ހެލްޕްލައިންތަކުގެ އިތުބާރު ނަގާލައިފި! މިއީ މިނިސްޓަރު އިހުސާން އިސްތިއުފާ ދޭންޖެހޭވަރުގެ ކަމެއް!

ޒިޔާޢު އަހްމަދު

މީހަކު އަމިއްލައަށް މަރުވުމަކީ މުޅި މުޖުތަމައު ސިއްސުވާލާ، ހިތާމަވެރި ކަމެކެވެ. ނަމަވެސް އެފަދަ ހާދިސާއެއް ހިނގުމުން، އެންމެ އިސް ސަފުގައި ތިއްބަވާ ސަރުކާރުގެ ވަޒީރުންގެ ފަރާތުން ފެންނަންޖެހޭނީ ހަމްދަރުދީއާއި، ކެތްތެރިކަމާއި، އަދި އެންމެ މަތީ ދަރަޖައިގެ އަހުލާގީ މިންގަނޑުތަކެވެ. މިއަދު ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރު އަލީ އިހްސާން، ގައުމީ ޓީވީގައި ވިކްޓިމް ސަޕޯޓް ހެލްޕްލައިނަކަށް ގުޅައިގެން މީހަކު ދެއްކި ވާހަކަތަކާއި މެސެޖުތައް ހާމަކުރުމަކީ ދިވެހި ތާރީހުގައިވެސް ފެނިގެންދިޔަ ވަރަށް ހިތާމަވެރި، އަދި އެހާމެ ބިރުވެރި އަމަލެކެވެ.

އިތުބާރު ގެއްލުމާއި މުޖުތަމައަށް ލިބޭނެ ގެއްލުން


ނަފްސާނީ ގޮތުން އެންމެ ބޮޑަށް ބަލިކަށިވާ ވަގުތު، އެހީއަށް އެދި ގުޅާ ހެލްޕްލައިންތަކަކީ އެންމެ “މުގައްދަސް” އިތުބާރު އޮންނަންޖެހޭ ތަންތަނެވެ. އެތަނަށް ކުރާ މުއާމަލާތްތަކަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެންމެ މަތީ ދަރަޖައަށް ސިއްރުކުރެވޭ މައުލޫމާތެވެ. ވަޒީރަކު މިފަދަ ސިއްރުތައް އާންމުކުރުމުން، ދެން އެހީއަށް ބޭނުންވާ މީހަކު އެފަދަ ހެލްޕްލައިނަކަށް ގުޅަން ޖެހިލުންވާނެއެވެ. “މަގޭ ވާހަކަވެސް މާދަމާ ޓީވީން ދައްކާފާނެބާއޭ” ހީވުމަކީ އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމެކެވެ.
މިފަދަ ، “ޓްރިގަރިންގް” މައުލޫމާތު އާންމުކުރުމަކީ ނަފްސާނީ ބަލިތަކުގައި އުޅޭ އެހެން މީހުންނަށްވެސް އޭގެ ނޭދެވޭ އަސަރުކޮށް، “ކޮޕީކެޓް” އަމަލުތަކަށް މަގުފަހިވާ ކަމެއް ކަމަށް ސައިންސްވެރިން ބުނެއެވެ. މިނިސްޓަރަކީ ގާނޫނު ތަންފީޒުކުރާ އެންމެ އިސްވެރިޔާއެވެ. އޭނާގެ އަތްމައްޗަށް އަރާ އަމިއްލަ ފަރުދުންގެ ސިއްރު މައުލޫމާތު، ސިޔާސީ މަންފާއަކަށް ނުވަތަ ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތަކުގެ ދިފާއުގައި  ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އިސްތިއުފާ ދޭންޖެހެނީ ކީއްވެ؟


ހޯމް މިނިސްޓަރު އަލީ އިހްސާން މިހާރުން މިހާރަށް އިސްތިއުފާ ދޭންޖެހޭ ސަބަބުތަކަކީ:

  1. އިތުބާރު ގެއްލުން: ރައްޔިތުންގެ އެންމެ ނާޒުކު މައުލޫމާތު ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން މިހާރު މިނިސްޓަރުގެ ކިބައިން ވަނީ ގެއްލިފައެވެ.

  2. ޕްރޮފެޝަނަލިޒަމް ނެތުން: ސަރުކާރުގެ މަތީ މަގާމެއްގައި ހުންނަވައިގެން، ސޯޝަލް މީޑިއާގެ “ބަހުސް” ތަކުގެ ތެރެއަށް ވެދެވަޑައިގެން ވިކްޓިމްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ޒިންމާދާރު ވަޒީރަކު ކުރާނެ ކަމެއް ނޫނެވެ.

  3. އަހުލާގީ މިންގަނޑު: މަރުވެފައިވާ މީހެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ އަމަލެއް ހިންގުމަކީ ދިވެހި ސަގާފަތާއި އިސްލާމީ އަހުލާގާވެސް މުޅިން ހިލާފު ކަމެކެވެ.

“ސަރުކާރަކީ ސޯޝަލް މީޑިއާގެ ގޮސިޕް ގްރޫޕެއް ނޫނެވެ. ސަރުކާރުގެ އިސްވެރިންނަކީ އެންމެ މަތީ މިންގަނޑުތަކުން މިސާލު ދައްކަންޖެހޭ ބައެކެވެ.”

މިއަދު މީޑިއާތަކާއި، މުޅި މުޖުތަމައުއަށް އޮތް އިލްތިމާސަކީ މިނިސްޓަރު އާންމުކުރި އެ ޒާތީ މައުލޫމާތުތައް އިތުރަށް ފެތުރުން ހުއްޓާލުމެވެ. އެ އަންހެން ކުއްޖާގެ ކަރާމާތާއި، އާއިލާގެ ހިތާމައަށް އިހުތިރާމް ކުރަންޖެހެއެވެ. އަދި މިފަދަ ބޮޑު ގޯހެއް ހެއްދެވި ވަޒީރަކު މަގާމުގައި ހުންނެވުމަކީ ދިވެހި ދައުލަތުގެ އަގު ދުނިޔޭގެ ކުރިމަތީގައި ވެއްޓިގެންދާނެ ކަމެކެވެ. އެހެންކަމުން، މިނިސްޓަރު އިހްސާން އިސްތިއުފާ ދެއްވައި، މިކަމަށް މައާފަށް އެދުމަކީ ދިވެހި ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަމެކެވެ.