ކައުންސިލް އިންތިހާބު: އިހަވަންދޫގެ 2 ނަންބަރު ވޯޓު ފޮށީގެ އަންހެނުންތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފޮށިތެރޭގައި 2 ގަލަން

މުޙައްމަދު އަކުރަމް

އިހަވަންދޫގެ 2 ނަންބަރު ވޯޓު ފޮށީގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ވޯޓު ކަރުދާސްތައް އަޅާފައިހުރި ފޮށީގެ ތެރެއިން 2 ގަލަން ފެނިއްޖެއެވެ.

ވޯޓު ގުނުމަށްޓަކައި ފޮށީގައިވާ ވޯޓު ކަރުދާސްތައް ނެގި އިރު މިފޮށިތެރޭގައި ދޯރިޖަހާފައިވާ 1 ގަލަމާއި ދޯރި ނުޖަހާ އޮތް 1 ގަލަން އޮތެވެ.  މިފޮށީގައި ހުރި ވޯޓު ކަރުދާސްތަކުގެ ތެރެއިން 29 ވޯޓު ކަރުދާސް ވަނީ އެއްކޮށް ބާތިލް ވެފައެވެ. ގިނަ ވޯޓުކަރުދާސްތަކެއް ބާތިލުވެފައިވަނީ މިކަމާ ގުޅިގެން ކަމަށްފެންނާތީ އެމައްސަލަ މިހާރު ކޮމްޕުލެއިންސް ބިއުރޯ އަށް ހުށައަޅާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ގިނަ ވޯޓު ކަރުދާސްތައް ބާތިލު ވެފައިވަނީ ވޯޓު ކަރުދާހުގައި އިތުރު ތިކި ތަކާއި ކުރެހުން ހުރުމުގެ ސަބަބުންނެވެ. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާދިމާގައި ރަނގަޅު ފާހަގަ ޖެހުން ފިޔަވައި، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާނަމަ އެކަރުދާހުގައިވާ ހުރިހާ ވޯޓެއް ބާތިލު ވާނެ ކަމަށް ވޯޓު ބާތިލު ވާނެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

އަންހެނުންތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 5 މެމްބަރުން އިހަވަންދޫގައި އިންތިހާބު ކުރަންޖެހޭއިރު، 29 ވޯޓު ކަރުދާސް ބާތިލު ވުމުން މިއީ ޖުމުލަ 145 ބާތިލް ވޯޓުގެ ގޮތުގައި ގުނާނެ އެވެ.

ޚިޔާލު ފައުޅުކުރުން

މީހަކު ގަސްދުގަ ކުރިކަމެއްކަމަށް ބެލެވޭ. ގަލަން ވައްޓާލިއިރު ވޯޓު ފޮށި ބަލަހައްޓާ އޮފިޝަލުވީ ކޮންތާކު؟