Banner Image Description

މަސްރޭސް ކާމިޔާބު ކުރީ ރުއްގަނޑު ޓީމު

ޢަބުދުﷲ ޙަމީދު

މިއަހަރުގެ މަސްވެރިންގެދުވަހާ ދިމާކޮށް އިހަވަންދޫ ކައުންސިލުން އިމަގު (އިހަވަންދޫ މަސްވެރިންގެ ގުޅުން) ޖަމިއްޔާއާ ގުޅިގެން ބޭއްވި މަސްރޭސް، މިމުބާރާތުގައި ބައިވެރިވި ހަމައެކަނި ކަނބަލުންގެ ޓީމުން ކާމިޔާބުކޮށްފިއެވެ.

 ޖުމުލަ 5 ޓީމެއް ވާދަ ކުރި މިމުބާރާތުގައި ރުއްގަނޑުން ޓީމުން ވަނީ ޖުމުލަ 36 ކިލޯގެ މަސް ބާނާފައެވެ. އެޓީމާ ވާދަކުރި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ޓީމުން ވަނީ 35 ކިލޯގެ މަސް ބާނާފައެވެ. މުބާރާތުގެ 3 ވަނަ އަށް ހޮވިފައި ވަނީ 26 ކިލޯ މަސް ބޭނި އަމާޅޭ ޓީމެވެ. މިމުބާރާތުގެ އެއްވަނަ ޓީމަށް 3500 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު 2 ވަނަ ޓީމަށް 2000 ރުފިޔާ އަދި ތިންވަ ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާމު ދީފައި ވެއެވެ. ރޭ އިހަވަންދޫ އޯޕަންސްޓޭޖު ސަރަހައްދުގައި ކުރިއަށްދިޔަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިމުބާރާތުގައި ބައިވެރިވެ ވަނަ ހާސިލް ނުކުރެވުނު ދެޓީމު، އިހަވަންސޫ ސުކޫލު، އަދި މަސް ސޯސް ޓީމަށް ވަނީ ހިތްވަރުދިނުމުގެ އިނާމެއް ދީފައެވެ.

މިމުބާރާތުގައި އެންމެ ގިނަ މަސް ބޭނި ފަރާތަކަށް ހޮވިފައި ވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން ޓީމުގެ އިބުރާހިމް ޝަފީގު އެވެ. އެބޭފުޅާ ވަނީ ޖުމުލަ 14 މަސް ބާނާފައެވެ. މިމުބާރާތުގެ އެންމެ ބަރު މަސް ބާނާފައި ވަނީ ރުއްގަނޑު ޓީމުގެ ހުސެއިން ޢަބުދުﷲ އެވެ. އެބޭފުޅާ ވަނީ ބަރުދަނުގައި 14.5 ކިލޯހުރި މަހެއް ބާނާފައެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް ވަނީ މި މަސްރޭސް ކުރިއަށްގެންދިއުމުގައި މިފްކޯ އަދި ޓޫފޯޓޫ ފިއުލް ސަރވިސް އިން ދެއްވި އެހީތެރިކަން ފާހަގަކޮށްފައިވެއެވެ. މިގޮތުން މިމުބާރާތުގައި ބައިވެރިވި ދޯނިތަކަށް ޓޫފޯޓޫ ފިއުލް ސަރވިސް އިން ވަނީ ހިލޭ ތެޔޮ ހަދިޔާކޮށްފައެވެ. މިމުބާރާތުގެ އިނާމުތަކަށް ޖުމުލަ 8000 ރުފިޔާގެ އެހީތެރިކަމެއް މިފްކޯ އިން ވަނީ ވެދެއްވާފައެވެ.