އުބައްޖަހައި، ހޮސްޕިޓަލް އަޅާބިން އަނެއްކާވެސް ކޮންނަން ފަށައިފި!

މުޙައްމަދު އަކުރަމް

އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފައިވާ، ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) ހޮސްޕިޓަލް ސައިޓް  ކޮންނަން ފަށައިފިއެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި އެމަސައްކަތް ހަވާލުކޮށްފައި އޮތްއިރު ސައިޓް ސާފަކުރުމާއި ސައިޓް ކޮނުމުގެ މަސައްކަތް އެކުންފުނިން އޮތީ ނިންމާލައިފައެވެ. ނަމަވެސް ފަހުން  ބަޔަކުވަނީ  ކޮނެފައިވާ ސަރަހައްދަށް ވެލި އަޅައި ފޮރުވާލާފައެވެ.

ހޮސްޕިޓަލްގެ މަސައްކަތް ކުރިން ހަވާލުކުރި،  ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުންވެސް ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ސައިޓް އެއްކޮށް ކޮނެ ނިންމައި، ބުޑުތައް އެޅުމަށް އެނބުރި ދަނގަނޑު ލެނބުމާއި ފުޓިން އެޅުމަށް ބޭނުންވާ ބޮކްސްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއެވެ. ނަމަވެސް ހެލްތް މިނިސްޓްރީއިން އެންގުމުން އެމަސައްކަތް ހުއްޓާލީއެވެ. އޭގެ ފަހުން ހޮސްޕިޓަލުގެ މަސައްކަތަށް ކޮނެފައިވާ ސަރަހައްދަށް ބަޔަކު ވަނީ ފަސްއަޅައި ފޮރުވާލާފައެވެ.

ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑުން ހޮސްޕިޓަލް ސައިޓް ކޮނުމުގެ މަސައްކަތް 2-3 ދުވަހުގެ ތެރޭގައި ނިންމިއެވެ. ސައިޓުން ނެގި ވެލި އަޅާފައިހުރީ ސައިޓުގެ ވަށައިގެން ކޯޑި އަށެވެ.

އާރު.ޑީ.ސީ އިން ހޮސްޕިޓަލްގެ ސައިޓް ކޮނުމުގެ މަސައްކަތް ފަށައި ދޮޅުމަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އަދިވެސް އެމަސައްކަތުގެ ބޮޑުބައި ނުނިމޭކަން ފާހަގަކުރެވެއެވެ. ހޮސްޕިޓަލްގެ ސައިޓުން ނަގާވެލި އާރު.ޑީ.ސީ އިން އަޅަމުންދަނީ އިމަގު ވޮލީ ކޯޓްގެ ހުޅަނގަށް އޮތް ހުސްބިމަށެވެ.

އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 16 ޖަނަވަރީ 2023 ގައި 123.3 މިލިޔަން ރުފިޔާގެ އަގަކަށެވެ. މިނިސްޓްރީ އޮފް ހެލްތްއިން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ސައިޓް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 7 މާރިޗް 2023 ގައެވެ. ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ސައިޓް ސާފުކުރުމުގެ މަސައްކަތް ޑުޕްލެކްސްއިން ފަށާފައިވަނީ 9 މާރިޗްގައެވެ. 2024 ވަނަ އަހަރުގެ ކުރީކޮޅު އެކުންފުނީގެ މަސައްކަތްވަނީ ހުއްޓުވާފައެވެ.

ޑުޕްލެކްސް އިން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ސައިޓްގެ ބިން ކޮނެ ނިންމާފައި. 

 

އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ 99.6 މިލިއަން ރުފިޔާގެ އަގަކަށް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 2025 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 10 ވަނަ ދުވަހު ހޮސްޕިޓަލްގެ ބުޑު އެޅުމުގެ މަސައްކަތް އާރު.ޑީ.ސީ އިން ފެށިނަމަވެސް ވަކި ހިސާބަކުން އެމަސައްކަތްވަނީ ހުއްޓާލައިފައެވެ. އައު ޑިޒައިނަކަށް ހޮސްޕިޓަލް އިމާރާތްކުރުމަށް މިހާރު އެކުންފުނިން ކުރަމުންދަނީ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައި ސައިޓް ކޮނުމުގެ މަސައްކަތެވެ.

ވެރިކަމުގެ ފުރަތަމަ އަހަރު ހޮސްޕިޓަލްގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.