އެއްހަމަ ހަވީރުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް އެބަދޭ: އިހަވަންދޫ ވޮމެންސް ކޮމިއުނިޓީ ގުރޫޕު

އަޙްމަދު ޢާޞިމް

2020 ޑިސެމްބަރު 12 ވާ ހޮނިހިރު ދުވަހު ހަވީރު 4:00 ގައި އެއްހަމަ ހަވީރުގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ. މިހަވީރުގައި ވީހާވެސް ގިނަބަޔަކު ޒިޔާރަތްކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް މިހަރަކާތް ރާއްވަވާ އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން ވިދާޅުވެއެވެ.

މިހަވީރަށް ތައްޔާރުވުމުގެ ގޮތުން ސުޓޯލްތައް ހެދުމާއި އެ ހަވީރާ ގުޅޭ އެހެން ކަންތައްތައް މި ހަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތްތައް ގުޅިގެން ވަރަށް ބާރަށް ކުރިއަށް އެބަދާކަމަށް އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން މި ނޫހަށް މައުލޫމާތު ދެއެވެ.

 އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުގެ ފަރާތުން މި ނޫހަށް މައުލޫމާތު ދެއްވާ ގޮތުގައި މި ހަރަކާތުގައި ޖުމުލަ ހަ ސުޓޯލެއް ހުންނާނެ ކަމަށެވެ. އެގޮތުން މިހަރަކާތަށް ފުލުހުންނާއި، ސުކައުޓުނާއި، ކުލަބު ޕޯލްސްޓާރ އާއި، ފެނަކައާއި، އާމިނާދިއޯ ހެލްތު ސެންޓަރުންނާއި، އިމަގުން ސުޓޯލް ތައްޔާރު ކުރައްވައެވެ.

މި ހަވީރުގެ އެންމެ ހާއްޞަ ހަރަކާތަކީ ހާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ހާއްޞަކޮށް ކުރިއަށް ގެންދާ ޓެލެންޓު ޝޯކަމަށް އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން ހާމަކުރެއެވެ. އަދި ހަމަ އެހެންމެ މި ހަރަކާތަށް ޒިޔާރަތްކުރާ ކޮންމެ ކުއްޖަކަށްވެސް ހަދިޔާއެއް ވެސް ލިބޭނެ ކަމަށާއި، މި ހަރަކާތުގެ ބޮޑު އިނާމު ސުޕޮންސާ ކޮށްފައިވަނީ ޗާލީން ކަމަށްވެސް އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން މި ނޫހަށް މަޢުލޫމާތު ދެއެވެ.

މިހަވީރުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުން ކަމަށާއި، އަޅުގަނޑުމެން އެންމެންވެސް ތިބީ އެފަރާތްތަކާ އެކުގައިކަން އެފަރާތްތަކަށް އިހުސާސް ކޮށްދީ، އެފަރާތްތަކުގެ އިހުސާސްތައް އަޑުއަހައި ، މުޖުތަމަޢުގެ ތެރޭގައި ބައިވެރިވެ އުޅުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އިހަވަންދޫ ވޮމިންސް ކޮމިއުނިޓީ ގުރޫޕުން މައުލޫމާތު ދެއެވެ.