އިމަގާއި ޕޮލިސްޓީމުގެ ކުރިމަތިލުން ކާމިޔާބުކުރީ ޕޮލިސްޓީމް

މުޙައްމަދު އިމްރާން

ހއ.އިހަވަންދޫ މިމަހުގެ 3 އިން ފެށިގެން ކުރިއަށްދާ 44 ވަނަ އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތުގައި މިރޭގެ ދެވަނަ މެޗުގައި، ވޭތުވެދިޔަ 5 އަހަރުގެވެސް ގިނަ މުބާރާތްތަކެއްގެ ޗެމްޕިޔަން ޕޮލިސްޓީމް، ހއ އިހަވަންދޫ އިމަގުޖަމިއްޔާގެ ޓީމާ ވާދަކޮށް، ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށްފިއެވެ.

މިމުބާރާތުގައި އެންމެ ވާދަވެރިވާނޭކަމަށް ބެލެވޭ ތިންޓީމުގެ ތެރެއިން ދެޓީމުކަމުގައިވާ، ޕޮލިސް ކުލަބާއި، އިމަގު ޓީމުގެ ކުޅުން ފެނިފައިވާ މިމެޗުގައިވެސްވަނީ، ވަރަށް ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިފައިވެއެވެ.

ވަރަށް ހަމަހަމަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިފައިވާ މިމެޗުގެ، ފުރަތަމަ ސެޓު ޕޮލިސްކުލަބުން ގެންގޮސްފައިވަނީ، 25 ޕޮއިންޓް 21 ޕޮއިންޓުންނެވެ. ދެވަނަ ސެޓުގައި އިމަގު ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ހަމަލާތައް އިތުރުކުރިއެވެ. ނަތީޖާއެއްގެ ގޮތުން، މިސެޓް މާފަސޭހަކަމާއިއެކުގައި ޕޮލިސްޓީމަށް ލިބޭނޭ ގޮތެއް ނުވިއެވެ. އެއާއެކުގައި މިސެޓް ޕޮލިސްޓީމުން ގެންގޮސްފައިވަނީ، 27 ޕޮއިންޓް – 25 ޕޮއިންޓުންނެވެ.

ތިންވަނަ ސެޓުގައި އިމަގުގެ ޓީމަށް މާރަނގަޅު ކުޅުމެއް ދެއްކިފައިނުވެއެވެ. އަދި ގިނަ ބޯޅަތަކެއް ރަނގަޅަށް ރިސީވް ނުދެވި މިސްވެފައިވާއިރު، ފުދޭވަރަކަށް ބޮޑު ލީޑަކުން ޕޮލިސް ކުލަބުން ސެޓް ލީޑް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިސެޓް ޕޮލިސްޓީމަށް ކާމިޔާބު ވެފައިވަނީ، 25 – 17 އިންނެވެ. މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވާ ޕޮލިސްޓީމު މިވަގުތު ތިންމެޗުކުޅެ 9 ޕޮއިންޓް ހޯދާފައިވެއެވެ. ވަރުގަދަ ހަމަލާތަކެއް ދެޓީމުންވެސް އުފެދި މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ، ޕޮލިސް ޓީމަށް ކުޅެމުންދާ އިންޑިޔާގެ ކުޅުންތެރިއެއްކަމަށްވާ، އެޓީމުގެ 5 ނަންބަރުކުޅުންތެރިޔާ، އަބްރަހަމަ މިނިމޯލްއެވެ.

މިމުބާރާތުގައި ޖުމްލަ 7 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާ ގޮތަށް ލީގު އުސޫލުންނެވެ. އަދި ތިން ސެމީ ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސެމީއަށް ހޮވޭނީ، 1 ވަނަ ޓީމާއި 2 ވަނަ ޓީމެވެ. ފުރަތަމަ ސެމީން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދާއިރު، ބަލިވާ ޓީމަށް ތިންވަނަ ސެމީން  ޖާގަލިބޭނެއެވެ. އަދި 2 ވަނަ ސެމީގައި ކުޅޭނީ 3 ވަނަ ޓީމާއި 4 ވަނަ ޓީމެވެ. 2 ވަނަ ސެމީން ބަލިވާ ޓީމެއް ކަޓާ އިރު، މޮޅުވާ ޓީމެއް 3 ވަނަ ސެމީއަށް ދާނެއެވެ. އެހެންކަމުން 3 ވަނަ ސެމީގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި، ދެވަނަ ސެމީން މޮޅުވާ ޓީމެވެ. މިމުބާރާތުގެ ފައިނަލްގައި ކުޅޭނީ، ފުރަތަމަ ސެމީން މޮޅުވާ ޓީމާއި، ތިންވަނަ ސެމީން މޮޅުވާ ޓީމެވެ. އަދި ތިންވަނަ ޓީމަކަށް ވާނީ ތިންވަނަ ސެމީން ބަލިވާ ޓީމެވެ.