ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންގެ ޕޯސްޓަރުތަކަށް ކަޅުތެޔޮ ޖަހައި ގެއްލުންދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިހަވަންދޫ ދެކުނުފަރާތު ބަނދަރުމަތީގައި، އެ ރަށު ކުޑަކުދިންގެ ޕާކާ އިންވެގެން ޖަހާފައި ހުރި ޕޯސްޓަރުތަކަށެވެ. ބެލެވޭ ގޮތުގައި މި އަމަލު ހިންގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ސަރަހައްދުގެ ބައެއް އިމާރާތްތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްފައި ހުރި ނަމަވެސް، އިހަވަންދޫ ބަނދަރު ސަރަހައްދުގައި އަދި ސެކިއުރިޓީ ކެމެރާ ހަރުކޮށްފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ބަނދަރު ފަދަ އާންމު ތަންތަނުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމަކީ މި އިންތިޚާބުގައި ވާދަކުރާ ބައެއް ޓީމުތަކުގެ މުހިންމު ވައުދެކެވެ.
މި އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި އިހަވަންދޫ ކައުންސިލަށް ވާދަކުރައްވަނީ މިހާރުވެސް އެ ކައުންސިލްގައި ތިއްބެވި ހަތަރު މެންބަރުން ކަމަށްވާ މުހައްމަދު އަރީބް، މުހައްމަދު ޒާހިރު ހަސަން، ފާތިމަތު ޝަނީޒާ އަދި ހަލީމަތު ސުމާގެ އިތުރުން އަލީ ރައްޒާންއެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ޕީއެންސީގެ ފަރާތުން އާމިނަތު ނުޒުހަތު ކުރިމަތިލައްވާއިރު، މެންބަރުކަމުގެ ހަތަރު ގޮނޑިއަށް ވާދަކުރައްވަނީ މުނީޒާ އާދަމް، މަރިޔަމް ޝަހީރާ، ޔަސްފާ އަހްމަދު އަދި ރުޤިއްޔަތު މުހައްމަދުއެވެ. ރުޤިއްޔަތު މުހައްމަދު މި ޓީމުގައި ހިމެނިފައިވަނީ ކުރިން ކުރިމަތިލީ މަރިޔަމް ރިފްދާގެ ނަން އަނބުރާ ގެންދިއުމާ ގުޅިގެންނެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ޕީއެންސީގެ ފަރާތުން ވާދަކުރާ އާމިނަތު ނުޒުހަތުވެސްވަނީ ކެމްޕެއިން ހުއްޓާލައި، އަމިއްލަގޮތުން އެއްޓީމްގެ ގޮތުގައި އިހަވަންދޫ ކައުންސިލަށްވާދަކުރާ ޓީމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
އިންތިޚާބުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ކެނޑިޑޭޓުންގެ ކެމްޕޭން ތަކެއްޗަށް ގެއްލުން ދިނުމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އެހެންނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.