ކުރީގެ ރައީސުލް ޖުމުހުރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު އިހަވަންދުއަށް ވަޑައިގެންފިއެވެ. އެމަނިކުފާނު މިއަދު އިހަވަންދުއަށް ވަޑައިގެންފައި ވަނީ އެމްޑީޕީން މިހާރު ކުރަމުންދާ ބޮޑުތިލަދުންމަތި ވަޢުދުގެ ދަތުރުގެ ބައިވެރިންނާއި އެކު އެވެ.
ވަޢުދުގެ ދަތުރުގެ ބައިވެރިން އިހަވަންދުއަށް އައިސްފައި ވަނީ މިއަދު ހަވީރު 5:00 ގައެވެ. ވަޢުދުގެ ދަތުރުގެ 230 އެއްހާ ބައިވެރިންނާއި އެކު ރައީސް ނަޝީދު އިހަވަންދުއަށް ވަޑައިގަތްއިރު އިހަވަންދޫގެ ބަނދަރުމަތި ވަނީ ތަފާތު ބެނޭ ތަކުންނާއި އެމްޑީޕީއާއި ޤައުމީ ދިދަ ތަކުން ޒީނަތްތެރި ކޮށްފައެވެ. ބަނދަރުގެ ބޭރުތޮށީގައި އެމްޑީޕީގެ ދިދަދަނޑިތައް ހަރުކޮށްފައިވާ އިރު އެއްގަމު ވާޓަރު ކައިރީ ރީނދޫ ކުލައިގެ ފޮތިތައް ދަމާފައި ވާއިރު ވާޓަރުގައި ވަނީ ރީނދޫ ކުލަ ލައިފައެވެ. ދަތުރުގެ ބައިވެރިންނަށް އިހަވަންދޫން ވަނީ ވަރަށް ހޫނު މަރުޚަބާ އެއް ދަންނަވާފައެވެ.
ވަޢުދުގެ ދަތުރުގެ ބައިވެރިންނަށް އިހަވަންދޫ އެމްޑީޕީ ގޮފިންދޭ ޖާފަތެއް މިރޭ އޮންނާނެ ކަމަށް ޚަބަރު ލިބެއެބެ. މިދަތުރުގައި ރައީސުލްޖުމުހުރިއްޔާގެ އަރިހުގައި އިހަވަންދޫ ދާއިރާގެ އިތްޒަތްތެރި މެމްބަރު އަޙުމަދު ޢަބުދުﷲ އާއި އެމްޑީޕީގެ ޗެއަރމަން މެމްބަރު ރީކޯ މޫސާ މަނިކު އާއި މާރިޔާ އަހުމަދު ދީދީގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓުގެ މަޤާމުތައް ފުރުއްވި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. އެމްޑީޕީން މިކުރާ ދަތުރަކީ އެމްޑީޕީގެ ވެރިކަމުގައި ވެފައިވާ ވަޢުދުތައް ފުއްދުނު މިންވަރު އޮޅުންފިލުވުމަށާއި އަންނަ އެމްޑީޕީ ސަރުކާރެއްގައި އެކުލަވާލާ މެނިފޮސްޓޯގައި ހިމަނާނޭ ކަންތައް ހޯދުމަށް ކުރާ ދަތުރެއްކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ. މިއީ ނޮވެމްބަރު މަހުގެ 21 ން ފެށިގެން މާދަމާ (ޑިސެމްބަރ 10) ގެ ނިޔަލަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރެކެވެ. އަދި އެމްޑީޕީން ބާއްވާ ޖަލްސާ މިރޭ އިހަވަންދޫ އޯޕަންސްޓޭޖު ސަރަހައްދުގައި އޮންނާނެ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. ދަތުރުގެ ބައިވެރިން އިހަވަންދޫން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.