ޖުމުލަ 6 ޓީމާއެކު މަސްރޭހަށް ތައްޔާރު

ޢަބުދުﷲ ޙަމީދު

މިއަހަރުގެ މަސްވެރިންގެދުވަހާ ދިމާކޮށް އިހަވަންދޫ ކައުންސިލުން އިމަގު (އިހަވަންދޫ މަސްވެރިންގެ ގުޅުން) ޖަމިއްޔާއާ ގުޅިގެން ބާއްވާ މަސްރޭހުގައި ޖުމުލަ 6 ޓީމެއް ބައިވެރިވެފައިވާ ކަމަށް ކައުންސިލުން ހާމަކޮށްފިއެވެ.

މަސްވެރިކަމުގެ ހުނަރާއި ކާބަފައިން ކުރަމުން އައި މަސްވެރިކަމުގެ ރޫޙު ރައްޔިތުންގެ މެދުގައި އަށަގެންނެވުމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެކުގައި މަސައްކަތް ކުރުމާއި، ޤައުމީ އަދި ވަތަނީ ރޫޙާއި އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ބޭއްވޭ މި މަސްރޭހުގައި ބައިވެރިވެފައިވާ ޓީމުތައް މަހަށް ދިއުމަށް ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.

މަސްރޭސް ފެށުމާއި ނިންމުމުގެ ހަރަކާތްތައް އިހަވަންދޫ އޯޕަން ސްޓޭޖު ސަރަހައްދުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާއިރު، މަސްރޭސް ނިންމުމުގެ ހަރަކާތް އޮންނާނީ މިރޭ 9:00 ގައެވެ.

މިމުބާރާތުގައި ބައިވެރިވާ ދޯނިތަކަށް ޓޫފޯޓޫ ފިއުލް ސަރވިސްގެ ފަރާތުން ހިލޭ ތެޔޮ ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސްރޭހުގެ އިނާމުތައް މިފްކޯ އިން ސްޕޮންސަރ ކޮށްފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ. މިމުބާރާތުގެ އެއްވަނަ ޓީމަށް 3500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު 2 ވަނަ ޓީމަށް 2000 ރުފިޔާ އަދި ތިންވަ ޓީމަށް 1500 ލިބޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން  މިމަސްރޭހުގައި ޓީމު ތަކުން ބާނާ މަސްތަކުގެތެރެއިން އެއްމެ ބަރުމަހެއް ބޭނި މީހަކަށާއި އެންމެ ގިނަ މަސް ބާނާ މީހާއަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް ކައުންސިލުން ބުނެއެވެ.