Banner Image Description

ޖުމްލަ ހަތަރުމެޗުގައި ވާދަކޮށް، ފިނޭޓީމުން 6 ޕޮއިންޓް ކަށަވަރުކޮށްފި

މުޙައްމަދު އިމްރާން

44 ވަނަ ޤައުމީ އަންހެން ވޮލީ ބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނުމެޗު، ހދ ފިނޭ އެކަތަ ޖަމްޢިއްޔާގެ ވޮލީޓީމު ކާމިޔާބުކޮށްފައިވަނީ، ހއ ވަށަފަރު ވިދާ ޖަމްޢިއްޔާގެ ވޮލީޓީމާ ވާދަކޮށް 3 ސެޓް 2 ސެޓުންނެވެ.

ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މިމެޗުގައި، ފުރަތަމަ ސެޓް ފިނޭގެ ޓީމު ގެންގޮސްފައިވަނީ، 25 ޕޮއިންޓް 17 ޕޮއިންޓުންނެވެ. ނަމަވެސް، ދެވަނަ ސެޓުގައި ވަށަފަރު ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ސެޓު ފެށުނީންސުރެ ލީޑް ހޯދާ މޮޅުކުޅުމެއް ދައްކަމުން ގޮސްފައިވެއެވެ. 20 ޕޮއިންޓާ ހަމައަށް ވަށަފަރު ޓީމު ލީޑުކުރަމުން ދިޔައެވެ. ނަމަވެސް، އެހާ ހިސާބުން އަނެއްކައިވެސް ސެޓުގެ އޮއިވަރު ބަދަލުވެ، މިސެޓުވެސް ފިނޭގެ ވޮލީ ޓީމުން ކާމިޔާބުކުރިއެވެ. މިސެޓް ފިނޭގެ ވޮލީޓީމުން 25 – 23 ންނެވެ.

ސީދާ ތިންސެޓުން މެޗުކާމިޔާބުކުރުމުގެ އަޒުމުގައި، ތިންވަނަ ސެޓަށް ފިނޭޓީމު ނިކުތެވެ. ނަމަވެސް، މިސެޓުގައި ފިނޭ ޓީމަށް މާކާމިޔާބު ކުޅުމެއް ދެއްކޭނެގޮސްވަނީ ނުވެފައެވެ. ނަތީޖާއަކަށްވީ ތިންވަނަސެޓް ވަށަފަރު ޓީމުން 25 – 17 އިންގެންގޮސް 2 ސެޓް 1 ސެޓަށް މެޗުގެ ނަތީޖާ ބަދަލުކޮށްލުމެވެ. އަދި އިތުރު ހިތްވަރަކާ އެކުގައި ހަތަރުވަނަ ސެޓަށް ވަށަފަރުގެ ވިދާޖަމްޢިއްޔާގެ ޓީމު ނުކުމެ، އެސެޓުވެސް ކާމިޔާބުކުރިއެވެ. ހަތަރުވަނަ ސެޓް ވަށަފަރު ޓީމުން ކާމިޔާބުކޮށްފައިވަނީ، 25 – 15 ންނެވެ. މިސެޓުގެ ވަކި ހިސާބަކުން، ގިނަބޯޅަތަކެއް ފިނޭގެ ޓީމުން މިސްވެ، ޕްރެޝަރަށް މުޅިޓީމު ގޮސްފައިވެއެވެ.

ކޮންމެ ޓީމެއް 2 ސެޓް ކާމިޔާބުކޮށް، ދެޓީމުންވެސް ފަސްވަނަސެޓަށް ނިކުމެފައިވަނީ، އެންމެ ފަހުސެޓް ހޯދުމުގެ ނިޔަތުގައެވެ. ސެޓުފެށުނީންސުރެވެސް، މިސެޓުގައި ލިޑްކުރަމުން ގޮސްފައިވަނީ، ފިނޭ ވޮލީޓީމެވެ. އަދި ފިނޭޓީމުން މިސެޓް ކާމިޔާބުކުރީ، 15 – 10 އިންނެވެ. ރަނގަޅުކުޅުމެއް ދެޓީމުންވެސް ދައްކާފައިވާ މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ، ފިނޭޓީމުގެ 12 ނަންބަރު ކުޅުންތެރިޔާ، އަޒޫނާ ޢަބްދުލް ޙަމީދެވެ.

މިމުބާރާތުގެ ދެމެޗް މިރޭ ކުރިއަށް ދާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ، ކުލަބް ޕޯލްސްޓާރގެ ޓީމަކާއި، ހދ ނޮޅިވަރަމް ކުލަބް ހުވާސްގެ ޓީމެކެވެ. މިމެޗު ފެށޭނީ، މިރޭ 8:00 ގައެވެ. މިމުބާރާތުގެ އެންމެ ފޯރިގަދަވާނެކަމަށް ބެލެވޭ، އެއްމެޗުކަމުގައިވާ އިހަވަންދޫ އިމަގު ޖަމިއްޔާ އަދި ޕޮލިސްޓީމް ބައްދަލުކުރާމެޗު ފެށޭނީ މިރޭ 9:30 ގައެވެ. މިމެޗަށް ތައްޔާރުވުމަށާއި، ސްޕޯޓަރުން އިތުރުކުރުމަށް، އިމަގުން އިސްނަގައިގެން ސްޕޯޓަރުންނާއި ގުޅިގެން މިއަދު ހަވީރުވަނީ ސައިކަލް ބުރެއް ބާއްވާފައެވެ.

މިމުބާރާތުގައި ޖުމްލަ 7 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާ ގޮތަށް ލީގު އުސޫލުންނެވެ. އަދި ތިން ސެމީ ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސެމީއަށް ހޮވޭނީ، 1 ވަނަ ޓީމާއި 2 ވަނަ ޓީމެވެ. ފުރަތަމަ ސެމީން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދާއިރު، ބަލިވާ ޓީމަށް ތިންވަނަ ސެމީން  ޖާގަލިބޭނެއެވެ. އަދި 2 ވަނަ ސެމީގައި ކުޅޭނީ 3 ވަނަ ޓީމާއި 4 ވަނަ ޓީމެވެ. 2 ވަނަ ސެމީން ބަލިވާ ޓީމެއް ކަޓާ އިރު، މޮޅުވާ ޓީމެއް 3 ވަނަ ސެމީއަށް ދާނެއެވެ. އެހެންކަމުން 3 ވަނަ ސެމީގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި، ދެވަނަ ސެމީން މޮޅުވާ ޓީމެވެ. މިމުބާރާތުގެ ފައިނަލްގައި ކުޅޭނީ، ފުރަތަމަ ސެމީން މޮޅުވާ ޓީމާއި، ތިންވަނަ ސެމީން މޮޅުވާ ޓީމެވެ. އަދި ތިންވަނަ ޓީމަކަށް ވާނީ ތިންވަނަ ސެމީން ބަލިވާ ޓީމެވެ.