މަދަނީ ޖަމިއްޔާއެއްގެ ގޮތުގައި IWCG ރެޖިސްޓަރ ކުރުމުގެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރިއަށްދާކަމަށް އެ ގުރޫޕުގެ ރައީސާ ފާތިމަތު ޝާއިރާ ވިދާޅުވެއްޖެއެވެ. ރެޖިސްޓަރވުމަށް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގެ މަސައްކަތްތައް ނިމިފައިވާކަމަށާއި ކުރިއަށް އޮތް 2 ހަފްތާ ތެރޭ ރެޖިސްޓަރ ކުރެވޭނެކަމުގެ ޔަގީންކަން ޝާއިރާ ވަނީ މި ނޫހަށް ދެއްވާފައެވެ.
ރަޖިސްޓަރވުމުގެ ގޮތުން އިފްތިތާހީ ޖަލްސާއެއް ބޭއްވުމަށް މަޝްވަރާކުރަމުންދާކަމަށާއި ކޮވިޑްގެ މި ބަލިމަޑުކަމުން އަރައިގަނެވުނުހާ އަވަހަކަށް ޖަލްސާ ބާއްވާނޭކަމަށް ޝާއިރާ ވިދާޅުވިއެވެ.
ގުރޫޕު ރެޖިސްޓަރ ކުރުމަށް ނިމިދިޔަ އަހަރުގެ ތެރޭގައިވެސް މަސައްކަތް ކުރެވުނުކަމަށާއި ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މަސައްކަތްތައް މަޑުޖެހުނުކަން ފާހަގަކުރައްވާފައިވާއިރު ރަޖިސްޓަރކުރުމަށްފަހު އިހަވަންދޫގެ ރައްޔިތުން ބަލައިގަންނާނެ ފަދަ ތަފާތު ގިނަ ހަރަކާތްތަކެއް ހިންގާނޭކަމުގެ ޔަގީންކަން ޝާއިރާ ވަނީ ދެއްވައިވައެވެ.
މިއީ ފޭސްބުކް ޕޭޖް މެދުވެރިކޮށް އިހަވަންދޫގެ ކަނބަލުން ބާރުވެރިކުރުވުގެ ބޭނުމުގައި އުފައްދާފައިވާ ގުރޫޕަކަށްވީ ނަމަވެސް ރެޖިސްޓަރ ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އިހަވަންދޫގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްވެސް ޖަމިއްޔާގެ މެމްބަރަކަށްވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ޖަމިއްޔާގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތުވެސް އިހަވަންދޫގެ 18 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށް އޮންނާނެކަމަށް ރައީސާ ފާތިމަތު ޝާއިރާ ވިދާޅުވިއެވެ. ހަރަކާތްތައް މިވަގުތަށް މަޑުޖެހިފައިވީ ނަމަވެސް IWCG ރެޖިސްޓަރކުރުމަށްފަހު ގިނަ ހަރަކާތްތަކެއް ހިންގާނޭ ކަމުގެ އުއްމީދު އެބައޮތެވެ.