އިމަގާއި ޕޯލްސްޓާރގެ ކުރިމަތިލުން މިރޭ 9:30 ގައި

މުޙައްމަދު އިމްރާން

ހއ.އިހަވަންދޫ މިމަހުގެ 3 އިން ފެށިގެން ކުރިއަށްދާ 44 ވަނަ އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތުގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވޭ، އަދި އެންމެ ފޯރިގަދަ ކުޅުމެއް ފެނިގެން ދާނެކަމަށްބެލެވޭ އެއްމެޗުކަމުގައިވާ، އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ޓީމާއި، އިހަވަންދޫ ކުލަބު ޕޯލްސްޓާރގެ ޓީމުގެ ކުރިމަތިލުން އޮންނާނީ، މިރޭ 9:30 ގައެވެ.

މިމުބާރާތުގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވެނީ، ތިންޓީމެކެވެ. އެއީ، ވޭތުވެދިޔަ ފަސްއަހަރުގައި ގިނަމުބާރާތްތަކެއް ކާމިޔާބުކޮށްފައިވާ ޕޮލިސްކުލަބާއި، މީގެކުރިން ޤައުމީ މުބާރާތުގައި ވާދަކޮށްފައިވާ، ކުލަބު ޕޯލްސްޓާރގެ ޓީމާއި އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ޓީމެވެ.

މިހާތަނަށް މިތިންޓީމުންވެސް ވާދަވެރި ކުޅުމެއް ދައްކާފައިވާއިރު، އިމަގުޓީމު ބަލިވެފައިވަނީ، ހަމައެކަނި ޕޮލިސްޓީމު އަތުންނެވެ. މިރޭ، އިމަގާއި ޕޯލްސްޓާރގެ ވަރުގަދަ މެޗަށް ދެޓީމު ނިކުންނައިރު، ނަތީޖާއާ މެދުގައި އެއްޗެއް ބުނުމަކީ، ވަރަށް އުނދަގޫކަމެކެވެ. މިމުބާރާތުގައި ދެން އެންމެ ވާދަވެރިވާނެކަމަށް ބެލެވޭ، އަނެއްމެޗުކަމުގައިވާ ޕޮލިހާއި ޕޯލްސްޓާރގެ ކުރިމަތިލުން އޮންނާނީ މާދަމާރޭ 9:30 ގައެވެ. މިހާތަނަށް ޕޮލިސްޓީމު އަދި ޕޯލްސްޓާރގެ ޓީމު އެއްވެސް މެޗަކުން ބަލިވެފައި ނުވެއެވެ.

މިހާރުވެސް ދެޓީމުން މިރޭގެ މެޗަށް ތައްޔާރުވަމުންދާއިރު، ކުލަބު ޕޯލްސްޓާރގެ މިދައުރުގެ ނައިބްރައީސް އަލްފާޟިލް މުޙައްމަދު ސުޖާ ވިދާޅުވީ، “މިހާރުވެސް ތައްޔާރުވެވޭ އެންމެ ބޮޑަކަށް މިރޭގެ މެޗަށް ޓީމު އެދަނީ ތައްޔާރުވަމުންކަމަށާއި، މިރޭގެ މެޗަށް ސަޕޯރޓަރުންވެސް ނިކުންނާނީ ވަރަށް ރޫޙްގައި ކަމަށެވެ. އަދި މިހާރުވެސް، ތިން ސަރަޙެއްދައި ސަޕޯރޓްކުރުމަށް ބޭނުންވާނޭ ސާމާނު ތައްޔާރުކުރަމުންދާކަމަށާއި، އަދި ސަޕޯރޓަރުންގެ ތެރެއިން ބައެއް ފަރާތްތަކުން ގޭގެޔަށް ޒިޔާރަތްކޮށް އިތުރަށް ސަޕޯރޓް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ. މިޗާމެދުގައި 100 ޕަސެންޓްގެ ޔަޤީންކަން އޮތްކަމަށާއި، ޕޯލްސްޓާރގެ ޓީމުން މެޗަށް ނިކުންނާނީ، ސީދާ 3 ސެޓުން މެޗުކާމިޔާބު ކުރުމުގެ ޢަޒުމުގައި ކަމަށެވެ.”

އިމަގުންވެސް، މިރޭގެ މެޗަށް ތައްޔާރުވަމުންދާއިރު، އިމަގު ޓީމުގެ މެނޭޖަރު އަލްފާޟިލް މޫސާ ޢަލީ ހާމަކުރެއްވި ގޮތުގައި، ” މިރޭގެ މެޗަށް މިނިކުންނަނީ ސީދާ 3 ސެޓުން މެޗު ކާމިޔާބުކުރުމުގެ ޢަޒުމުގައިކަމަށާއި، ސަޕޯރޓަރުންގެ ތަރުޚީބާއިއެކުގައި މިރޭގެ މެޗު ކާމިޔާބުކުރާނެކަމަށެވެ. އަދި މިހާރުވެސް ސަޕޯރޓަރުން މިރޭގެ މެޗަށް ތައްޔާރުވަމުންދާކަމަށާއި، ސަޕްރައިޒިން ޚަރަކާތްތަކެއް ސަޕޯރޓަރުންގެ ފަރާތުން، ކުޅިވަރުގެ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން ފެނިގެންދާނެކަމަށެވެ.”

ކޮންމެ އަކަސް، ދެޓީމުންވެސް މިރޭގެ މެޗަށް ތައްޔާރުވަމުންދާއިރު، ދެޓީމުންވެސްތިބީ މިރޭގެ މެޗު ސީދާ 3 ސެޓުން ގެންނަން ޢަޒުމު ކަނޑައަޅައިގެންނެވެ. އެންމެ ފަހުވަގުތާ ހަމައަށް ނަތީޖާއަށް ބަދަލުތަކެއް ގެނެސްފާނެ ދެޓީމު މިރޭގެ 2 ވަނަ މެޗަށް ނިކުންނައިރު ނަތީޖާއާމެދު އެއްޗެއް ބުނެވޭނީ މެޗު ނިމުމަށްފަހުގައެވެ.

މިމުބާރާތުގައި ޖުމްލަ 7 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާ ގޮތަށް ލީގު އުސޫލުންނެވެ. އަދި ތިން ސެމީ ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސެމީއަށް ހޮވޭނީ، 1 ވަނަ ޓީމާއި 2 ވަނަ ޓީމެވެ. ފުރަތަމަ ސެމީން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދާއިރު، ބަލިވާ ޓީމަށް ތިންވަނަ ސެމީން  ޖާގަލިބޭނެއެވެ. އަދި 2 ވަނަ ސެމީގައި ކުޅޭނީ 3 ވަނަ ޓީމާއި 4 ވަނަ ޓީމެވެ. 2 ވަނަ ސެމީން ބަލިވާ ޓީމެއް ކަޓާ އިރު، މޮޅުވާ ޓީމެއް 3 ވަނަ ސެމީއަށް ދާނެއެވެ. އެހެންކަމުން 3 ވަނަ ސެމީގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި، ދެވަނަ ސެމީން މޮޅުވާ ޓީމެވެ. މިމުބާރާތުގެ ފައިނަލްގައި ކުޅޭނީ، ފުރަތަމަ ސެމީން މޮޅުވާ ޓީމާއި، ތިންވަނަ ސެމީން މޮޅުވާ ޓީމެވެ. އަދި ތިންވަނަ ޓީމަކަށް ވާނީ ތިންވަނަ ސެމީން ބަލިވާ ޓީމެވެ.