ތިލައުތުރު ފުޓްސަލް މުބާރާތް 2025: މިފަހަރުގެ މުބާރާތުގައިވެސް ބައިވެރިވީ 10 ރަށަކުން

.

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގައި 10 ރަށަކުން ބައިވެރިވެފައިވާ ކަމަށް، ހއ އަތޮޅު ކައުންސިލުން މައުލޫމާތު ދީފިއެވެ. މިދިޔަ އަހަރުގެ، ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވެފައިވަނީވެސް 10 ރަށަކުންނެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ މޮޅަދޫ، ހޯރަފުށި، އިހަވަންދޫ، ކެލާ، ވަށަފަރު، ދިއްދޫ، ފިއްލަދޫ، އުތީމް، މުރައިދޫ، އަދި ބާރަށުންނެވެ. މޮޅަދޫ އަދި ހޯރަފުއްޓަކީ މިމުބާރާތުގައި މުޅިން އަލަށް ބައިވެރިވާ ދެ ރަށެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ތުރާކުނު އަދި އުލިގަމުން މިއަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.

މިއަދިޔަ އަހަރު ހއ އަތޮޅު ކައުންސިލުން ބޭއްވި، ތިލައުތުރު ފުޓްސަލް މުބާރާތް 2024 ކުރިޔަށް ގެންދިޔައީ ކެލާ ކައުންސިލާއި ގުޅިގެން ކެލާގައެވެ. މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ހއ އަތޮޅު ކައުންސިލާއި އުތީމު ކައުންސިލާއި ގުޅިގެން އުތީމުގައެވެ. މިއީ މިމުބާރާތް އުތީމުގައި ބާއްވާ ދެވަނަ ފަހަރެވެ.

މިއަހަރު މިބާއްވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 4 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ކުޅުނު  ތިލައުތުރު ފުޓްސަލް މުބާރާތް 2024 ގެ  ޗެމްޕިއަންކަން ހޯދީ އިހަވަންދޫ ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.