ވަކިކުރި މުވައްޒަފުން އަދާކުރި މަގާމުތަކަށް ދާއިމީ މުވައްޒަފުން ހަމަނުޖެއްސުމަށް އަމުރުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ އިންޖީނުގެއިން 2012 އޮކްޓޫބަރ 16 ވަނަ ދުވަހު ވަޒީފާއިން ވަކިކުރި ހަތަރު މުވައްޒަފުން ވަޒީފާއާ ބެހޭ ޓްރައިބިނަލަށް ހުށަހަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން އެ މުވައްޒަފުން އަދާކުރަމުންދިޔަ މަގާމުތަކަށް ދާއިމީ މުވައްޒަފުން ހަމަނުޖެއްސުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަޕަރ ނޯތު ޔުޓިލިޓީޒް ލިމިޓެޑުގެ މައްޗަށް ވަގުތީ އަމުރެއް ނެރެފި އެވެ.

މި އަމުރު ނެރެފައި ވަނީ ވަޒީފާއިން ވަކިކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ފެނިގެން ވަޒީފާ އަނބުރާ ހޯދުމަށް އެ މުވައްޒަފުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް 2012 އޮކްޓޫބަރ 30 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް މުވައްޒަފުން އެދިފައި ވާތީ ވަގުތީ އަމުރާ ގުޅޭގޮތުން ގޮތެއް ނިންމުމަށް އިއްޔެ ޓްރައިބިއުނަލްގައި ބޭއްވި އަޑުއެހުމުގަ އެވެ.

މި އަމުރުގައި ބުނަނީ “(ހުށަހެޅިފައިވާ) މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ ކުރިން އަޕަރ ނޯތު ޔުޓިލިޓީޒް ލިމިޓެޑް / އިހަވަންދޫ އިންޖީނުގޭގައި މައްސަލަ ހުށަހެޅި ފަރާތްތަކުން އަދާކުރަމުން ދިޔަ މަގާމުތަކަށް ނުވަތަ އެ ފަރާތްތަކުން ކުރަމުން ދިޔަ މަސައްކަތް ކުރުމަށް ދާއިމީ މަގާމަކަށް އަޕަރ ނޯތު ޔުޓިލިޓީޒް ލިމިޓެޑުން އެއްވެސް މުވައްޒަފަކު ޢައްޔަނު ނުކުރުމަށް އަޕަރ ނޯތު ޔުޓިލިޓީޒް ލިމިޓެޑަށް އަންގާ އަމުރު ކޮށްފިން” ކަމަށެވެ.

އިންޖީނުގޭގެ ވަޒީފާއިން ވަކިކޮށްފައިވާ ހަތަރު ފަރާތަކީ އިންޖީނު ގޭގެ އެސިސްޓެންޓް ފީލްޑް އެއިޑްގެ މަގާމުގައި ހުރި، ހއ. އިހަވަންދޫ ޖަވާހިރުމާގެ، ޢަބްދުލްއަލީމް ހަސަން އާއި، ކެއާރޓޭކާރގެ މަގާމުގައި ހުރި، ހއ. އިހަވަންދޫ އަތަމާގެ، ހައްވާ މޫސާ އާއި، މެކޭނިކް ޓްރޭނީގެ މަގާމުގައި ހުރި، ހއ. އިހަވަންދޫ މާވަޑިގެ، މުޙައްމަދު މަފާޒު އަދި ސީނިޔާ އޮފިސާރގެ މަގާމުގައި ހުރި، ހއ. އިހަވަންދޫ ރަހްމާނިއްޔާ، އަޙްމަދު ޝާހިދެވެ. މި ހަތަރު މުވައްޒަފުން ވެސް ވަޒީފާއިން ވަކިކޮށްފައި ވަނީ “ތަފާތު ޝަކުވާތައް ލިބެމުން ދިއުމާއި، ކުންފުނީގެ ޚިދުމަތްތައް ދިނުމުގައި އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާތީ” ކަމަށް، މި ހަތަރު މީހުން ވަޒީފާއިން ވަކިކުރިކަން އެންގި ޗިޓްގައި ބަޔާންކޮށްފައި އޮވެ އެވެ.

މި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާ އަށް ނުނިކުމެ ގޭގައި މަޑުކުރުމަށް 2012 ސެޕްޓެމްބަރ 24 ވަނަ ދުވަހު އަންގާފައިވެ އެވެ. މި އެންގުމުގައި އޮންނަނީ “(މިފަރާތްތަކާ ގުޅޭގޮތުން) ތަފާތު ޝަކުވާތައް ލިބެމުން ދިއުމާއި، ކުންފުނީގެ ޚިދުމަތްތައް ފުރިހަމަ އަށް ދިނުމުގައި އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާތީވެ، މި މައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި 25 ސެޕްޓެމްބަރ 2012 ވަނަ ދުވަހުން ފެށިގެން މެނޭޖްމެންޓުން ވަކިގޮތެއް އަންގަންދެން ވަޒީފާ އަށް ނުނިކުތުމަށް އަންގާ” ކަމަށެވެ.

މި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން 2012 އޮކްޓޫބަރ 1 ވަނަ ދުވަހު، މި މަގާމުތަކަށް މީހުން ހޯދުމަށް އަޕާރ ނޯތު ޔޫޓިލިޓީޒް ލިމިޓެޑުން ވަނީ އިޢުލާނު ކޮށްފަ އެވެ