Banner Image Description

އިހަވަންދޫ ކުޅުންތެރިންގެ ލަނޑުތަކާއެކު ފައިނަލުގެ ފަހު ޖާގައަށް އިރުވެލި

އިބްރާހިމް ނަޝީދު

މައިކަޕް ފުޓުބޯޅަ މުބާރާތުގައި ރޭ ކުޅުނު ދެވަނަ ސެމީ ފައިނަލްމެޗް ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ އިރުވެލި ފުޓުބޯލް ޓީމުން ހޯދައިފި އެވެ.

މާރަންދޫ ޔޫތު ސޮސައިޓީ ސިއްސުވާލުމަށްފަހު އިހަވަންދޫގެ ދެ ކުޅުންތެރިން ޖަހައިދިން ލަނޑުތަކާއެކު އިރުވެލި ފުޓުބޯލް ޓީމުން ރޭގެ މެޗު ކާމިޔާބުކުރީ 3-0 ންނެވެ. ދެޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނުނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. ދެވަނަ ހާފު ފެށުނު ތަނާހެން މާރަންދޫ ޓީމުގެ ހާފު މެދާހަމައިން އިރުވެލި ޓީމުގެ ޖާޒީ ނަމްބަރ 17، އަޙްމަދު މުނީޒު ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި އިރުވެލި ޓީމުން މެޗުގެ ލީޑު ނެގިއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން އިރުވެލި ޓީމުގެ ޖާޒީ ނަމްބަރ 11، ސައުދުﷲ ޢަބުދުއްރަޝީދު މަރަންދޫގެ ގޯލަށް ތިރިތިރިން ފޮނުވާލި ބާރު ބޯޅައެއް ކީޕަރ ނަގަން އުޅުމުގެ ތެރޭގައި ކީޕަރުގެ އަތުގައި ޖެހިފައި މަޑުމަޑުން ގޯލުގެ ތެރެއަށް ވެދެގެން އިރުވެލި ޓީމުގެ ލީޑު ފުޅާކުރި އެވެ. އޭގެ ފަހުން ދެޓީމަށްވެސް ލަނޑުޖަހާނެ ރަނުގެ ފުރުސަތު ތަކެއް ލިބުނު ނަމަވެސް ދެންވެސް ފެނުނީ މާރަންދޫ ޓީމުގެ ހާފު މެދާހަމައިން މުނީޒް ފޮނުވާލި ބާރު ބޯޅައެއް ގޮސް ގޯލުގެ ތެރެއަށް ވަދެގެން އިރުވެލި ޓީމުން އިތުރު ލަނޑެއް ކާމިޔާބު ކުރިތަނެވެ.

މިނަތީޖާއާއެކު އިރުވެލި ޓީމުން ވަނީ މުބާރާތުގެ ތާރީޙުގެ ތެރެއަށް ވަދެގެން ގޮހެވެ. މައިކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދި އިރުވެލި ފުޓުބޯޅަ ޓީމަށް ފައިނަލުގައި ބައްދަލު ކުރަންޖެހޭނީ 4 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވާ ނަފުސު ވަޔަށްކެހޭ ޓީމާ ދެކޮޅަށެވެ.