Banner Image Description

ސަމްސަންގް ގެލެކްސީ އެސް 10، އައިރިސް ސްކޭނާރ ދޫކޮށް ފޭޝަލް ރިކޮގްނިޝަންއާ ދިމާއަށް؟

މުޙައްމަދު އިމްރާން

ސަމްސަންގް ގެ ނަން އަޑުއިވޭއިރަށް ފަހަތުން، ހިތަށް ގެނެވޭ އެއްލަފުޒަކީ، ގެލެކްސީ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ސަމްސަންގް މެކުހަށް ޖަހާ، ނޮކިއާ ފަހަތަށް ލުމަށްފަހު، އެޕަލްއާ ވާދަކުރުމަށް ނުކުތް ނުކުތުމަށް، އެންމެ ބޮޑު ބާރެއް ދިން، އެކުވެރިއަކީ، ގެލެކުސީ އާއިލާއެވެ. ސަމްސަންގް ގެ ވަފާތެރި ބައިވެރިން، މިހާރު އިންތިޒާރު ކުރަމުން އެދަނީ، ގެލެކްސީ އެސް 10 ނުވަތަ ގެލެކްސީ އެސް އެކުސް އަށެވެ. ކިޔާނެނަމެއް އަދި ނޭނގެއެވެ.

ފޯނު އާމުންނާ ހަމައަށް އަންނަން އަދި ހަތެއް ނުވަތަ އަށެއްކަމަސް އެބައޮތެވެ. 2019 އަށް އިންތިޒާރުކޮށްލާށެވެ. ނަމަވެސް، މިހާރުވެސް މިވަނީ، ފޯނާގުޅޭގޮތުން، ތަފާތު އަޑުތައް އިވެން ފަށައިފައެވެ. ގިނަފަހަރަށް މިފަދަ އަޑުތަކަކީ ފޯނު އުފައްދާ ކުންފުނިތަކުން ގެންގުޅޭ މާކެޓިންގެ އުކުޅެކެވެ.

މިފަދަ ވާހަކަތައް ގެނެސްދޭ އެއްބަޔަކީ “ބެލް” އެވެ. މި ފޯނާ ގުޅޭގުޅޭގޮތުންވެސް “ބެލް” މިވަނީ ވާހަކަތަކެއް ތިލަކޮށްފައެވެ. އެގޮތުން، ގެލެކްސީ އެސް 10 ގެ އެންމެ ހާއްސަ އެއްކަމަށް ވާނެކަމަށް ބުނެފައިމިވަނީ، ތިމާގެ ލޮލުގެ ކަޅި ބޭނުންކޮށްގެން ފޯނު ހުޅުވާ ހުޅުވުމަށް ސަމްސަންގު އެއްފަރާތް ވެލާ ތްރީޑީ ފޭސް ރިކޮގުނިޝަން (ތިމާގެ މޫނުގެ ސިފައާއި ބައްޓަން ދެނެގަންނަ ޓެކްނޮލޮޖީއެއް) ގެ ބޭނުން ހިފާނެކަމަށެވެ. މިކަމުގައި އަދި ސަމްސަންގެ އައިރިސް ސްކޭނާރ އެހާ ކާމިޔާބެއް ނޫނެވެ. އެޕަލް ފޭސް އައިޑީ އާ ވާދަކޮށްލުމާ ގާތައްވެސް ސަމްސަންގް އަށް ނުދެވެއެވެ.

ހާއްސަ އަނެއް ސިފައެއްގެ ގޮތުގައި، ފެންނާނެކަމަށް “ބެލް” ބުނެފައިވަނީ، މިހާރުވެސް އެންމެ މަޝްހޫރު ފިންގާރ ޕްރިންޓް ސްކޭނާރ ފޯނުގެ ޑިސްޕްލޭ ތެރެއަށްލާ، ފޯނުގެ ބޭރަށް އެނގުން ނުވާނޭހެން، އިންދާނޭކަމަށް ބެލެވޭކަމަށެވެ. އަދި ހަމައެހެންމެ، ލޭގެ ޕްރެޝަރ އާއި، ހިތުގެ ވިންދު ބަލާ ޓެކްނޮލޮޖީ ފިންގާރ ޕްރިންޓް ސްކޭނާގެ ތެރެއަށް ފައްތާ އެކައްޗެއްގެ ގޮތުގައި ނެރުމަކީ ގާތްކަމެއްކަމަށް ބެލެވޭކަމަށެވެ. އަދި މީ ވާހަކައެކެވެ. އިންތިޒާރުކޮށްލާށެވެ.