ނަފުސު ވަޔަށްކެހޭ ފައިނަލަށް

އިބްރާހިމް ނަޝީދު

މިހާރު ކުރިއަށްދާ 6 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި 4-1 ން އައި ކުލަބު ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ނަފުސު ވަޔަށްކެހޭ ކަށަވަރުކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ލީޑު ނެގީ ނަފުސު ވަޔަށްކެހޭ ޓީމުންނެވެ. މިގޯލު ކާމިޔާބުކޮށްދިނީ ޤައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ޖާޒީ ނަމްބަރ 9، އައްސަދު ޢަލީ (އަޑުބަރޭ) އެވެ. ދެވަނަ ހާފުގެ ކުޅުން ފެށުނުތަނާ އައިކުލަބުގެ ޖާޒީ ނަމްބަރ 9، މުޙައްމަދު ޝިފާޢު (ފޯސީ) ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެއްވެ. މިލަނޑާއެކު އައި ކުލަބުގެ އުއްމީދު އާވެފައިވަނިކޮށް ނަފުސު ވަޔަށްކެހޭ ޓީމުގެ ޖާޒީ ނަމްބަރ 5، ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ނަފުސު ވަޔަށްކެހޭ ޓީމު ކޮޅަށް އަނބުރާލި އެވެ. މިލަނޑާއެކު އައި ކުލަބުގެ ކުޅުންތެިންގެ ހިތްވަރު އެލިގެންދިޔަތަން ފެނުނެވެ. ނަތީޖާއެއްގެ ގޮތުން މޮޅަށް ކުޅެމުންދިޔަ ނަފުސު ވަޔަށްކެހޭ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން އައްސަދު ޢަލީ ލަނޑެއްޖަހައި ލީޑު ފުޅާކުރި އެވެ. މާނުރައްކާ ހަލަތަކެއް އައިކުލަބަށް ނުއުފެއްދިގެން އުޅެނިކޮށް ދެންފެނުނީ ނަފުސު ވަޔަށްކެހޭގެ އަށް ލިބުނު ޕެނަލްޓީއަކުން އެޓީމު އިތުރު ގޯލެއް ކާމިޔާބުކުރި ތަނެވެ. އެގޯލު ކާމިޔާބު ކޮށްދިނީ ޖާޒީ ނަމްބަރ 16، އާދަމް ޒާހިރު އެވެ.

31 ޑިސެމްބަރ، ހޯމަ ދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފައިނަލުގައި ނަފުސު ވަޔަށްކެހޭ ޓީމާ ދެކޮޅަށް ނިކުންނާނެ ޓީމެއް އިނގޭނީ މިރޭ ކުޅޭ ދެވަނަ ސެމީ ފައިނަލުގައި މާރަންދޫ ޔޫތު ސޮސައިޓީ އާއި އިރުވެލި ފުޓުބޯޅަ ޓީމު ބައްދަލުކުރާ މެޗަށްފަހު އެވެ.