3000 ވަނަ ކުއްޖާއަށް 3000 ރުފިޔާ ހަވާލުކޮށްފި.

މުޙައްމަދު އިމްރާން

 ހއ.އިހަވަންދޫގެ އާބާދީގެ ރަޖިސްޓްރީއަށް 3004 މީހުން މިހާރު ހަމަވެފައިވާއިރު، މިރަށުގެ އާބާދީގައި، 3000 ވަނައަށް ރަޖިސްޓްރީވެފައިވާ ކުއްޖާއަށް އިހަވަންދޫ ކައުންސިލްގެ ފަރާތުން ހަވާލުކުރުމަށް ނިންމާފައިވާ 3000 ރުފިޔާގެ ނަގުދުފައިސާ މިއަދު އެކުއްޖާއާ ހަވާލުކޮށްފިއެވެ. މިފައިސާއާއި ހަވާލުވެފައިވަނީ މިއަދު 11 ޖެހިއިރު، އެކަމަށް ހާއްސަކޮށް އިހަވަންދޫ ކައުންސިލް އިދާރާގައިބޭއްވި ރަސްމިއްޔާތެއްގައި އެކުއްޖާގެ މަންމައެވެ. މިރަސްމިއްޔާތުގައި މިފައިސާ ހަވާލުކޮށްދެއްވާފައިވަނީ އިހަވަންދޫ ކައުންސިލްގެ ރައީސް ކައުންސިލާރ މުޙައްމަދު ޞަމީރުއެވެ.

ކައުންސިލް އިދާރާގެ ފަރާތުން ވާހަކަދައްކަމުން، އިހަވަންދޫ ރަށުކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޞަމީރު ވާހަކަ ދައްކަވަމުން ވިދާޅުވީ، އިހަވަންދޫގެ އާބާދީއަށް 3000 ހަމަވި ކުއްޖާ، އިހަވަންދޫ ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 21 ވަނަ ދުވަހުއެވެ. އަދި މިހާރު އެކުއްޖާއާ 3000 ރުފިޔާ ހަވާލުކުރެވިފައިވާއިރު، ކައުންސިލްގެ ފަރާތުން ބާއްވާ ރަސްމިއްޔާތެއްގައި މިކަން (އާބާދީއަށް 3000 ހަމަވުން) ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށެވެ.

އިހަވަންދޫގެ އާބާދީއަށް 3000 ހަމަވެފައިވާއިރު، 3000 ވަނަ ކުއްޖެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ، މިރަށު ރީހުއްޞަބާ މުޙައްމަދު ވަހީދާއި، ކާނިމާގޭ އިހްސާނާ އާދަމަށް ލިބިފައިވާ އަންހެންދަރިފުޅު މަރިޔަމް ދާނިޔާ މުޙައްމަދެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެދެމަފިރިންނަށް ލިބިފައިވާ 3 ވަނަ ދަރިފުޅެވެ.