Banner Image Description

ޕޯލްސްޓާރގެ ފުރަތަމަ މެޗު ސީދާ 3 ސެޓުން ކާމިޔާބުކޮށްފި

މުޙައްމަދު އިމްރާން

ހއ އިހަވަންދޫގައި ކުރިއަށްދާ 44 ވަނަ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި މިއަދުވެސް ޖުމްލަ ތިންމެޗްކުޅެފައިވެއެވެ. އެގޮތުން،  މިއަދު ހަވީރު 4:00 ގައި އޮތް ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ހދ އަތޮޅުން މިމުބާރާތުގައި ބައިވެރިވެފައިވާ ދެޓީމު ކަމުގައިވާ ފިނޭ ޓީމާއި، ނޮޅިވަރަމް ޓީމެވެ. މިމެޗުގައި މޮޅުކުޅުމެއް ދައްކާ ސީދާ ތިންސެޓުން މެޗު ގެންގޮސްފައިވަނީ ހދ.ފިނޭ ޓީމެވެ.

މިމެޗުގެ ސެޓްތައް ގެންގޮސްފައިވާ ގޮތަށް ބަލައިލާއިރު، ފުރަތަމަސެޓް ފިނޭ ޓީމުން ގެންގޮސްފައިވަނީ 25 – 14 އިންނެވެ. ދެވަނަ ސެޓް ގެންގޮސްފައިވަނީ، 25 – 15 އިންނެވެ. އަދި އެންމެ ފަހު ސެޓް ގެންގޮސްފައިވަނީ، 25 – 11 އިންނެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ، މިމެޗުގައި މޮޅުކުޅެމެއް ދެއްކި ކުޅުންތެރިޔެއް ކަމަށްވާ ހދ ފިނޭ ޓީމުގެ 7 ނަންބަރު ކުޅުންތެރިޔާ އައިޝަތު މުނާއެވެ.

މިރޭކުޅުނު މިމުބާރާތުގެ މެޗުތަކުގެތެރެއިން ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ، އިހަވަންދޫ އިމަގު ޖަމިއްޔާގެ ޓީމަކާއި، ހއ ވަށަފަރު ޓީމެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެތެރެއިން މޮޅުކުޅުމެއް ދައްކަމުން އަންނަ އިމަގުން މިމެޗް ކާމިޔާބުކޮށްފައިވަނީ، ވަރަށް ފަސޭހަކަމާއެކުގައި ސީދާ 3 ސެޓުންނެވެ.

އެގޮތުން، ފުރަތަމަ ސެޓް 25 – 9 އިން ގެންގޮސްފައިވާއިރު ދެވަނަ ސެޓު ގެންގޮސްފައިވަނީ، 25 – 12 އިންނެވެ. އަދި މެޗު ކާމިޔާބުކުރި ތިންވަނަ ސެޓުން އިމަގުން ގެންގޮސްފައިވަނީ، 25 – 11 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، އިމަގު ޓީމުގެ 10 ނަންބަރު ކުޅުންތެރިޔާ، އައިޝަތު މާޖިދާއެވެ. އިމަގުން ވަނީ މިހާތަނަށް މިމުބާރާތުގެ ދެމެޗުކުޅެ ދެމެޗު ކާމިޔާބުކޮށް 6 ޕޮއިންޓް ކާމިޔާބުކޮށްފައެވެ.

މިމުބާރާތުގެ ގަދަ ތިންބާރުކަމުގައި، ފެނިގެންދާނެކަމަށް ގިނަބަޔަކު ބުނަމުންދާ ތިންޓީމުގެ ތެރެއިން، އެއްޓީމުކަމުގައިވާ، ކުލަބު ޕޯލްސްޓާރގެ ވޮލީޓީމުގެ ކުޅުން، މިރޭގެ ދެވަނަ މެޗުގައި ފެނިގެން ގޮސްފައިވެއެވެ.

ފުރަތަމަ ސެޓުން މާރަނގަޅު ކުޅުމެއް ނުދެއްކުނު ކަމުގައިވީނަމަވެސް، އެސެޓް 25 – 21 އިން ގެންގޮސްފައިވަނީ ޕޯލްސްޓާރގެ ޓީމެވެ. ފުރަތަމަ ސެޓަށްވުރެ ކުޅުން ރަނގަޅުކޮށް ދެވަނަ ސެޓް ޕޯލްސްޓާރއިން ކާމިޔާބުކުރީ 25 – 6 އިންނެވެ. އަދި މެޗު ކާމިޔާބުކުރި ސެޓް 25 – 12 އިން ޕޯލްސްޓާރގެ ޓީމު ގެންގޮސް، ސީދާ ތިންސެޓުން ޕޯލްސްޓާރގެ ޓީމުން މެޗުވަނީ ކާމިޔާބުކޮށްފައެވެ.

ރާއްޖޭގެ މަޝްހޫރު 4 ކުޅުންތެރިންގެ އިތުރުން، ފިންލޭންޑް ކުޅުންތެރިޔަކު ކުޅެމުންދާ ކުލަބު ޕޯލްސްޓާރގެ ޓީމުގެ ފުރަތަމަ މެޗު މިރޭ ފެނިގެން ގިސްފައިވާއިރު، މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، އެޓީމުގެ 12 ނަންބަރު ކުޅުންތެރިޔާ، އެރިކާ ޖޯހަންނާއެވެ.