Banner Image Description

އުދަ އެރުމުން އިހަވަންދޫ، ލިންކް ރޯޑް ގިރާލައިފި!

މުޙައްމަދު އަކުރަމް

ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރާގައި މިދިޔަ ހުކުރުދުވަހު އިހަވަންދޫއަށް އުދައެރުމުގެ ސަބަބުން އިހަވަންދޫ ވަށައިގެން ހަދާފައިވާ މަގު (އިހަވަންދޫ މީހުން ކިޔާގޮތުން ނަމަ “ލިންކް ރޯޑް”) ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެއެވެ.

އުދަ އެރުމުގެ ސަބަބުން، އެއް ކިލޯމީޓަރަށްވުރެ ދިގެ އެމަގުގެ 700 މީޓަރަށްވުރެ ބޮޑު ބައެއް ވަނީ ގާތްގަނޑަކަށް އެއްކޮށްހެން ގިރާލާފައެވެ. ގިރާފައިވާ ސަރަހައްދަށްވަނީ ގިނަ އަދަދަކަށް ގާ ޖަމާވެ، ހިނގާ ބިނގާ ނޫޅެވޭ ވަރުވެފައެވެ.

“ލިންކް ރޯޑަކީ” އިހަވަންދޫގެ ހުޅަގުފަރާތުން ރަށްވަށައި ދުއްވޭގޮތަށް ހަދާފައިވާ މަގެކެވެ. އެއީ 2010 ވަނަ އަހަރު އިހަވަންދޫގެ ބަނދަރު ބޮޑުކުރިއިރު އެސަރަހައްދުންނެގި 31،000 ކިއުބިކް މީޓަރުގެ ވެލީގެ ތެރެއިން 24،000 ކިއުބިކް މީޓަރު ވެލި އަޅައިގެން ހަދާފައިވާ މަގެކެވެ. ހަވީރު ފިންޏަށް ދުއްވާ މީހުންނާއި، ހިނގާލަން ނުކުންނަ މީހުންގެ އިތުރުން، ކަސްރަތުކުރާ މީހުންވެސް ބޭނުންކުރާ އެމަގަކީ ރަށުގެ ރައްޔިތުންގެ ދިރިއުޅުމާއި ވަރަށްބޮޑަށް ގުޅިފައިވާ މަގެކެވެ. ރަށުގެ ބޮޑެތި މަގުތަކުގައި ނަރުދަމާ އަޅާފައި އޮންނާތީއާއި އެކު، މަގުތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ރަށުގެ ބައެއް ސަރަހައްދުތަކަށް ހެވީ ވެހިކަލް ގެންދަނީވެސް “ލިންކް ރޯޑުން” ލައިފައެވެ.

2020 ވަނަ އަހަރުން ފެށިގެން ދެތެރެ ދޭތެރެއިން “ލިންކް ރޯޑަށް” އުދަ އަރައި އެމަގަށް ކޮންމެވެސް ވަރަކަށް ގާ ޖަމާވެއެވެ. އެހެން އެކަން ވުމުން ކައުންސިލުން އެމްޓީސީސީގެ އެހީތެރި ކަމާއިއެކު މަގު ސާފުކޮށް ބޭނުންކުރެވޭވަރު ކުރަނީއެވެ. އާނމުކޮށް އެސަރަހައްދަށް މަސްބާނަންދާ މީހަކު ބުނީ، 2010 ގައި އެމަގު ހެދިފަހުން އެމަގަށް އެހާބޮޑަށް ގެއްލުން ނުވާކަމަށާއި، އާމުން އެސަރަހައްދަށް ބޭނުންނުކުރާ ގާ އުކަމުން ދިއުމުން މަގުގެ ބައެއް ސަރަހައްދުތައް ކޮޑަކޮށް ފުޅާވަމުން އައި ކަމުގައެވެ. ނަމަވެސް 2020 ވަނައަހަރު ހޯރަފުށީ އެއާޕޯޓް އަޅަން ހިއްކަން ފެށިފަހުން، އެތެރެވަރީގެ އޮއެވަރަށް އައި ބަދަލާއިއެކު އެސަރަހައްދަށް ދޭތެރެ ދޭތެރެއިން އުދަ އަރާ ގެއްލުންވަމުން ދިޔަކަމުގައެވެ.