އިމަގު ބާރަނަ ފުޓުސަލް ޗެލެންޖުގައި ބައިވެރިވުމުގެ ސުންގަޑި މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިހަވަންދޫގެ މަސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފުޓުސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެޖަމިއްޔާއިން ހުޅުވާލައިފިއެވެ.

އިމަގު ޖަމިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި މި މުބާރާތަކީ އިހަވަންދޫ ގެ މަސްވެރިންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވާ އާލާކުރުމަށާއި، ރަށުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމަށާއި، ރަށުގެ މަސްވެރިންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށާއި، ރަށުގެ މަސްވެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކޮށް، ފުޓުސެލްއަށް އަހުލުވެރި މަސްވެރި ޒުވާން ޖީލެއް އުފެއްދުމުގެ މަޤްޞަދުގައި އެޖަމިއްޔާއިން ބާއްވާ ފުޓްސަލް މުބާރާތެކެވެ.

ބާރަނަ ޗެލެންޖުގައި ބައިވެރިވެވޭނީ އިހަވަންދޫ ގެ މަސްވެރިންނަށް ކަމަށާއި މި ގޮތުން އިހަވަންދޫ ގައި ދުއްވާ ދޯނި ފަހަރުގެ ތެރެއިން ކަންނެލީގެ މަސްވެރިކަމާއި ކަނޑު މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަން ކުރުމަށް ރަޖިސްޓްރީކޮށްފައިވާ އިހަވަންދޫ ގެ ކޮންމެ މަސްވެރި ދޯންޏެއްގައި މަހަންދާ ކޮންމެ މަސްވެރިއަކަށް އެ ދޯންޏެއްގައި މަހަށްދާތާ ދޮޅުމަސް ދުވަސް (45 ދުވަސް) ވެފައިވާ ކޮންމެ މީހަކަށް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އިމަގު ޖަމިއްޔާއިން ހާމަކުރައްވައެވެ.

މަސްވެރި ފިރިހެނުންނަށް އަމާޒުކުރެވޭ މިމުބާރާތުގައި  ކޮންމެ ޓީމެއްގައި ވެސް މަސްވެރިކަމުގައި ހަރަކާތްތެރި ނުވާ 3 ކުޅުންތެރިއަކު ޓީމް ލިސްޓްގައި ހިމެނުމުގެ ފުރުސަތު މުބާރާތް ހިންގާ ޤަވާއިދުން ވަނީ ދީފައެވެ. ނަމަވެސް ކުޅެން އެރޭނީ އެއް ފަހަރާ ދެ ކުޅުންތެރިންނަށް ކަމަށް ޤަވާއިދުގައި ވެއެވެ.

އިމަގު ބާރަނަ ޗެލެންޖުގައި  ބައިވެރިވުމަށްއެދޭ ފޯމު ފުރުއްވުމަށްފަހު، ހުށަހަޅަންޖެހޭ ސުންގަޑިއަކީ، 10 މޭ 2021 ވާ ހޯމަ ދުވަހުގެ  ކުރިންނެވެ. މިފޯމު އިމަގު ޖަމިއްޔާގެ ރަސްމީ ފޭސްބުކު ޕޭޖުން ޑައުންލޯޑު ކުރެވޭނެ އެވެ.

އިމަގު ބާރަނަ ޗެލެންޖުގައި ބައިވެރިވުމަށް އެދޭ ފޯމު