑު ދެކޮޅު ހަދާނެ ކަމެއްވެސް ނެތްކަންނޭގެ. އަޅުގަނޑު ވަޒީފާގެ ދާއިރާގައި، ވަރަށްގިނަ ތަންތަނުގަ، އެތައް އެތައް ބަޔަކާ އެކީ މަސައްކަތް ކޮށްފިން. އެންމެންނާވެސް ގުޅިގެން މަސައްކަތްކުރަނީ، އަދި ކޮއްފަ ހުންނާނީވެސް އަދި ކުރާނީވެސް. އެކަމަކު ހިފަހައްޓަންޖެހޭ ވަކި އުސޫލުތަކާއި ހުދޫދުތަކުގެތެރޭގަ.

 

ކުރިން ފާހަގަ ކޮށްފީމު ހޮބީއެއްގެ ގޮތުގައި ފަހާ އުޅޭ ވާހަކަ. ކޮންތާކުން ކިހިނެއްތޯ ފަހަން ދަސްކުރެއްވީ؟

އަޅުގަނޑުގެ މަންމަ އަކީ އަޅުގަނޑުމެން ކުޑައިރުއްސުރެ އަޅުގަނޑުމެންގެ ހެދުން އެއްޗެހި ފަހާމީހާ. ދުވަހަކުވެސް އަގަކަށް ނުފައްސަވާނެ. ހުރިހާ ދަރިންގެ ސުކޫލް ޔުނިފޯމާ ހެދުން ފަހައިދޭނީ މަންމަ. މަންމަ ފަހާ އެއްޗެހި ހުންނާނީ ވަރަށް ގަޔަންދޫކޮށް. ގަޔަށް ހެޔޮވަރު ކުރަންބުންޏަސް ހުންނާނީ ވަރަށް ކުޑަކުޑަކޮށް ޖަހާލާފަ. ދެން އެކަމާ ކަންބޮޑުވާތީ ގްރޭޓް 7، 8 ގަ އުޅުނުއިރު މަންމަ ފަހަން އިނދެފައި ތެދުވެގެން ދިޔައިމަ ވަގަށް ފޮށިކައިރީ އިދެގެން ހެދުން ހެޔޮވަރުކޮށް ކުދިކުދި ކުޅޭ ކުޅޭ ހެދުންތައް ބާކީ ފޮތިން ފަހަން ފެށީ. މަންމަ އަންނަ އިރު ފޮށި ހުންނާނީ ވަތުއޮޑީގެ ރޮދި ހަލާކުވެފަ. މަންމަ ވަރަށް ރުޅިވެސް އަންނާނެ އެނގުނީމަ. އެތައްފަހަރަކު މަނާވެސް ކުރި. އެކަމަކު ފަހުން ފަހުން އައިސް ވަރަށް ބަލައިގެން، ވަގަށްފެހުން ހުއްޓާނުލާ ކުރިއަށް ގެންދިޔައީ. ދެން ދުވަސް ކޮޅަކުން ފަހަން އެނގުނީމަ މަންމަ މުނާ ލައްވާ ކޮއްކޮ މެންގެ ހެދުންވެސް ފައްސާނެ. ގްރޭޑް 9، 10 ގަ އުޅުނު އިރު. އެހެން ގޮސް ވަރަށް ކުރާ ހިއްވާ ކަމަކަށްވެފަ އޮތީ

އަމިއްލައަށް ޑިޒައިން ކޮށްގެންތޯ ފަހަނީ؟

މަންމަވެސް ހެލްޕްވާނެ ޑިޒައިން ކުރުމުގަ. ކޮށްކޮމެން ކުޑައިރު އަމިއްލައަށް ޑިޒައިން ހަދައިގެން ހެދުން ފަހަނީ. އެކަމަކު ބޮޑުވިފަހުން އެކުދިން ޑިޒައިން ކިޔައިދިނީމަ އެންމެން ވާހަކަ ދައްކާފަ ފައިނަލް ކުރާނީ. ސްކޫލު، ކޮލެޖް ނުވަތަ އޮފީސް އިވެންޓްގަ ލާ ހެދުންތައް. އަޅުގަނޑު ކޮންމެ އިވެންޓަކަށްވެސް ލާނީ އަޅުގަނޑު އަމިއްލަޔަށް ފަހާ އެއްޗެހި އަދި ކޮށްކޮމެންވެސް ކުރިންލާނީ އަޅުގަނޑު ފަހާއެއްޗެހި. އެކަމަކު މިހާރު ގަނެގެންވެސް…. އަޅުގަނޑަށް ވަގުތު ނުވެއްޖެއްޔާ ފަހާތަންތަނުންވެސް ފައްސާ….

މުނާގެ ޑިޒައިންތަށް ބަލާލާ ފަސޭހައިން ހެދުމަކަށް އޯޑަރ ކޮށްލެވޭނެ ގޮތެއް އެބައޮތްތޯ؟

އާދެ! https://www.facebook.com/MunniDesign އިން އަޅުގަނޑުގެ ޑިޒައިންތައް ހަމަ ވަރަށް ފަސޭހައިން ބަލާލެވޭނެ.

ފިރިހެންބޭފުޅުންގެ އެއްޗެހިވެސް ފަހަންތޯ؟

ނޫން! އަޅުގަނޑު ފަހައި އުޅެނީ ހަމައެކަނި އަންހެންބޭފުޅުންގެ އެއްޗެހި.

އަމިއްލައަށް ޑިޒައިންކޮށް ފަހާމީހަކަށްވާއިރު މުނާއަށް އެންމެ ރީތި ހެދުމަކީ ކޮބާ؟

ވަކި އެވެނި މިވެނި ހެދުމެއް ނުހުރޭ ރީތި. ޑިޕެންޑްސް އޮންދަ އޮކޭޝަން. ކުރާ މަސައްކަތަކާ، ކަމަކާ ގުޅޭގޮތުން ހެދުން އެޅޭނީ. ދެން އެންމެ އިސްކަމެއް ދެވޭނީ ހަށިގަނޑާއި ބައްޓަމާއި އުމުރާއި ނުވަތަ މީހާއާ ގުޅޭގޮތައްތޯ ހެދުންހުރީ. ކިތަންމެ ރީތިވިޔަސް އަމިއްލަޔަށް ނުގުޅޭ ހެދުމެއް ނުލެވޭނެ ހަމަ.

މުނާއަށް އެންމެ މީރު ކާނާއަކީ ކޮބައިތޯ؟

ރިހާކުރާ ބަތާ، ފަތާ، ކިއުކަމްބަރ

ހަދިޔާއަކަށް އެންމެ ކަމުދަނީ ކޮންއެއްޗެއްތޯ؟

އެއްވެސް ވަރަކަށް ސަޕްރައިޒް ބޭނުމެއްނޫން، ކިތަންމެ ކުޑަ އެއްޗެއް މީހަކު ދިނަސް ދޭހިތުން ދީފިއްޔާ ވަރަށް އުފާވޭ.

އިހަވަންދޫ.ކޮމް އަކީ ގާތްގަނޑަކަށް ރާއްޖޭގެ އެންމެ އުތުރަށް ނިސްބަތްވާ ނޫހެއް. މުނާ އަކީ ހައްދުންމައްޗަށްވުރެވެސް ދުރުގައި އޮތް ހުވަދުއަތޮޅަށް ނިސްބަތްވާ މީހެއް .އާއްމުގޮތެއްގައި މިކަހަލަ ނޫސްތައް ގިނަފަހަރު ނިސްބަތްވަނީ ރަށުގެ ހަތަރު ތޮށީގެ އެތެރެއަށް. އެހެންވީމަ މިނޫހަށް މި އިންޓަވިއުއެއް ދޭއިރު ކީކޭތޯ ހިތަށް އަރަނީ. ކޮބައިތޯ ކުރެވޭ ތަފާތު އިހުސާސަކީ؟

ތިޔަބޭފުޅުން ތިކުރައްވާ މަސައްކަތްތައް ތިޔަކުރައްވަނީ ވަކި އަތޮޅަކަށް ވަކި ރަށަކަށް ވަކި ފަރުދަކަށް ބެލުމެއްނެތި ހަމަހަމަކަމާ އެކީ ނޫސްވެރިންގެ ހައިސިއްޔަތުން. ނޫސްވެރިއެއްގެ ޒިންމާ ތިޔަ އަދާކުރައްވަނީ އިޚްލާސްތެރި ކަމާއެކު ތަފާތުކުރުމެއް ނެތިކަން ހަމަގައިމުވެސް އެނގިގެން ހިނގައްޖެ. ދެން ފަހަރެއްގަ ވެދާނެ ހުވަދު އަތޮޅުގެ ނޫސްވެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް މުނާ ނޭނގެނީ ކަމަށްވެސް ދެއްތޯ.  އިހަވަންދޫ.ކޮމް ނޫހުގެ ނޫސްވެރިޔާ ލަތީފް އަށްވެސް އަޅުގަނޑު އެނގުނީ އަޅުގަނޑުމެން އެއްކޮށް ދަތުރެއް ކޮށްލަން ލިބުނު ފުރުސަތުގައިތާ ދެއްތޯ؟

މިހާ ހިސާބަށް އައި،އިރު ހުންނާނެތާ ކުރިން ފާހަގަކޮށްލި ފަދައިން މީސްމީހުންގެ ފަރާތުންވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފަ. އެފަދަ ފަރާތްތަކަށް ކީކޭތޯ ބުނެލަންއޮތީ؟

“އަޅުގަނޑުގެ ކެރިއަރ ހަލާކުކޮށްލަން އުޅުއްވި ބޭފުޅުންގެ ސަބަބުން ދިމާވި ގޮންޖެހުންތަކުންވެސް އަޅުގަނޑަށް ލިބުނީ އިތުރު ހިއްވަރަކާއި ކެރުމެއް. ހުޅުވުނީ އިތުރު ދޮރުތަކެއް. އަދި އެއީ އަޅުގަނޑަށް ލިބުނު ބޮޑު ނިއުމަތެއްކަމުގައި ނޫނީ އެކަންކަން ނުވޭ. އަދި އެ ނިއުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފަން އެނގުނީތީ އެކަމާ ޝުރުކުރަން. ހުރިހާ ކަމަކީވެސް އެކަނލާނގެ މަތިވެރި ޤުދުރަތުގެ ނިންމެވުން. އެހެންކަމުން އެއްވެސް ބޭފުޅަކަށް އަޅުގަނޑު، ހިތްބުރަކަމެއް ދުވަހަކުވެސް ނުބާއްވާނަން.” މިއީ ބުނެލަން އޮތްހާވެސް އެއްޗަކީ

ނިންމާލަމުން ފަހު ބަހެއްގެ ގޮތުގައި ކީކޭތޯ ބުނަން ބޭނުންވަނީ؟

މި ފުރުސަތުގަ ފާހަގަކޮށްލަން ބޭނުންވަނީ:

” ކިޔެވުމުގެ މުހިއްމު ކަމަކީ ހަމައެކަނި ސެޓްފިކެޓްގެ ބޭނުމުގައި ކިޔެވުމެއް ނޫނޭ. އަދި  ޕީ.އެޗް.ޑީ އަކީ ހަމައެކަނި ހާސިލް ކުރާ ކަރުދާސްގަނޑެއްވެސް ނޫނޭ! ލިބޭ ސެޓްފިކެޓާ އެއްވަރަށް ތިމާގެ ތައުލީމާ، ތަޖުރިބާ، އަދި ހުނަރާއި ޤާބިލްކަން ހުންނަންޖެހޭނެ! އަދި އޭގެ ބޭނުން ހިކުމަތްތެރިކަމާއެކު ހިފަން އެނގޭ މީހަކަށްވާން ޖެހޭއޭ! ޕީ.އެޗް.ޑީ އޭ ބުނުމުން ބައެއްބޭފުޅުންނަށް ހީވެދާނެ މިދެން ހުރިހާކަމެއްވީއޭ. އެކަމަކު ހަޤީގަތަކީ މިހާހިސާބުން ނުނިމޭކަން އަދި މިއީ އަނެއްކާ، ހަމަ އާ ފެށުމެއް”

(ނިމުނީ)

ޚިޔާލު ފައުޅުކުރުން

ރަމްދާން މުބާރަކް އެވެ RAMDAN MUBARAQ !!!