ސެމީގައިކުޅޭނޭ 4 ޓީމު ކަށަވަރުވެއްޖެ

މުޙައްމަދު އިމްރާން

ހއ.އިހަވަންދޫ މިމަހުގެ 3 އިން ފެށިގެން ކުރިއަށްދާ 44 ވަނަ އަންހެނުންގެ ޤައުމީ ވޮލީބޯޅަ މުބާރާތުގައި ސެމީފައިނަލްގެ ޖާގަތައް ކަށަވަރުކޮށް، ސެމީފައިނަލްގައި ނިކުންނާނޭ ޓީމުތައް ޔަޤީންވެއްޖެއެވެ.

[AD]

މިމުބާރާތުގައި ޖުމްލަ 7 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގޮސްފައިވަނީ، ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާ ގޮތަށް ލީގު އުސޫލުންނެވެ. އަދި ތިން ސެމީ ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ސެމީއަށް ހޮވޭނީ، 1 ވަނަ ޓީމާއި 2 ވަނަ ޓީމެވެ. ފުރަތަމަ ސެމީން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދާއިރު، ބަލިވާ ޓީމަށް ތިންވަނަ ސެމީން  ޖާގަލިބޭނެއެވެ. އަދި 2 ވަނަ ސެމީގައި ކުޅޭނީ 3 ވަނަ ޓީމާއި 4 ވަނަ ޓީމެވެ. 2 ވަނަ ސެމީން ބަލިވާ ޓީމެއް ކަޓާ އިރު، މޮޅުވާ ޓީމެއް 3 ވަނަ ސެމީއަށް ދާނެއެވެ. އެހެންކަމުން 3 ވަނަ ސެމީގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި، ދެވަނަ ސެމީން މޮޅުވާ ޓީމެވެ. މިމުބާރާތުގެ ފައިނަލްގައި ކުޅޭނީ، ފުރަތަމަ ސެމީން މޮޅުވާ ޓީމާއި، ތިންވަނަ ސެމީން މޮޅުވާ ޓީމެވެ. އަދި ތިންވަނަ ޓީމަކަށް ވާނީ ތިންވަނަ ސެމީން ބަލިވާ ޓީމެވެ.

މިހާރު ޕޮއިންޓް ތާވަލްގެ މެޗްތައް ކުޅެނިމިފައިވާއިރު،  އެއްވެސް މެޗަކުންބަލިނުވެ، ޖުމްލަ 18 ޕޮއިންޓުލިބި 1 ވަނަ ޓީމެއްގެ ގޮތުގައި ޕޮއިންޓް ތާވަލްގެ އެންމެ ކުރިން ޖާގަ ކަށަވަރުކޮށްފައިވަނީ، މިދިޔައަހަރުގެވެސް ޗެމްޕިޔަން ޕޮލިސްކުލަބެވެ. ދެވަނަ ޓީމެއްގެ ގޮތުގައި، 6 މެޗްކުޅެ 1 މެޗުން ބަލިވެ، ޖުމްލަ 15 ޕޮއިންޓާއެކުގައި ދެވަނަ ޖާގަ ކަށަވަރުކޮށްފައިވަނީ، އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ޓީމެވެ. އިމަގުޓީމު ބަލިވެފައިވަނީ ޕޮލިސްކުލަބުގެ އަތުންނެވެ.

ޖުމްލަ 6 މެޗްކުޅެ އޭގެތެރެއިން 2 މެޗުން ބަލިވެ، ޖުމްލަ 12 ޕޮއިންޓާއެކުގައި ޕޮއިންޓް ޓޭބަލްގެ 3 ވަނަ ޖާގަ ކަށަވަރުކޮށްފައިވަނީ ކުލަބް ޕޯލްސްޓާރގެ ޓީމެވެ. ޕޯލްސްޓާރގެ ޓީމު ބަލިވެފައިވަނީ، ޕޮލިސްކުލަބު އަދި އިމަގުގެ އަތުންނެވެ. މުބާރާތުގެ ޕޮއިންޓް ތާވަލުން 4 ވަނަ ޖާގަ ހޯދާފައިވަނީ މުރައިދޫ އެކުވެރިންގެ ރޫޙްގެ ޓީމެވެ.

އެހެންކަމުން، ސެމީފައިނަލްގެ ފުރަތަމަ، މެޗުގައި ބައްދަލުކުރާނީ ޕޮލިސްކުލަބާއި، އިހަވަންދޫ މަސްވެރިންގެ ގުޅުން އިމަގުގެ ޓީމެވެ. މިމެޗުން ކޮންމެ ޓީމެއް މޮޅުވި ކަމުގައިވީނަމަވެސް، އެޓީމެއް ސީދާ ފައިނަލަށް ދާނެއެވެ. އަދި ބަލިވާ ޓީމެއް 3 ވަނަ ސެމީއަށް މަޑުކުރާނެއެވެ. މިމެޗް އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރުއެވެ.

ދެވަނަ ސެމީއަށް ނިކުންނާނީ، އިހަވަންދޫ ކުލަބު ޕޯލްސްޓާރގެ ޓީމާއި، މުރައިދޫ އެކުވެރިންގެ ރޫޙުގެ ޓީމެވެ. މިމެޗުން ބަލިވާ ޓީމެއް 4 ވަނަ ޓީމުގެ ގޮތުގައި ހޮވޭނެއެވެ. އަދި މޮޅުވާ ޓީމު 3 ވަނަ ސެމީގައި ކުޅޭނީ 1 ވަނަ ސެމީން ބަލިވި ޓީމާއެކުގައެވެ. 2 ވަނަ ސެމީ އޮންނާނީ 8 ގަޑި 00 ގައެވެ.

އަދި 3 ވަނަ ސެމީ މިމަހުގެ 12 ވަނަ ދުވަހުގެ ހަވީރު އޮންނައިރު، މިސެމީގައި ބައްދަލުކުރާނީ، ފުރަތަމަ ސެމީން ބަލިވިޓީމާއި، ދެވަނަ ސެމީން މޮޅުވިޓީމެވެ. މިމެޗުން މޮޅުވާ ބަޔަކު ފައިނަލްގައި ފުރަތަމަ ސެމީން މޮޅުވިޓީމާއި ވާދަކުރުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި ބަލިވާ ޓީމު 3 ވަނަ ޓީމެއްގެ ގޮތުގައި ހޮވޭނެއެވެ.

މިމުބާރާތުގެ އެންމެ ފަހުމެޗު، (ފައިނަލްމެޗު) އޮންނާނީ، މިމަހުގެ 13 ވާ ބުރާސްފަތިދުވަހުގެ ހަވީރު 4:00 ގައެވެ