އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި!

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް މިއަދު ފަށައިފިއެވެ. އާމިނާދިޔޯ ޞިއްޙީމަރުކަޒުން އިއުލާން ކޮށްފައިވާ ގޮތުގައި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް މިއަދު 9:00 އިން ފެށިގެން ލިބިގެން ދާނެއެވެ.

މިއީ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޤާއިމްކުރެވުނު ދާއިމީ ދެވަނަ ސްޕެޝަލިސްޓް އޯޕީޑީ ހިދުމަތެވެ. އިހަވަންދޫގައި ފުރަތަމަ ފަހަރަށް ސްޕެޝަލިސްޓް އޯޕީޑީއެއްގެ ހިދުމަތް ފަށާފައިވަނީ،  2022 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ ކުޑަކުދިން ހާއްސަ ޑޮކްޓަރުގެ ހިދުމަތެވެ.  އާމިނާދިޔޯ ޞިއްޙީމަރުކަޒުގައި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ފަށާފައިމިވަނީ، އާމިނާދިޔޯ ޞިއްޙީމަރުކަޒުގައި ފެށުމަށް ހަމަޖެހިފައިވާ ޑަޔަލައިސިސް ސެންޓަރު ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާމިނާދިޔޯ ޞިއްޙީމަރުކަޒުގައި ތަރައްޤީ ކުރަމުން އަންނަ ޑަޔަލައިސިސް ސެންޓަރު މާދަމާ ރަސްމީކޮށް ހުޅުވާނެއެވެ. މިއީ ސިއްޙީމަރުކަޒެއްގައި ގާއިމްކުރެވޭ ފުރަތަމަ ޑަޔަލައިސިސް ސެންޓަރެވެ.

އާމިނާދިޔޯ ޞިއްޙީ މަރުކަޒަކީ އެހެން ޞިއްޙީމަރުކަޒުތަކާއި އަޅާބަލާއިރު ގިނަ އަދަދެއްގެ ބަލިމީހުންނަށް ކޮންމެ ދުވަހަކުވެސް ފަރުވާދެމުންދާ ޞިއްޙީމަރުކަޒެކެވެ. އެގޮތުން 2024 ވަނަ އަހަރު 18086 ކޮންސަލްޓޭޝަން ހަދާފައިވާއިރު، 4052 މީހަކު ލެބޯޓަރީގެ ހިދުމަތް ހޯދައިފައިވެއެވެ.