ރައީސް ނަޝީދާއި ފައްޔާޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ

މުޙައްމަދު އަކުރަމް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް މާދަމާ ހއ. އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މި ދެބޭފުޅުން އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:15 ގައެވެ. މި ދަތުރުފުޅަކީ “ބޮޑު ބަދަލު” ގެ ނަމުގައި އެބޭފުޅުން ފައްޓަވާފައިވާ ސިޔާސީ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.

މި ކެމްޕެއިންގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، މިހާރު ހުސްވެފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައެވެ. އަދި ފައްޔާޒް އިސްމާއިލް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށްޓަކައި ބާއްވާ އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވާފައެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، އިހަވަންދޫ ކައުންސިލަށް ވާދަކުރެއްވި ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް ފައްޔާޒް އިހަވަންދޫއަށް ވަޑައިގަތްކަން ފާހަގަކުރެވެއެވެ.