ހިއުމަންރައިޓްސް ކޮމިޝަންގެ އެންކުއަރީގެ ފުރަތަމަ މަރުހަލާގެ ބައްދަލުވުންތައް އިހަވަންދޫގައި ފަށައިފި

ޢަބުދުﷲ ޙަމީދު

ހިއުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސްގެ ފަރާތުން ހިންގާ އެންކުއަރީގެ ފުރަތަމަ މަރުހަލާގެ ބައްދަލުވުންތައް އިހަވަންދޫގައި ފަށައިފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިބައްދަލުވުންތައ އިހަވަންދޫގައި ކުރިއަށްދާނީ މިހިނގާ ޑިސެމްބަރު މަހުގެ 4 އަދި 5 ގައެވެ. ކޮމިޝަނުގެ ފަރާތުން އިއްޔަ ވަނީ އިހަވަންދޫ މަދަރުސާއާއި އިހަވަންދޫ ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި އިހަވަންދޫ މަދަރުސާއާއާއި ވަފާ ޕުރީސްކޫލުގެ އިންސްޕެކުޝަންވެސް ހަދާފައިވާ ކަމަށް އިހަވަންދޫޑޮޓްކޮމް އަށް ވަނީ އެނގިފައެވެ.

ހިއުމަންރައިޓްސް ކޮމިޝަން އިން މިހިންގާ އެންކުއަރީ އަކީ ނުކުޅެދުންތެރިކަން ހުންނަކުދިންނަށް ލިބިގެންވާ އުނގެނުމުގެ ހައްޤު އެކުދިންނަށް ލިބިދޭ މިންވަރުދެނެގަތުމުގެ ގޮތުން ހިންގޭ ތަހުޤީގެކެވެ. މިގޮތުން މިހިނގޭ އެންކުއަރީގެ މަޤުސަދަކީ އުނގެނުމާއި ގުޅުންހުރި މައްސަލަތަކުގެ މަޢުލޫމާތު ޢާއްމުންނާއި، ކަމުގެ މާހިރުން ބައިވެރިކޮށްގެން ހޯދުމާއި އުނގެނުމުގެ ހައްޤުތައް ނިއުޅައިގަނެވިފައިވާ ގޮތްތަކާއި މިންވަރު ތަހުގީގު ކުރުމުގެ އިތުރުން މިނިޒާމުގައި ހުރި ކަންތައްތައް ރަނގަޅުކޮށް މުސްތަޤުބަލުގައި މިކަމުގެ މަންފާ މުޅި މުޖުތަމަޢަށް ލިބިގެން ދިއުން ކަމުގައި އެކޮމިޝަނުން ހާމަކުރައްވައެވެ.

މިކޮމިޝަނުގެ ޓީމުން ވަނީ އިއްޔަ ވަނީ އިހަވަންދޫމަދަރުސާގެ ގުރޭޑް 6 ން 12 ގެ ދަރިވަރުންނާއިވެސް ބައްދަލުކޮށްފައެވެ. އަދި މިއަދުގެ ގަޑިތަކުގައިވެސް ދަރިވަރުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން ހާމަކުރައްވާ ގޮތުގައި 2012 އިން 2013 ވަނަ އަހަރުގެ ނިޔަލަށް ހިންގުމަށް ހަމަޖެހިފައިވާ މިއިންކުއަރީ ހިންގުމަށް ހަމަޖެހިފައިވަނީ ހއ، ހދ، ށ، ނ، ރ، ޅ، ކ، އދ، ގދ، ޏ އަދި ސ އަތޮޅުގައެވެ.