Banner Image Description

ތިން މީހަކު ޕޮޒިޓިވްވެ، ކުޅުދުއްފުށިސިޓީ މޮނިޓަރިންއަށް

ޢަބުދުﷲ ޙަމީދު

ހދ.ކުޅުދުއްފުށިން އިތުރު 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންއަށް ލައިފިއެވެ.

ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވަނީ ބަލީގެ ޢަލާމާތްތަށް ހުރެގެން އިއްޔެ ފުލޫ ކްލިނިކަށް ދެއްކި މީހަކާއި އެމީހާޔާ ގުޅުންހުރި އިތުރު ދެމީހުންކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

އިތުރު 3 މީހުން ކޮވިޑް-19އަށް ޕޮޒިޓިވް ވުމާގުޅިގެން ކުޅުދުއްފުއްޓަށް އަރާއި ފޭބުން ވަނީ މަނާކޮށްފައެވެ. ޕޮޒިޓިވްވި ތިންމީހުންވެސް މިހާރު ވަނީ ހޯމް ކަރަންޓީންގައެވެ. ޕޮޒިޓިވްވެފައިވަނީ ދެ މަފިރިއަޔާއި އެމީހުންގެ އާއިލާގެ އިތުރުން މީހެކެވެ. އެއީ ޢުމުރުން 24 އަހަރާއި 35 އަދި 33 އަހަރުގެ މީހުންނެވެ.

މި ކޭސްއާ ގުޅުން ހުރި އިތުރު މީހުންގެ ސާމްޕަލްތައް މިއަދު ނެގޭނެ  ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

ކޭއާރު އެޗް އިން ވަނީ މިހާލަތުގައި އެންމެހާ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސް ކުރައްވާފައެވެ. އެގޮތުން މާސްކު އެޅުމާއި، ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ކޮންމެހެން ދާން ޖެހޭ ތަންތަނަށް  މެނުވީ ނުދިއުމާއި، ރޯގާގެ އަލާމާތްތައް ހުރި ނަމަ ލަސްނުކޮށް ސާމްޕަލް ނެގުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސް ކޮށްފައި ވެއެވެ.

ކޭއާރު އެޗްގެ ކޮވިޑް-19 ހޮޓްލައިންއަކީ 7606688 އެވެ. ރާއްޖޭގެ ކޯވިޑް ހާލަތު އަދިވެސް އޮތީ ވަރަށް ގޯސްކޮށެވެ. އިއްޔެ ވެސް ވަނީ ރާއްޖެއިން 402 މީހަކު މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖެއިން މިހާރު ވަނީ 30 ހާހަށް ވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައެވެ.