ހޯރަފުށި ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ނިންމަނީ!

ޒިޔާޢު އަހްމަދު

ހއ. ހޯރަފުށީގައި ސަރުކާރުން އިމާރާތްކުރަމުންދާ އައު ހޮސްޕިޓަލުގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި އެ ތަނުން ޚިދުމަތް ދޭން ފެށޭނެ ކަމަށް މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޝަރީފް ވިދާޅުވީ، ހޯރަފުށީގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިމާރާތްކުރަމުންދާ އިތުރު 5 ހޮސްޕިޓަލެއްގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި މުޅިން ނިންމައި ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިއަހަރު ނިންމުމަށް ތާވަލުކޮށްފައިވާ ހޮސްޕިޓަލްތަކުގެ ތެރޭގައި ހއ. ހޯރަފުށީގެ އިތުރުން ހިމެނެނީ ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު އަދި ކ. ގުރައިދޫގެ ހޮސްޕިޓަލެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ފަސް އަހަރުގެ ދައުރު ނިމޭއިރު، ރާއްޖޭގެ ޞިއްޙީ ނިޒާމަށް ޢުމްރާނީގޮތުން އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހއ. ހޯރަފުށީގައި އަޅާ 30 އެނދުގެ  ހޮސްޕިޓަލަކީ 85.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އާއި ފްލެކްސިން ޕްރައިވެޓް ލިމިޓެޑް ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗާއަކާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އެއް އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ހޮސްޕިޓަލްގެ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތްތަކެވެ.
ހޯރަފުއްޓާއިއެކު ހއ އަތޮޅުގައި 3 ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ. އެއީ އާރުޑީސީއާ ހަވާލުކޮށްގެން އިހަވަންދޫގައި އަޅަމުންދާ 30 އެނދުގެ ހޮސްޕިޓަލާއި، އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން ހއ. ދިއްދޫގައި އަޅަމުންދާ 50 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތެވެ. ދިއްދޫގައި އިމާރާތްކުރާ  ހޮސްޕިޓަލުގެ ފައުންޑޭޝަން އަދި ކޮންކްރީޓް މަސައްކަތް މިހާރު ކުރިއަށްދާއިރު، އިހަވަންދޫ ހޮސްޕިޓަލްގެ މަސައްކަތުގައި އޮތީ ބުރަކިޖެހި ހުއްޓިފައެވެ.