44 ވަނަ ޤައުމީ އަންހެން ވޮލީ ބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނުމެޗު، ހދ ނޮޅިވަރަމް ކުލަބު ހުވާސް ޓީމާ ވާދަކޮށް، ސީދާ ތިންސެޓުން ކާމިޔާބުކޮށްފައިވަނީ ހއ ވަށަފަރު ވިދާ ޖަމްޢިއްޔާގެ ވޮލީ ޓީމެވެ. މިއާއެކު ވިދާ ޖަމްޢިއްޔާއަށްވަނީ 3 ޕޮއިންޓް ލިބިފައެވެ. މިމެޗުގެ ސެޓްތައް ގެންގޮސްފައިވާ ގޮތަށް ބަލައިލާއިރު، ފުރަތަމަ ސެޓް ގެންގޮސްފައިވަނީ، 25 – 22 އިންނެވެ. ދެވަނަ ސެޓް 25 – 14 ން ގެންގޮސްފައިވާއިރު ތިންވަނަ ސެޓް ގެންގޮސްފައިވަނީ، 25 – 17 އިންނެވެ. މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ހއ ވަށަފަރު ވިދާ ޖަމްޢިއްޔާގެ ޓީމުގެ 3 ނަމްބަރު ކުޅުންތެރިޔާ އައިޗަތު ޝިފުލާއެވެ.
މިރޭވެސް މިމުބާރާތުގެ ދެމެޗް ކުރިއަށް ގޮސްފައިވެއެވެ. ފުރަތަމަ މެޗު ފެށިފައިވަނީ، މިރޭ 8:00 ގައެވެ. މިމެޗުގައި ބައްދަލުކުރީ، އިހަވަންދޫ ކުލަބު ޕޯލްސްޓާރގެ ޓީމާއި ހދ ފިނޭ ވޮލީޓީމެވެ. މިމެޗުގެ ސެޓްތައް ކުލަބު ޕޯލްސްޓާރއިން ގެނެސްފައިވަނީ 25 – 3، 25 – 12 އަދި 25 – 12 އިންނެވެ. މިރޭ ކުލަބު ޕޯލްސްޓާރއިން ދައްކާފައިވާ ކުޅުމަށް ބަލައިލާއިރު، ރޭގެ މެޗަށްވުރެ ރަނގަޅު މޮޅުކުޅުމެއް ދައްކާފައިވާކަން ފާހަގަކުރެވެއެވެ. މިމެޗުގެ ފަހުސެޓަށް ބެންޗުގައި ހިމެނޭ ޓިމު ކުލަބު ޕޯލްސްޓާއިން ކުޅެން ނެރެފައިވާއިރު، މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ، އެޓީމުގެ 4 ނަންބަރު ކުޅުންތެރިޔާ ނަސްރާ އިބްރާޙިމްއެވެ.
މިރޭ ކުރިއަށްދިޔަ މިރޭގެ 2 ވަނަ މެޗުގައި ޕޮލިސްކުލަބު އަދި މުރައިދޫ އެކުވެރިންގެ ޖަމިއްޔާއާ ބައްދަލުކޮށް، ސީދާ ތިންސެޓުން، ޕޮލިސްކުލަބުވަނީ ފަސޭހަކަމައިއެކުގައި މިމެޗުކާމިޔާބުކޮށްފައެވެ. ފުރަތަމަ ސެޓް ޕޮލިސްކުލަބުން ކާމިޔާބުކޮށްފައިވަނީ، 25 – 6 ންނެވެ. އަދި ދެވަނަ ސެޓް ގެންގޮސްފައިވަނީ 25 – 14 ންނެވެ. އަދި ތިންވަނަ ސެޓް ގެންގޮސްފައިވަނީ 25 – 10 ންނެވެ. ޕޮލިސްކުލަބުން ހުނަރުވެރި މޮޅު ކުޅުމެއް މިމެޗުގައި ދައްކާފައިވާއިރު، މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، އެޓީމަށް ކުޅެމުންދާ ޤައުމުން ބޭރުގެ ކުޅުންތެރިއެއް ކަމަށްވާ، 5 ނަންބަރު ކުޅުންތެރިޔާ އަބްރަހަމަ މިނިމޯލްއެވެ.
މިމުބާރާތުގައި ޖުމްލަ 7 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާ ގޮތަށް ލީގު އުސޫލުންނެވެ. އަދި ތިން ސެމީ ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސެމީއަށް ހޮވޭނީ، 1 ވަނަ ޓީމާއި 2 ވަނަ ޓީމެވެ. ފުރަތަމަ ސެމީން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދާއިރު، ބަލިވާ ޓީމަށް ތިންވަނަ ސެމީން ޖާގަލިބޭނެއެވެ. އަދި 2 ވަނަ ސެމީގައި ކުޅޭނީ 3 ވަނަ ޓީމާއި 4 ވަނަ ޓީމެވެ. 2 ވަނަ ސެމީން ބަލިވާ ޓީމެއް ކަޓާ އިރު، މޮޅުވާ ޓީމެއް 3 ވަނަ ސެމީއަށް ދާނެއެވެ. އެހެންކަމުން 3 ވަނަ ސެމީގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި، ދެވަނަ ސެމީން މޮޅުވާ ޓީމެވެ. މިމުބާރާތުގެ ފައިނަލްގައި ކުޅޭނީ، ފުރަތަމަ ސެމީން މޮޅުވާ ޓީމާއި، ތިންވަނަ ސެމީން މޮޅުވާ ޓީމެވެ. އަދި ތިންވަނަ ޓީމަކަށް ވާނީ ތިންވަނަ ސެމީން ބަލިވާ ޓީމެވެ.