ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގެ އިހަވަންދޫއިން ކުޅުނު 3 ވަނަ މެޗްގައި 1-1 އިން ވަށަފަރާއި އެއްވަރުވެއްޖެއެވެ.
މިމެޗްގެ ފުރަތަމަ ގޯލް ޖެހީ ވަށަފަރު ޓީމެވެ. އެޓީމްގެ ޔަޒްދާން މިގޯލް ޖަހައިދިނީ މެޗްގެ ފަހު ހާފުގެ 2 ވަނަ މިނެޓްގައެވެ. އިހަވަންދޫއަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ފަހު ހާފްގެ 16 ވަނަ މިނެޓްގައި ސާޖިދުއެވެ.
އިހަވަންދޫ ޓީމް މިމުބާރާތުގައި މިހާތަނަށް 3 މެޗް ކުޅެފައިވާއިރު އެއް މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވެ ލިބިފައިވަނީ 5 ޕޮއިންޓެވެ. އެހެން ކަމުން އަމިއްލަ ބާރުގައި ސެމީ ފައިނަލުން ޖާގައެއް ކަށަވަރު ކުރުމަށް މިރޭ އިހަވަންދޫ އަދި ފިއްލަދޫ ބައްދަލުކުރާ މެޗުން މޮޅުވުމަށް އިހަވަންދޫ ޓީމަށް މަޖުބޫރު ވާނެއެވެ. މިރޭގެ މެޗް ފަށާނީ މިރޭ 20:30 ގައެވެ.
މިމުބާރާތް ކުރިޔަށްދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިއަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތުގައި 9 ރަށަކުން ވާދަކުރެއެވެ. އެއީ އިހަވަންދޫ، އުތީމް، މުރައިދޫ، ދިއްދޫ، ފިއްލަދޫ، ކެލާ، ބާރަށް، ވަށަފަރު އަދި ހޯރަފުއްޓެވެ. މިއަހަރު މިބާއްވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 4 ވަނަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.