ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރިއްޔާ: ކައުންސިލް ރައީސް

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބުނު އެހީތެރިކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް ޝުކުރު ދަންނަވައިފިއެވެ.

އިހަވަންދޫ ކައުންސިލްގެ ރަސްމީ ފޭސްބުކު ޕޭޖު މެދުވެރިކޮށް މިއަދު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ދެއްވި ވީޑީއޯ މެސެއްޖެގައި ވަނީ ކައުންސިލްގެ ތިންވަނަ ދައުރުގައި ރައްޔިތުންނަށް ޚިދުމަތް ކުރަން ލިބި ފާއިތުވި 3 އަހަރާ 11 މަހުގެ މުއްދަތުގައި ކުރެވުނު އެންމެހާ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާ ބެހެއްޓެވި ގާތްކަމާއި އަދާކުރި ކިޔަމަންތެރިކަމަށް އިހަވަންދޫގެ އެންމެހާ ލޮބޮވެތި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

މިދައުރުގައި ރައްޔިތުންނަށް އިހްލާސްތެރި މަސައްކަތެއް ކޮށްދެވޭތޯ ބަލާފައިވާނެ ކަމަށް ފާހަގަ ކުރައްވާ، ވަގުތާ، ހާލަތާ ވަސީލަތްތަކާއި އާއްމަދަނީއަށް ބެލިގެން ގިނަ ޚިދުމަތްތަކެއް ދެބުނު ކަމުގެ އިހްސާސް ކުރެވޭކަން ފާހަގަ ކުރައްވަމުން ރަޝީދު ވިދާޅުވީ “ބޯހިޔާވަހިކަމަށް 200 ބަންޑާރަ ގޯތި ދެވި، ކުނިކޮށްޓަށް ދާއިމީ ހައްލެއް ހޯދުމަށް ބަޖެޓެއް ހޯދެވި، ފެރީޓާމިނަލެއް އެޅުމަށް އަމަލީ މަސައްކަތް ފެށި، ޓްރެކް ހެދުމުގެ މަސައްކަތާ، ޕުރީ ސުކޫލް އަލުން ހެދުމުގެ މަސައްކަތާ، އޯކިޑުވިލާގައި ތިންބުރީގެ އިމާރާތެއް ހެދުމުގެ ޑިޒައިން މަސައްކަތެ ކުރުމަށް ބަޔަކާ ހަވާލު ކުރެވި”ފައިވާ ކަމަށެވެ.

“ބަނދަރުގެ ދަތިތަކަށް އެދެވޭ ހައްލެއް ނިމުމުން ލިބިގެންދާނޭމަގަށް އިދާރީ އެންމެހާ މަސައްކަތެއް ލިޔެކިޔުމުގެ ދާއިރާއިން ވަނީ ކުރެވިފައި. ބިން ހިއްކުމުގެ ޑިޒައިންގެ މަސައްކަތާއި އީއައިއޭ ނިމި އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ އެވަނީ ހަވާލުކުރެވިފަ. ޒުވާނުންގެ ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ. ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ހޮސްޕިޓަލުގެ މަސައްކަތަށް އިދާރީ އިންތިޒާމުތައް ވާނީ ހަމަޖައްސަދީފަ.” ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ނިމިދިޔަ މިދައުރުގައި ތަފާތު ގޮންޖެހުންތަކާއެކުވެސް ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލް މެމްބަރުން ކުރެއްވި މަސައްކަތް ފާހަގަ ކުރައްވާ، ކައުންސިލް ހިންގުމުގައި ސަރުކާރުގެ މުައްސަސާތަކުގެ ވެރިންނާ މުވައްޒަފުންގެ ފަރާތުން ދެއްވި އެހީތެރިކަމާ އެއްބާރުން ރަޝީދުގެ ވަދާޢީ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ. ރަށުގެ ކުލަބު ޖަމިއްޔާތަކާއި ޒުވާނުންނާއި ފުޓުބޯޅަ ޓީމުތަކުން ވެދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކޮށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރުގެ ފަރާތުން ލިބިލެއްވި އެހީތެރިކަމަށް ރަޝީދު ވަނީ ޝުކުރު ދަންނަވާފައެވެ.

ކޮވިޑުގެ ބަލިމަޑުކަމުގައި އެހެނިހެން ރަށްތަކަށް ދިމާވި ނުރައްކާތެރި ގޮތްތައް އިހަވަންދޫއަށް ދިމާނުވެ ހިފެހެއްޓިފައި މިއޮތީ ރަށުގެ އީއޯސީން ކަނޑައަޅާފައިވާ އުސޫލުތަކާ ނިންމާފައިވާ ނިންމުންތަކަށް ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ފުރިހަމަ އެހީތެރިކަމުގެ ސަބަބުންކަން ފާހަގަކުރައްވަމުން ރަޝީދު ވަނީ ކުރިއަށް އޮތްތާވެސް ކޮވިޑުގެ ވަބާއިން ސަލާމަތްވުމަށްޓަކައި އަޅަމުންދާ އެންމެހާ ފިޔަވަޅުތަކާ ކުރަމުންދާ މަސައްކަތަށް އެހީތެރިކަމށް އެއްބާރުލުން ދެއްވުމަށް އިހަވަންދޫގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.