ޕޮލިހާއި މަރުކަޒު ބަންދުކުރި މައްސަލައިގެ ސަރިޔަތް ފަށައިފި

އަޙްމަދު ރިޟްވާން

މިއަހަރު ފެބުރުއަރީ 8 ވަނަ ދުވަހު ހަވީރު ވަގުތެއްގައި ބަޔަކު މީހުން ނިކުމެ އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންނަށް އެތަނުން ނިކުތުމަށް އަންގާ ފުލުހުންނަށް މަޖުބޫރު ކުރުވައިގެން ޕޮލިސް ސްޓޭޝަން ބަންދުކުރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި، 2009 އަހަރު އިހަވަންދޫ މަރުކަޒަށް ބަޔަކު މީހުން ވަދެ އެތަނުގައި ތިބި މުވައްޒަފުން ނެރެ އެތަނުގެ ދޮރާށީގެ ހުރަހަށްވާ ގޮތަށް ލަކުޑި ފައްޗެއް ހަރުކޮށް އެތަން ބަންދުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ސަރިޔަތް ފަށައިފި އެވެ.

[AD]

އިހަވަންދޫ މަރުކަޒު ބަންދުކުރުމުގެ ތުހުމަތުގައި ދައުވާކުރާ ފަރާތްތަކުގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މި ހިނގާ ޑިސެމްބަރު މަހު 4 ވަނަ ދުވަހު އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގަ އެވެ. ޕޮލިސް ސްޓޭޝަން ބަންދު ކުރިކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ސަރިޔަތުގެ ފުރަތަމަ އަޑު އެހުން ވެސް ބާއްވާފައި ވަނީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުގަ އެވެ. މި އަޑު އެހުން ބާއްވާފައި ވަނީ މި ޑިސެމްބަރު މަހު 5 ވަނަ ދުވަހު އެވެ. މި ދެ މައްސަލާގައި ވެސް ދައުލަތުން ދައުވާ ހުށަހެޅުމުން ދައުވާ ލިބޭ ފަރާތްތަކުން ވަނީ ވަކީލެއް އަންޔަނު ކުރުމަށް ފުރުޞަތަކަށް އެދިފަ އެވެ. މައްސަލަ ބައްލަވާ ޤާޟީ ވަނީ ދައުވާ ރައްދުވާ ފަރާތްތަކަށް ވަކީލަކު ޢައްޔަނު ކުރުމަށް 30 ދުވަހުގެ ފުރުޞަތު ދީފަ އެވެ.

މި ދެ މައްސަލާގައި 30 އަށް ވުރެ ގިނަ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. ޕޮލިސް ސްޓޭޝަން ބަންދުކުރި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރާއި، ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް ޢަބްދުﷲ މަންސޫރާއި، ކައުންސިލް މެމްބަރުން ކަމުގައިވާ އަލްފާޟިލް އަޙްމަދު ވަޙީދާއި، އަލްފާޟިލް ޢަލީ ރަމީޒު ވެސް ހިމެނެ އެވެ.

އަޑު އެހުންތައް ނިންމާލަމުން މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވީ މި މައްސަލަތަކުގެ އަޑު އެހުމެއް 2013 ޖަނަވަރީ މަހު ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެކިއެކި ސަބަތަކާ ހުރެ މި އަޑު އެހުންތަކަށް ޙާޟިރުވެފައި ވަނީ ދައުވާ ރައްދުވާ ފަރާތްތަކުގެ ތެރެއިން ވަރަށް މަދު ބައެކެވެ