އިންތިހާބީ ދައުރުގައި އެއްވެސް ޕާޓީއަކީ ނުގުޅޭނެކަމަށް، އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރަށް އަމިއްލަގޮތުން އިންތިހާބުވެފައިވާ، އައިޝަތު ސަމާހަތު ވިދާޅުވެއްޖެއެވެ. އައިޝާ މިހެން ވިދާޅުވީ މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ އިންތިހާބުގައި އައިޝާ މަސައްކަތްކުރީ އަމިއްލަގޮތުން “ރައްޔިތުންގެ ޓީމްގެ” ނަމުގައި އިންތިހާބުގައި ވާދަކުރި ޓީމާއި އެކުއެވެ. އެޓީމުގެ ތެރެއިން އިންތިހާބުވީ އައިޝާގެ އިތުރުން، ފިރާގު އަދި ހުރާސަތުއެވެ. އައިޝާ އާއި އެކު ކައުންސިލް މެމްބަރުކަމަށް އިންތިހާބުވި މުހައްމަދު ފިރާގު އަދި އ.ތ.މ ކޮމިޓީގެ މެމްބަރުކަމަށް އިންތިހާބުވި ހަލީމަތު ހުރާސަތުވަނީ މިމަހުގެ 12 ވަނަ ދުވަހު ވެރިކަންކުރާ ޕީއެންސީއަށް ސޮއެކުރައްވާފައެވެ.
އައިޝާ ވިދާޅުވީ ޕާޓީއަކަށް ސޮއެ ނުކުރީ، ޕާޓީއަކާ ގުޅެން އެއްވެސް ވަރަކަށް ބޭނުން ނުވާތީ ކަމުގައެވެ. “އަމިއްލަގޮތުން އިންތިހާބުވެފަ ޕާޓީއަކ ގުޅުމަކީ އަމިއްލަ ނަފުސު ޤަބޫލުކުރާ ކަމެއްކަމުގައި ނުދެކޭތީ” އައިޝާ ތަފްސީލްކޮށްދެއްވިއެވެ.
އައިޝާ ވިދާޅުވީ އިންތިހާބުގައި އެކުގައި ނިކުތް ޓީމްގެ ފަރާތުން، ޕީއެންސީއަށް ސޮއެކުރުމަށް ވަރަށްބޮޑަށް އެދުމުން ދިޔަކަމުގައެވެ. “ނަމަވެސް އިންތިހާބަށް ކުރިމަތިލީއިރު އެބޭފުޅޫންނާއި އެފަދަ އެއްބަސްވުމެއް އެއްބަސްވެފައި ނުވާތީއާ، އަޅުގަނޑަށް އެއީ ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި ނުފެންނާތީ، އެ އެދުމާ ދެކޮޅު ހެދިން” އައިޝާ ތަފްސީލްކޮށް ދެއްވިއެވެ.
އިހަވަންދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް އިންތިހާބުވެފައިވާ 864 ވޯޓް ހޯދައިގެންނެވެ. އައިޝާގެ އިތުރުން އިހަވަންދޫ ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިހާބު ވެފައިވަނީ ފިރާގު ، ނާސިރާ އަދި މޫސާ އަލީގެ އިތުރުން ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި އަލީ ފަވާޒް އެވެ. ފަވާޒް، މޫސާ އަލީ އަދި ނާސިރާ އެމްޑީޕީ ޓިކެޓްގައި އިންތިހާބު ކާމިޔާބު ކުރެއްވިއިރު، ފިރާގު އަދި އައިޝާ އިންތިހާބުވީ އަމިއްލަގޮތުން ވާދަކޮށްގެންނެވެ.
މިއީ މިނިވަން ކެނޑި ޑޭޓުން އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފުރަތަމަ ފަހަރެވެ. ނަމަވެސް ކައުންސިލަރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ފިރާގުވަނީ މިމަހުގެ 12 ވަނަ ދުވަހު ވެރިކަންކުރާ ޕީއެންސީއާ ގުޅިފައެވެ. އެހެންކަމުން އައިޝާ ވެގެންދާނީ މިހާތަނަށް އިހަވަންދޫ ކައުންސިލްގައި މިނިވަން ކައުންސިލަރެއްގެ ގޮތުގައި، ރައްޔިތުން ތަމްސީލްކުރައްވާ ފުރަތަމަ ކައުންސިލަރަށެވެ.