Banner Image Description

ރަށުގެ ބަނދަރުން ފެނާއި ކަރަންޓް ލިބޭނެ އިންތިޒާމް ފެނަކަ އިން ހަމަޖައްސަނީ

މުހައްމަދު ޢަބުދުއްޞަމަދު

އިހަވަންދޫގެ ބަދަރުގެ މަސައްކަތް ނިމިގެންދާއިރު، ރަށުގެ ބަނދަރުން ފެނާއި ކަރަންޓްގެ ޚިދުމަތް ލިބޭނެ އިންތިޒާމް ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން ހަމަޖައްސާނެ ކަމަށް ފެނަކަ އިހަވަންދޫ ބްރާންޗް ޑެޕިއުޓީ މެނޭޖަރ އަލްފާޟިލް މުޙައްމަދު ސަމީރު ވިދާޅުވެއްޖެ  އެވެ.

ސަމީރު ވިދާޅުވީ، މިމަސައްކަތަކީ ފެނަކަ ހއ.އިހަވަންދޫ ބްރާންޗްގެ އައު އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް،  ފެނަކާގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސަޢީދު މުހައްމަދު އިހަވަންދުއަށް ކުރެއްވި ދަތުރުގައި އޭނާގެ އަރިހުގައި، އޭރުގެ ކައުންސިލާއި ރައްޔިތުންގެ މަޖުލީހުގެ އިއްޒަތްތެރި މެންބަރު މުހައްމަދު ޝިފާއު އެދިލެއްވުމުގެ މަތިން ރަށުގެ ބަނދަރުން ފަސޭހަ ކަމާއިއެކު މަސްވެރިންނަށް ފެން އަދި ކަރަންޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ތެރެއިން ކުރެވެމުންދާ މަސައްކަތެއް ކަމަށެވެ.

އިހަވަންދޫ ބަނަދަރުގައި އިމާރާތްކުރާ ފެރީޓާމިނަލް ކައިރީގައި ބަހައްޓާ ފެންފޯރު ކޮށްދޭ ސްޓޭޝަންގެ ކުރެހުމެއް:

” މި އެދުމުގެ މަތިން ، ރަށުގެ 3 މައިޒާނަކަށް ފެނާއި ކަރަންޓް ލާދިނުމަށް ވަނީ ނިންމާފައި. އަދި ކުނިގޮނޑަށް ކުންފުނީގެ ފަރާތުން ކަރަންޓް ލާދިނުމަވެސް ވަނީ ނިންމާފައި. އަދި އެކަމަށް ބޭނުންވާ ތަކެތި ވަރަށް އަވަހަށް ލިބޭނެ. މިހާރުވެސް ވަނީ ބައެއްތަކެތި ލިބިފަ. އެހެންވީމާ، މިމަސައްކަތް ކައިރި މުސްތަޤުބަލެއްގައި ފެށިގެން ދާނެ” އިހަވަން އޮންލައިން އަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ސަމީރު ވިދާޅުވިއެވެ. މިޕޮރޮޖެކްޓްގެ ތެރެއިން މުޅިބަނދަރު ވަށައިގެން އެކިއެކި ހިސާބުތަކުގައި ޑިސްޓްރިބިއުޝަން މީޓަރތައް ބެހެއްޓުމަށް ވަނީ  ހަމަޖެހިފައެވެ.

އިހަވަންދޫގެ ބަނދަރުގައި ފެރީޓާމިނަލެއް އަޅާގޮތަށް ވަނީ ހަމަޖެހިފައި. މިމަސައްކަތް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައިި

ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ 98 އިންސައްތަ މަސައްކަތް  ނިމިފައިވާކަމަށް އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީން ވަނީ ހާމަކޮށްފައެވެ.