ޕޮއިންޓް ޓޭބަލްގެ ކުރީގައި ނަފުސު ވަޔަށްކެހޭ އަދި އިރުވެލި ފުޓުބޯލް ޓީމް

އިބްރާހިމް ނަޝީދު

އިހަވަންދޫ ހުރަވީ ދަނޑުގައި މިހާރު ކުރިއަށްދާ 6 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގެޕޮއިންޓް ޓޭބަލްގެ ކުރީގައި މިވަގުތު އޮތީ ގްރޫޕް A އިން ފަހުގެ ރަނަރަޕް “ނަފުސު ވަޔަށްކެހޭ” އަދި ގްރޫޕް B އިން “އިރުވެލި ފުޓުބޯލް ޓީމް” އެވެ.

ރޭގެ ނިޔަލަށް މުބާރާތުގެ 7 މެޗް ކުޅެ ނިމިފައިވާއިރު ގްރޫޕް A އިން ކުރީގައި އޮތް “ނަފުސު ވަޔަށްކެހޭ” އަށް 1 މެޗް ކުޅެގެން ލިބިފައިވަނީ 3 ޕޮއިންޓާއި ފައިދާ 2 ގޯލެވެ. މިވަގުތު އެގްރޫޕްގައި ދެވަނާގައި އޮތް “އެސް.އާރު ހީވެސްނުކުރާތި ޑާކު ޕޮއިންޓް” އަށް ދެމެޗް ކުޅެގެން 3 ޕޮއިންޓް ލިބިފައިވީނަމަވެސް އެޓީމަށް ދެވަނަ ލިބުނީ ގެއްލުން 1 ގޯލް އޮތުމުންނެވެ. ކުޅުނު ދެމެޗުންވެސް އެއްވަރުވެގެން 2 ޕޮއިންޓާއެކު A ގްރޫޕުގެ ތިންވަނާގައި އޮތީ “ހީވެސްނުވޭ” ޓީމެވެ. ކުޅުނު ހަމައެކަނި މެޗުން ޕޮއިންޓަކުން ފުއްދާލައިގެން މުބާރާތުގެ ގަދަބާރެއްކަމަށް ބެލެވުނު “މާރަންދޫ ޔޫތު ސޮސައިޓީ” މިވަގުތު ގްރޫޕްގެ ހަތަރުވަނާގައި އޮތްއިރު ކުޅުނު ދެމެޗުން ޕޮއިންޓަކާއި ގެއްލުން 1 ގޯލާއެކު “ޖަންގަލް ޑާކު ޕޮއިންޓު ނުވިކޭނަން” އޮތީ ގްރޫޕްގެ އެންމެ ފުލުގަ އެވެ.

ގްރޫޕް B އަށް ބަލައިލާއިރު “އިރުވެލި ފުޓުބޯލް ޓީމް” އެގްރޫޕްގެ ކުރީގައި އޮތީ އެހެން ޓީމުތަކަށްވުރެއް އިތުރަށް އެއްމެޗް ކުޅެގެން ދެމެޗުން ލިބުނު 4 ޕޮއިންޓާއި ފައިދާ 1 ގޯލާއެކު އެވެ. މިދިޔަ އަހަރުގެ 3 ވަނަ ޓީމު “އައި ކުލަބު” ކުޅުނު މެޗުން 1 ޕޮއިންޓް ލިބިގެން އެޓީމު ގްރޫޕްގެ ދެވަނާގައި އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ. “ދޮންމަނިކު” ޓީމާއި “ކުޅިމަގު” ޓީމު ބައްދަލު ކުރި މެޗް ލަނޑެއްނުޖެހި އެއްވަރު ވުމުން ޕޮއިންޓަކާއެކު ގްރޫޕް B ގެ 3 ވަނާގައި އޮތީ މިދެޓީމެވެ. މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ޓީމު “އެން.ވީ.ކޭ ޕްލަސް” މިވަގުތު ގްރޫޕުގެ ފުލުގައި އޮތީ ކުޅުނު ހަމައެކަނި މެޗުން ބަލިވެ ގެއްލުން 1 ގޯލާއެކު އެވެ.

މިމުބާރާތުގެ މިއަދާއި މިރޭގެ މެޗްތަކަށް ބަލައިލާއިރު މިއަދު ހަވީރު ގްރޫޕް B ގެ “ކުޅިމަގު” ޓީމު ނިކުންނާނީ “އެން.ވީ.ކޭ ޕްލަސް” އާ ދެކޮޅަށެވެ. އަދި މިރޭގެ ފުރަތަމަ މެޗްގައި ގްރޫޕް A ގެ “ނަފުސު ވަޔަށްކެހޭ” އާއި “މާރަންދޫ ޔޫތު ސޮސައިޓީ” ގެ ކުރިމަތިލުމަށްފަހު މިރޭގެ ފަހުމެޗުގައި ބައްދަލުކުރާނީ B ގްރޫޕުގެ “ދޮންމަނިކު” ޓީމާއި “އައި ކުލަބް” އެވެ.