ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި

މުޙައްމަދު އަކުރަމް

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގައި އިހަވަންދޫއިން ގްރޫޕް ސްޓޭޖްގައި ކުޅުނު ފަހުމެޗްގައި 5-0 އިން ފިއްލަދޫ ބަލިކޮށް އިހަވަންދޫ ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

މިރޭގެ މެޗަށް އިހަވަންދޫ ނުކުތްއިރު، އަމިއްލަ ބާރުގައި ސެމީފައިނަލަށް ދަތުރުކުރުމަށް މިރޭގެ މެޗުން މޮޅުވާން އޮތީ މަޖުބޫރުވެފައެވެ. އިހަވަންދޫ ޓީމްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މިރޭގެ މެޗުގައި އިހަވަންދޫ ޓީމްގެ ޖާޒީ ނަންބަރު 7 އަލީ ނާއިޝްވަނީ 4 ގޯލް ޖަހައި ހެޓްރިކް ހަދާފައެވެ. ނާއިޝްގެ އިތުރުން އިހަވަންދޫ ޓީމްގެ ޖާޒީ ނަންބަރު 10 އިބްރާހިމް ހާމިދުވެސް އިހަވަންދޫ ޓީމަށް ގޯލެއް ޖަހައިދިނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިހަވަންދޫ ޓީމްގެ އަލީ ނާއިޝްއެވެ.

9 ޓީމެއް ބައިވެރިވި މިމުބާރާތް ކުރިޔަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އިހަވަންދޫ ހިމެނޭ ގްރޫޕްގެ އެއްވަނަ ޓީމް ކަށަވަރުވަނީ މާދަމާ ފިއްލަދޫ އަދި އުތީމް ބައްދަލުކުރާ މެޗަށްފަހުއެވެ. އެމެޗުން އުތީމް ވަރަށް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވުން ނޫން ކޮންމެ ނަތީޖާއެއް ނުކުތަސް ގްރޫޕްގެ އެއްވަނަ ލިބޭނީ އިހަވަންދޫއަށެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް ކުޅޭނީ މިމަހުގެ 10 ވަނަ ދުވަހުގެ ރެއެވެ.  މިއަހަރު މިބާއްވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 4 ވަނަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.