ހދ. ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
މިގޮތުން އެއަރޕޯޓްގެ ރަންވޭ ވަށާ ފެންސްޖެހުމުގެ މަސައްކަތާއި، ފެންސް ޖަހަންޖެހޭ ސަރަޙައްދުގެ ވަލުތެރޭގެ ގަސްތައްކޮށައި މުޅި ސަރަޙައްދު ސާފުކޮށް ރަންވޭން ފެށިގެން ކްލިއަރެންސް ބޭނުންވާ 500 މީޓަރު އޭރިއާއެއް އެއްކޮށް މިހާރު ވަނީ ސާފުކޮށް ނިންމާލައިފަ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
ހަނިމާދޫ އެއަރޕޯޓްގެ ރަންވޭގައި އެމްއެންޑީއެފް ނޮދަންއޭރިއާގެ ސިފައިން 1500 މީޓަރ ދިގުމިނުގެ ބޮޑު ސަރަޙައްދެއްގައި ފެންސް ޖެހުމުގެ މަސައްކަތް ކުރަމުންދާއިރު، ފެންސް ދަނގަޑުތައް ވެލްޑިންގ ކުރުމާއި ފެންސްގެ ބުޑު ހެދުމަށްޓަކައި ދެ ފޫޓްގެ އުސްމިނުގައި 500 މީޓަރުގެ ކޮންކްރީޓް ފާރުބުރިއެއް ރޭނުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މިިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 250 ފޫޓް މިހާރު ވަނީ ރާނާ ނިންމާފައެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކޮންކްރީޓްގެ މަސައްކަތް އެއްކޮށް ނިންމާ، ދާޖެހުމުގެ މަސައްކަތް ފެށޭނެ ކަމުގައި އެމްއެންޑީއެފް ނޮދަން އޭރިއާއިން މަޢުލޫމާތު ދެއެވެ.
ހަނިމާދޫ އެއަރޕޯޓު އިންޓަރނޭޝަނަލް ކުރުމުން އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނޭ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.