Banner Image Description

މަސްވެރިންގެ ދުވަހާ ދިމާކޮށް ކައުންސިލުން މަސްރޭހެއް

ޢަބުދުﷲ ޙަމީދު

މިއަހަރުގެ މަސްވެރިންގެދުވަހާ ދިމާކޮށް އިހަވަންދޫ ކައުންސިލުން އިމަގު (އިހަވަންދޫ މަސްވެރިންގެ ގުޅުން) ޖަމިއްޔާއާ ގުޅިގެން މަސްރޭހެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.

އިހަވަންދޫ ކައުންސިލުން ބުނީ އިމަގު ޖަމިއްޔާއާ ގުޅިގެން އެކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އިހަވަންދޫ އަކީ، ފަޚުރުވެރި މަސްވެރި އާއިލާއެއް އޮތް ރަށަކަށްވެފައި، މަސްވެރިކަމުގެ ހުނަރާއި ކާބަފައިން ކުރަމުން އައި މަސްވެރިކަމުގެ ރޫޙު ރައްޔިތުންގެ މެދުގައި އަށަގެންނެވުމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެކުގައި މަސައްކަތް ކުރުމާއި، ޤައުމީ އަދި ވަތަނީ ރޫޙާއި އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ބޭއްވޭ މުބާރާތެއް ކަމަށެވެ.

ޢާއްމުކޮށް ހުރިހާ ފަރާތްތަކަކަށް ބައިވެރި ވެވޭގޮތަށް ހުޅުވާލާފައިވާ މިމުބާރާތުގައި މުވައްސަސާތަކައި، ކުލަބު ޖަމިއްޔާ އަދި ހިލޭ ސާބަހަށް މަސައްކަތް ކުރާ ފަރާތްތަކާއި، ވިޔަފާރިތަކާއި ރަށުގައި އުފެދިފައިވާ ޓީމްތަކުގެ ނަމުގައިވެސް ބައިވެރިވެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

މިމަސްރޭހުގައި އެއްވަނަ ޓީމް، ދެވަނަ ޓީމް، ތިންވަނަ ޓީމް، އެންމެ ބަރުމަސް ބޭނީ މީހާ އަދި  އެންމެ ގިނަ މަސް ބޭނި މީހާ ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ. 10 ޑިސެމްބަރ 2020 ވަނަ ދުވަހުގެ ހަވީރު 16:00 ން 21:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރ 9 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި މަސްރޭހުގައި ބައިވެރިވުމުގެ ފޯމާއި ޤަވާއިދު އިހަވަންދޫ ކައުންސިލްގެ ރަސްމީ ފޭސްބުކު ޕޭޖުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް އެކައުންސިލުން ބުނެއެވެ.