ގްރޫޕް ސްޓޭޖްގައި، ސެންސިޓީގެ މައްޗަށް 1-0 އިން ޖަންގަލް ކުރިހޯދާފައިވަނިކޮށް، އެކަމުގެ ބަދަލު ހިފައި ސެމީފައިނަލްގައި ޖަންގަލް ބަލިކޮށް، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ކުރިޔަށްގެންދާ އިމަގު ފަންސަތިރީސް ވެޓެރަންސް ފުޓްސަލް ޓޯނަމެންޓްގެ ފައިނަލަށް ސެންސިޓީ ދަތުރުކޮށްފިއެވެ.
ރޭ ޣާޒީ ދަނޑުގައި ކުޅުނު މިމުބާރާތުގެ ސެމީފައިނަލް މެޗްގެ ނަތީޖާ ނެރުނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 4-4 އިން އެއްވަރުވުމުން މެޗްގެ ނަތީޖާ ނެރެންޖެހި ޕެނަލްޓީންނެވެ. ޕެނަލްޓީގައި 5-6 ގެ ނަތީޖާއަކުން ކުރިހޯދީ ސެންސިޓީއެވެ. ސެންސިޓީ އާއި ފައިނަލްގައި ވާދަކުރާނީ ޔުނައިޓެޑް ޔޫތެވެ. އެޓީމް ފައިނަލަށް ދަތުރުކުރީ މިމުބާރާތުގެ ގްރޫޕް ސްޓޭޖުން 1 ވަނަ ހޯދައިގެންނެވެ. ސެންސިޓީ އަދި ޔުނައިޓެޑް ޔޫތް މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ވާދަކުރި މެޗް 3-5 އިން ކާމިޔާބުކުރީ ޔުނައިޓެޑް ޔޫތެވެ.
ޖުމުލަ 4 ޓީމެއް ވާދަކުރާ މިމުބާރާތުގައި ވާދަކުރަނީ ޖަންގަލް، ސެންސިޓީ، ޔުނައިޓެޑް ޔޫތް އަދި ބަހްސީސްއެވެ. މިއީ މިމުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މިދިޔާ އަހަރުގެ ޗެމްޕިއަން ޗާލީ މިއަހަރުގެ މުބާރާތުގައި ވާދައެއް ނުކުރެއެވެ.
މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިރޭ 20:30 ގައި އިހަވަންދޫ ޣާޒީ ދަނޑުގައެވެ. މިމެޗް މިނޫހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އަދި އިމަގު ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.