ހޯރަފުށީ ފެން ބަންދުކުރާ ޕްލާންޓް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަނީ

ޢަބުދުﷲ ޙަމީދު

އަވަށްޓެރި އިންޑިއާގެ ހިލޭ އެހީގައި ހއ. ހޯރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ފުޅީގައި ފެން ބަންދުކުރާ ޕްލާންޓް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްން އިޢުލާނު ކޮށްފައިވާ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން ޖުމުލަ 6 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމާފާވައިވާއިރު ހޯރަފުށީގެ މަޝްރޫއުގެ ތަފްސީލް ދެއްވައި ފޮރިން މިނިސްޓަރު ޝާހިދު މީގެ ކުރިން ވިދާޅުވެފައިވަނީ ހޯރަފުށީގައި ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން ސަރުކާރުގެ އިދާރާތަކަށާއި، އޮފީސްތަކުގެ އިތުރުން އާންމު ތަންތަނަށް ބިއްލޫރު ފުޅީގައި ބަންދުކުރާ ފެން ފޯރުކޮށްދެމުން ދާނޭ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖެއިން ނައްތާލުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައި ވެއެވެ.

މި މަޝްރޫޢަކީ ހޯރަފުށީ ކައުންސިލްގެ ޙިއްސާ އޮންނަގޮތަށް ޖޮއިންޓް ވެންޗަރ ޢުޞޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ޕްލާންޓުން ދުވާލެއްގެ މައްޗަށް 10،000 އާއި 12،000 އާއި ދެމެދުގެ ޢަދަދަކަށް ބިއްލޫރި ފުޅީގައި ފެން ބަންދުކުރެވޭނެކަމަށް ފެނަކައިން މަޢުލޫމާތުދެއްވައެވެ.

ފެނަކަ ކޯޕަރޭޝަން އިން ގެޒެޓު ކޮށްފައިވާ އިޢުލާނުގައި ވާގޮތުން މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުތަކާއި އެއްގޮތަށެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އިން، އަދި އީމެއިލްގެ ޒަރިއްޔާއިން 22 އޭޕްރިލް 2021 އިން ފެށިގެން 02 ޖޫން 2021 ނިޔަލަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ލިބިވަޑައިގަންނަވާނެކަމަށް ފަނަކައިން ބުނެއެވެ.