ދުނިޔޭގައި ހުރިހައި ދުވަހަކު މައިކަޕް ބާއްވަން މަސައްކަތް ކުރާނަން: މުހައްމާ

މުޙައްމަދު އަކުރަމް

ދެކެދެކެވެސް ޕްރޮޑަކްޝަންގެ ވެރިޔާ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ (މުހައްމާ) އާ ގުޅިގެން 2007 ވަނަ އަހަރުން ފެށިގެން އިހަވަންދޫ ސްޕޯޓްސް ކުލަބުން ބާއްވަމުން އަންނަ މައިކަޕް ފުޓުބޯޅަ މުބާރަތް ބޭއްވުމަށްޓަކައި ދުނިޔޭގައި ހުރިހައި ދުވަހަކު ކުރެވެންހުރި ހުރި ހުރިހައި މަސައްކަތެއް ކުރާނެކަމަށް މުހައްމާ ބުނެފި އެވެ.

އިހަވަންދޫ ހުރަވީ ދަނޑުގައި ރޭ ފެށުނު 6 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މުހައްމާ ބުނީ މައިކަޕް ގެ ކޮންމެ މުބާރާތެއް ނިމުމުން ޖެހިގެން އަންނަ އަހަރުގެ މުބާރާތް އެއަހަރުގެ މުބާރާތަށްވުރެ ފުރިހަމަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކަކާއި ބޮޑެތި ހޭދައެއް ކުރާކަމަށެވެ. އަދި ބޭނުންވަނީ މައިކަޕް ފުޓުބޯޅަ މުބާރާތަކީ ރާއްޖެތެރޭގައި ބޭއްވޭ އެންމެ ފުރިހަމަ މުބާރާތަށް ހެދުމަށް ކަމަށްވެސް މުހައްމާ ބުންޏެވެ.

މުހައްމާގެ ވާހަކަ ނިންމާލީ އަންނަ އަހަރުގެ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ފައިސާގެ އިނާމު މިއަހަރުގެ މުބާރާތަށްވުރެއް ބޮޑުވާނެކަމަށް އިޢުލާނުކޮށްފަ އެވެ. މިއަހަރުގެ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް 18000 (އަށާރަ ހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 7000 (ހަތްހާސް) ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފަ އެވެ.