Banner Image Description

ހއ. ދިއްދޫ މޮނިޓަރިންނަށް

ޢަބުދުﷲ ޙަމީދު

ހއ. ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ފައްސި ވެފައިވާކަން އެނގިފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. އޭނާގެ ސާމްޕަލް ނަތީޖާ ލިބިފައި ވަނީ އިއްޔެ ހަވީރުއެވެ.

ފްލޫ ކްލިނިކަށް ދެއްކި ފަހުންނާއި މިހާރު ވެސް އެ މީހާ ހުރީ ކަރަންޓީނު ކޮށްފައި ކަމަށާއި، އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެނގިފައިވެއެވެ.

ހއ. ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަކީ ހއ. އަތޮޅުގެ ގިނަ ރަށްތަކުން ބަލިމީހުން ފަރުވާ ހޯދުމަށް އެހޮސްޕިޓަލަށް ޒިޔާރަތް ކުރާ ހޮސްޕިޓަލެކެވެ.

ހެލްތު ޕުރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖޭން 400 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު 5،000 އަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. މިއީ އެއް ވަގުތެއްގައި ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު މީގެ ކުރިން ނުދާހާ މަތީ އަދަދެކެވެ.