ރައީސާ އަކަށް ރަޝީދާ، ނައިބަކަށް ނަޝީދާ އިންތިހާބުކޮށްފި!

މުޙައްމަދު އަކުރަމް

އަލަށް އިންތިހާބު ކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ރަޝީދާ ހަސަން އަދި ނައިބް ރައީސާކަމަށް ނަޝީދާ އަބުދުﷲ އިންތިހާބު ކޮށްފިއެވެ. މިމަޤާމްތައް އިންތިހާބު ކޮށްފައިވަނީ ދެންމެބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެމަގާމަށް ކުރިމަތިލާފައިވަނީ ރަޝީދާ ހަސަން އަދި ހައްވާ މޫސާ އެވެ. ރަޝީދާ ހަސަން އަށް 3 ވޯޓް ލިބުނުއިރު ހައްވާ މޫސާއަށް ލިބުނީ 2 ވޯޓެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބް ރައީސާ ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެމަގާމަށް ކުރިމަތިލާފައިވަނީ ނަޝީދާ އަބުދުﷲ އަދި ހައްވާ ހަސަންއެވެ. ނަޝީދާ އަށް 3 ވޯޓް ލިބުނުއިރު ހައްވާ ހަސަންއަށް ލިބުނީ 2 ވޯޓެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދުގެ މެންދުރާއި ހަމަޔަށް އެމްޑީޕީއިން ނިންމާފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ނަޝީދާ އަބުދުﷲ އަދި ނައިބް ރައީސާކަމަށް ރަޝީދާ ހަސަނަށް ވޯޓް ދިނުމަށެވެ. ނަމަވެސް ފަހުންވަނީ އެނިންމުން ބަދަލުކޮށްފައެވެ.

5 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އަންހެނުންގެ ކޮމިޓީގެ އަގުލަބިއްޔަތު އޮންނަނީ އެމްޑީޕީއަށެވެ.