ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް މިއަދު ކުރިޔަށްދާނެއެވެ. މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ޑިފެންޑިންގ ޗެމްޕިއަން އިހަވަންދޫ، މިދިޔަ މުބާރާތުގެ ރަނަރަޕް އުތީމު، ދިއްދޫ އަދި މުރައިދޫއެވެ.
މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިހަވަންދޫ އަދި މުރައިދޫއެވެ. އިހަވަންދޫ މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް އޭ ގެ އެއްވަނަ ޓީމްގެ ގޮތުގައި 8 ޕޮއިންޓާއި، ފައިދާ 7 ގޯލާއި އެކުއެވެ. މުރައިދޫ ސެމީއަށް ދަތުރުކުރީ ގްރޫޕް ބީ ގެ ދެވަނަ ޓީމްގެ ގޮތުގައި 6 ޕޮއިންޓާއި އެކުއެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އަދި އުތީމެވެ. ގްރޫޕް ބީ ގެ އެއްވަނަ ޓީމްގެ ގޮތުގައި ދިއްދޫ ސެމީ ފައިނަލުން ޖާގަ ހޯދިއިރު، އުތީމު ސެމީ ފައިނަލުން ޖާގަހޯދީ ގްރޫޕް އޭ ގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ދިއްދޫ، އިހަވަންދޫ އަދި އުތީމު މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. ދިއްދޫވަނީ މިމުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.
މިއަހަރު މިބާއްވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 4 ވަނަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.