ހއ.އިހަވަންދޫ މިމަހުގެ 3 އިން ފެށިގެން ކުރިއަށްދާ 44 ވަނަ އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތުގައި މިރޭގެ ފުރަތަމަ މެޗުގައި، ހދ ނޮޅިވަރަމުގެ ކުލަބުހުވާސް ޓީމު، ހއ އިހަވަންދޫ ކުލަބު ޕޯލްސްޓާރގެ ޓީމާ ވާދަކޮށް، ސީދާ 3 ސެޓުން މޮޅުވެފައިވަނީ ކުލަބު ޕޯލްސްޓާރގެ ޓީމެވެ. މިއާއެކުގައި ކުލަބު ޕޯލްސްޓާރއަށް ވަނީ 3 މެޗު ކުޅެ، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، 9 ޕޮއިންޓް ލިބިފައެވެ.
ފުރަތަމަ، ސެޓް ފަސޭހަކަމާއިއެކުގައި، 25 – 8 އިން ކުލަބު ޕޯލްޓާރގެ ޓީމު ގެންގޮސްފައިވާއިރު، ދެވަނަ ސެޓުގެންގޮސްފައިވަނީ، 25 – 3 އިންނެވެ. ދެވަނަ ސެޓްގެ ކުޅުމަށް ބަލައިލާއިރު، ކުލަބު ހުވާސް ޓީމަށްއެއްވެސް ޕޮއިންޓެއް ނުދީ ކުލަބް ޕޯލްސްޓާރގެ ޓީމުންވަނީ، 19 ޕޮއިންޓް ހޯދާފައެވެ.
މެޗު ކާމިޔާބުކުރި ސެޓް ކުލަބު ޕޯލްސްޓާރގެ ޓީމުން ގެންގޮސްފައިވަނީ، ބެންޗުގައި ހިމެނޭ ހުރިހާކުޅުންތެރިން ކުޅެންނެރެ، 25 – 9 އިންނެވެ. މިސެޓްގައިވެސް، ކުލަބު ހުވާސްގެ ޓީމަށް ރަނގަޅުކުޅުމެއް ދެއްކިފައިނުވާއިރު، ކުލަބު ހުވާސް ޓީމު މިހާތަނަށް 4 މެޗް ކުޅެ 4 މެޗުންވެސްވަނީ ބަލިވެފައެވެ.
ކުލަބް ޕޯލްސްޓާރގެ ފުރަތަމަ ދެމެޗާ އަޅާ ކިޔާލާއިރު، މިމެޗުގައި ރަނގަޅުކުޅުމެއް، ދައްކާފައިވާއިރު މިމެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ، އެޓީމުގެ 5 ނަންބަރު ކުޅުންތެރިޔާ އައިޝަތު ނާޒިމާއެވެ.
މިމުބާރާތުގައި ޖުމްލަ 7 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާ ގޮތަށް ލީގު އުސޫލުންނެވެ. އަދި ތިން ސެމީ ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސެމީއަށް ހޮވޭނީ، 1 ވަނަ ޓީމާއި 2 ވަނަ ޓީމެވެ. ފުރަތަމަ ސެމީން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދާއިރު، ބަލިވާ ޓީމަށް ތިންވަނަ ސެމީން ޖާގަލިބޭނެއެވެ. އަދި 2 ވަނަ ސެމީގައި ކުޅޭނީ 3 ވަނަ ޓީމާއި 4 ވަނަ ޓީމެވެ. 2 ވަނަ ސެމީން ބަލިވާ ޓީމެއް ކަޓާ އިރު، މޮޅުވާ ޓީމެއް 3 ވަނަ ސެމީއަށް ދާނެއެވެ. އެހެންކަމުން 3 ވަނަ ސެމީގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި، ދެވަނަ ސެމީން މޮޅުވާ ޓީމެވެ. މިމުބާރާތުގެ ފައިނަލްގައި ކުޅޭނީ، ފުރަތަމަ ސެމީން މޮޅުވާ ޓީމާއި، ތިންވަނަ ސެމީން މޮޅުވާ ޓީމެވެ. އަދި ތިންވަނަ ޓީމަކަށް ވާނީ ތިންވަނަ ސެމީން ބަލިވާ ޓީމެވެ.