Banner Image Description

އިހަވަންދޫގައި ޕުރީސްކޫލެއްގެ ބިންގާ އަޅައިފި

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ކައުންސިލުން، އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޕުރީ ސްކޫލުގެ ބިންގާ އަޅައިފިއެވެ. ޕުރީސުކޫލުގެ ބިންގާ އެޅުމަށްޓަކައި މިއަދު ހެނދުނު ވަނީ ޕުރީސުކޫލުގެ ބިނާ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މިރަސްމިއްޔާތު ޤުރުއާނުގެ ބަރަކާތުން ފައްޓަވައިދެއްވީ ހއ. އިހަވަންދޫ ނާޒް، މަރިޔަމް ރައްޔާ އެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސަމީރު ތަޢާރަފުކޮށްދެއްވި މިރަސްމިއްޔާތުގައި ޕުރީ ސުކޫލުގެ ބިންގާ އަޅުއްވާ ދެއްވީ ކުރީގެ ރައީސުލްޖުމުހުރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު އާއި އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލްފާޟިލް އަޙުމަދު ޢަބުދުﷲ އެވެ.

މިއަދު ހެނދުނު 8:30 ގައި ޕުރީސުކޫލު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް ހާމަކުރެއްވިގޮތުގައި މިފަދަ އިމާރާތެއް ކުރެވޭނެ މަގު ފަހިވެފައިވީނަމަވެސް ޒަމާނީގޮތެއްގައި މިހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހޯދަންޖެހޭ ތަކެއްޗާއި ކުރަންޖެހޭ މަސައްކަތް ތަކަކީ ބޮޑު ހަރަދުތަކަކަށްވާތީވެ، މާލީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އެފަދަ އެހީތެރިކަން ފޯރުކޮށްދެއްވުމީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައެވެ.

ޕުރީސުކޫލު އެޅުމަށް ހަމަޖެހިފައިވަނީ ނޫރާނީމަގުގެ ހުޅަގުން (ބޮޑުމަގުން) ފެހިމަލަ ގޭގެ ހުޅަގަށް އޮތް ސަރަހައްދުގައެވެ. ޕުރީސުކޫލުގެ ބިންގާ އަޅުއްވައި ދެއްވުމަށްފަހު އިހަވަންދޫ ދާއިރާގެ މެމްބަރު އަޙުމަދު ޢަބުދުﷲ އާއި ރައީސް ނަޝީދު، ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. މިރަސްމިއްޔާތަށްފަހު ރައީސުލްޖުމުހުރިއްޔާ އާއި ވަޢުދުގެ ދަތުރުގެ ބައެއް ބައިވެރިން ވަނީ އިހަވަންދޫގެ ހުޅަނގުފަރާތުން ހިއްކައިގެން ހަދާފައިވާ މެރިންޑުރައިވް މަގު ބައްލަވާ ލައްވާފައެވެ.